މިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރުން ފެށި ބަންކަރިންގެ ހިދުމަތުން އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވިދާޅުވުމަށްފަހު، އެ މޭރުމުން އެ ވާހަކަ ދައްކާފައިނުވާނެ ކަމަށް އިގްތިސާދާ ބެހޭ މިނިސްޓަރު މިއަދު ވިދާޅުވެއްޖެ އެވެ.
ބަންކަރިންގެ ހިދުމަތުން އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު ލިބޭނެކަމުގެ ޔަގީންކަން ވެރިކަން ހިންގާ ޕީއެންސީގެ ހަރުގޭގައި ޖުލައި 7، 2024، ގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސައީދު ވަނީ ދެއްވައިފަ އެވެ.
"ކޮބައިތޯ މިކަމުން [ބަންކަރިން އިން] އިކޮނޮމީއަށް އަންނަ ބަދަލަކީ. ހަމައެކަނި ފުރަތަމަ. މި ޖުލައި މަސް ނިމޭއިރުގަ ބަންކަރިންގެ ހިދުމަތް ފަށައިގެން އަންނަ އަހަރުގެ ޖުލައި އަންނަން ވާއިރު. އަޅުގަނޑުމެން އަންދާޒާކޮށްލިއިރު. އަޅުގަނޑު ދެންމެ މި ދެންނެވި ރާއްޖޭގެ ޖީޑީޕީ އަކީ 6.5 ބިލިއަން އެމެރިކާ ޑޮލަރު. އޭގެތެރެއަށް އިރާދަކުރެއްވިއްޔާ މުޅިން އައު 400 މިލިއަން ޑޮލަރު ވަދެގެން ދާނެ،" ސައީދު އެ ދުވަހު ވިދާޅުވި އެވެ.
ނަމަވެސް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ ކުރިން ވެސް ވިދާޅުވެފައިވާނީ 400 މިލިއަން ޑޮލަރު ހޯދުމުގެ ޓާގެޓާ ހަމައަށް ދިޔުމަށް މަސައްކަތް ކުރައްވާނެ ވާހަކަ ކަމަށެވެ.
"[އަޅުގަނޑު ވިދާޅުވީ] އޭގެތެރެއިން އެއް ޕަސެންޓަކީ ވެސް 400 އެއްހާ މިލިއަން ޑޮލަރޭ. އެ ޓާގެޓަށޭ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އަޅުގަނޑު އެއްވެސް ހާލެއްގައި، ކުރިން ވެސް އަދި މިއަދު ވެސް ނުދަންނަވަން، ހަމަ ބަންކަރިން ފަށާ ދުވަހު 400 މިލިއަން ޑޮލަރު ރާއްޖޭގެ ޖީޑީޕީ ތެރެއަށް ވަދެގެން ދާނެ ކަމަކަށް،" ސައީދު މިއަދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތަކީ ދުނިޔޭގެ ބޮޑު ވިޔަފާރިއެއް ކަމަށާއި އެތައް ބިލިއަން ޑޮލަރުގެ މި ވިޔަފާރީގެ ތެރެއިން ރާއްޖޭގެ އުތުރާއި ދެކުނުގެ ކަނޑުއޮޅިތަކުގައި ހިނގާ ވިޔަފާރިތަކުގެ އެއް ޕަސެންޓަކީ 400 މިލިއަން ޑޮލަރު ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.
ޕީއެންސީގެ ޖަގަހައިގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވެފައި އޮތީ ޖުލައި މަހުގެ ފަހުކޮޅު އުތުރުގައި ބަންކަރިން ފެށޭނެ ކަމަށެވެ.
އެ ހަބަރު އޭރު ގިނަ ނޫސްތަކުން ރިޕޯޓުކޮށްފައި ވެސް ވެ އެވެ. ނަމަވެސް، ބަންކަރިންގެ ހިދުމަތް ރޭވި ގޮތަށް ކުރިއަށްދާން ނުފެށުމުން ސައީދު ވަނީ މި ވާހަކައާ ދުރަށް ޖެހިވަޑައިގެންފަ އެވެ.
ބަންކަރިންގެ ހިދުމަތް ފެށިތާ ފަސް މަސްވެފައިވާއިރު މިހާތަނަށް އެ ހިދުމަތުން ކިހާވަރެއްގެ އާމްދަނީއެއް ލިބުނުތޯ މީގެ ކުރިން "އަދަދު" އިން ސުވާލުކުރުމުން ވެސް ސައީދު ވަނީ އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވަން ދެކޮޅު ހައްދަވާފަ އެވެ.
އެގޮތުން، އެ ހިދުމަތްދޭ ސަރުކާރުން ކުންފުނި އެސްޓީއޯއާ ހަވާލާދީ އޭނާ ވިދާޅުވީ މިހާތަނަށް ބަންކަރިންގެ ހިދުމަތް ދިނުމަށް އެ ކުންފުނިން ގެނައީ ތެލުގެ ދެ ޝިޕްމަންޓު ކަމަށެވެ. އަދި، އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ދިނުމަކީ ރާއްޖޭގައި އަލަށް ފެށި މަސައްކަތެއް ކަމަށާއި އެކަން ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން ސައީދު ފާހަގަކުރެއްވި އެވެ. މިއަދު ވެސް ސައީދު ވަނީ އެ ތަފުސީލުތައް ދޭން ދެކޮޅު ހަދައިފަ އެވެ.
ބަންކަރިންގެ ހިދުމަތުން އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ވިދާޅުވުމަށްފަހު ސައީދުގެ ވާހަކަ މިއަދު ބަދަލުވެއްޖެ ބަންކަރިންގެ ހިދުމަތުން އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ވިދާޅުވުމަށްފަހު ސައީދުގެ ވާހަކަ މިއަދު ބަދަލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ