މަޖިލީހުގެ 88 މެމްބަރަކު ޑިޕްލޮމެޓިކް ޕާސްޕޯޓު ނަގައިފި، އެއާޕޯޓު ވީއައިޕީއަށް މިދިޔަ އަހަރު 700،000ރ. ހަރަދުކުރި މަޖިލީހުގެ 88 މެމްބަރަކު ޑިޕްލޮމެޓިކް ޕާސްޕޯޓު ނަގައިފި، އެއާޕޯޓު ވީއައިޕީއަށް މިދިޔަ އަހަރު 700،000ރ. ހަރަދުކުރި

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 88 މެންބަރަކު ޑިޕްލޮމެޓިކް ޕާސްޕޯޓު ނަންގަވާފައިވާ ކަމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުންކުރަން މެންބަރުން މިދިޔަ އަހަރު ހަތް ލައްކަ ރުފިޔާ ހަރަދުކުރި ކަމަށް މަޖިލިސް އިދާރާއިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިފަދައިން ބުނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާންމު ފަރުދަކު ހުށަހެޅި އާރުޓީއައި އަކަށް ދިން ޖަވާބުގަ އެވެ.
އެ މައުލޫމާތުތަކަށް ބަލާއިރު، 20 ވަނަ މަޖިލީހުގައި ތިއްބަވާ 93 މެންބަރުންގެ ތެރެއިން ޑިސެމްބަރު 15، 2024، އާ ހަމައަށް 88 މެންބަރުން ޑިޕްލޮމެޓިކް ޕާސްޕޯޓު ނަންގަވާފައިވެ އެވެ. ވީއައިޕީ ލޯންޖު ބޭނުންކުރެއްވީ 75 މެންބަރުންނެވެ.
މި މެންބަރުންނަށް ވީއައިއޭގެ ވީއައިޕީ ލޯންޖުން ހިދުމަތް ދިނުމަށް މިދިޔަ އަހަރު ޖުމްލަ 729،219ރ. ވަނީ ހަރަދުކޮށްފަ އެވެ. ވިހި ވަނަ މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވީ މެއި 28، ގަ އެވެ. އެހެންކަމުން މިއީ ހަތް މަހަށް ހިނގި ހަރަދެވެ.
މަޖިލިސް މެންބަރުންގެ އާއިލާގެ ބޭފުޅުންނަށާއި މެންބަރުންނާއެކު ދަތުރު ކުރާ ހުރިހާ އެންމެންނަށް ވީއައިޕީ ލޯންޖުން ހިދުމަތް ދޭން މި މަޖިލީހުން މަސައްކަތް ކުރި އެވެ. މަޖިލީހުގެ ގަވާއިދަށް މި ބަދަލު ގެންނަން އާންމު ކޮމިޓީން ފާސްކުރުމަށްފަހު އެކަން ބަދަލުކުރީ އެ ނިންމުމަށް އާންމުންގެ ފާޑުކިޔުން އަމާޒުވުމުންނެވެ.
އެކަމާ ދެކޮޅަށް ހިޔާލު ފާޅު ކުރި ބައެއް އާންމުން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ހަރަދު ކުޑަ ކުރަން އާންމު ރައްޔިތުންނަށް އިލްތިމާސް ކުރުމަށްފަހު މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ހަރަދު ބޮޑުކޮށް އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ