9 ވަނަ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި ބޭއްވުމަށް ހަމަޖެހިފައިވާ 9 ވަނަ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަންގައި ބައިވެރިވުމަށް ޝައުޤުވެރިވާ ދިވެހި ވިޔަފާރިތަކަށް ފުރުސަތު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި އެކްސްޕޯގައި ދިވެހި އުފެއްދުންތައް ދެއްކުމާއި، އުފެއްދުންތައް ގަތުމުގެ މުހިންމު ފުރުސަތުތަކެއް ދިވެހި ވިޔަފާރިތަކަށް ލިބިގެންދާނެއެވެ.
މި އެކްސްޕޯއަކީ ޗައިނާގެ އިތުރުން ސައުތު-އޭޝިއާގެ ހުރިހާ ޤައުމުތަކުން ބައިވެރިވާ، ވިޔަފާރިތަކާއި އާންމުން ޒިޔާރަތްކުރާ މުހިންމު އެކްސްޕޯއެކެވެ. އެގްޒިބިޓަރުންނާއި ޕްރޮފެޝަނަލް ގަންނަ ފަރާތްތަކާ ގުޅުވައިދިނުމަށް އެކިއެކި ފޯރަމްތައް މި އެކްސްޕޯގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ އެކްސްޕޯގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ބަދަލަކީ ރާއްޖެއިން ބޭރުގައި ދިވެއްސަކު އުފައްދާފައިވާ އުފެއްދުންތައްވެސް ބައިވެރިކުރެވޭނެ ކަމެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މި އެކްސްޕޯގައި ބައިވެރިވާ ވިޔަފާރިވެރިންނަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި، އެޕްލިކޭޝަން ހުށަހެޅުމުން އެކްސްޕޯގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސައިދޭނެ ކަމަށް ވަނީ އަންގާފައެވެ.
މި އެކްސްޕޯގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 އެޕްރީލް 2025 ގެ ކުރިން [email protected] އަށް އެޕްލިކޭޝަން ފޯމް ފޮނުވަންޖެހޭނެއެވެ. ދިވެހިރާއްޖެއަށް ލިބޭ ބޫތުގެ ޖާގައަށް ބަލައި، ބައިވެރިވާ ފަރާތްތަކަށް ޖާގަ ހަމަޖައްސައިދެވޭނެ ކަމަށް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ