ކައުންސިލްގެ ކުރެހުން ނެތަސް، ހިޔާވަހި ސްކީމަށް ހުށަހެޅޭ ގޮތަށް ބަދަލުކޮށްފި
ބޯހިޔާވަހިކަމަށް ދޫކުރާ 'ހިޔާވަހި ފައިނޭންސިން ސްކީމަށް' ލޯނަށް, މާލޭ ސިޓީ ކައުންސިލްގެ ކުރެހުން ނެތަސް ހުށަހެޅޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފިއެވެ. ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވީ، އެސްކީމަށް ހުށަހެޅުމުގައި ފާސްކޮށްފައިވާ ކުރެހުމެއް ހުށަހަޅަން ކަނޑައަޅާފައި ވަނީ ބޭންކުތަކުން އެ ކުރެހުން ބޭނުންވާތީ ކަމަށެވެ. ނަމަވެސް، އެ ސްކީމަށް ހުށަހަޅަން ބޭނުންވާ މީހުން މާލޭ ސިޓީ ކައުންސިލަށް ކުރެހުން ހުށަހަޅައިގެން ފާސްކުރުމަށް ގިނަ ވަގުތު ބޭނުންވާތީ ކައުންސިލްގެ ކުރެހުން ނެތަސް އިންޖިނިއަރާއި އާކިޓެކްޓް ސްޓޭމްޕުކޮށްފައިވާ ކުރެހުމަކާއެކު ލޯނަށް ހުށަހެޅޭ ގޮތަށް އުސޫލަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. https://x.com/muththo/status/1914295441581301763?s=46&t=i0PbkRfewbPQFJubLR8SHg އަދި އިވެލުއޭޝަންގެ މަސައްކަތް ކުރިއަށްދާއިރު، ފާސްކުރި ލިޔުން ހުށަހަޅަން ފުރުސަތު ދޭނެ ކަން މުއްތޮލިބް ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމަށްވާ، ބޯހިޔާވަހިކަމަށް ގެދޮރު އިމާރާތްކުރުމަށް ފަސް ޕަސެންޓުގެ އިންޓަރެސްޓަށް ވުރެ ބޮޑު ނޫން އިންޓަރެސްޓު ރޭޓުގައި ލޯނު ދިނުމަށް އެ ސްކީމް އިފުތިތާހުކުރީ މިދިޔަ ނޮވެންބަރު ފަހެއްގައެވެ. މި ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް މިއަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ވަނީ ޚާއްސަކޮށްފައެވެ. https://sun.mv/198772 މީގެ ކުރިން ރައީސް މުއިއްޒު ވަނީ، މި ސްކީމަކީ އެންމެ ފަހަރަކު ކުރިއަށް ގެންދާނެ ކަމެއް ނޫން ކަމަށާއި މިއީ ދާއީމީ ގޮތެއްގައި ކުރިއަށް ގެންދާނެ ފައިނޭންސިން ސްކީމެއް ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ އެއް ބިލިއަން ރުފިޔާ އިންވެސްޓުކޮށްގެން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު އަހަރު ތެރޭ ދޫކުރެވޭނެ ކަމަށެވެ. މި ލޯނަސް ކުރިމަތިލާން ހުޅުވާލަފައިވަ އިރު، ފުރުސަތު ހަމަވާނީ މިމަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ