ފަސް މަސް ތެރޭގައި 470 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފިން: ރައީސް
މަސްވެރިންނަށް 470 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.ރައީސް ކުރިއަށް ގެންދަވާ ޕޮޑްކާސްޓުގައި އެމަނިކުފާނު ވަނީ މިދައުރުގެ ނިމިދިޔަ ދުވަސްތަކުގައި މަސްވެރިންނަށް ފައިސާ ލިބޭނޭ ދެމެހެއްޓެނިވި އިންތިޒާމެއް ހަމަޖެއްސުމަށް ކުރެއްވި މަސައްކަތްތަކާ ގުޅޭގޮތުން މިއަދު ވާހަކަދައްކަވާފަ އެވެ.ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދުވީ ގޮތަށް، 48 ގަޑިއިރު ތެރޭ ފައިސާ ދެވޭ ގޮތަށް ހަމަޖައްސާފައިވާ އިންތިޒާމުގެ ނަތީޖާއެއްގެ ގޮތުން، ކުރީގައި ދޯނިން ފޭބި ޒުވާނުން އަލުން މަސްވެރިކަމާ ގުޅިފައިވާ ކަމަށެވެ. ގަވާއިދުން ފައިސާ ލިބޭނޭ ކަމުގެ އިތުބާރު ޒުވާނުންނަށް ލިބުމުން، ދިވެހި މަސްދޯނިތަކުގައި މަސައްކަތްކުރަނީ ދިވެހިން ކަމުގައި ހެދުމަށް ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލްވުމުގެ މަގުވެސް ތަނަވަސްވެގެން ދާނެ ކަމުގައި ވިދާޅުވި އެވެ. މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުންފެށިގެން މިއަދާ ހަމައަށް، އެންމެ ދުވަހެއްވެސް ވައްޓާނުލައި މަސްވެރިންނަށް ފައިސާ ދެވެމުންދާ ކަމަށާއި، މި މުއްދަތުގެ ތެރޭގައި 470 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.މަސްވެރިންނަށް މާލީ ބާރުވެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އުފެއްދެވި މަސްވެރިންގެ ދަފުތަރުގައި މަސްވެރި ދޯނިތަކުގެ 95 އިންސައްތަ މިހާތަނަށް ދަފުތަރުވެފައިވާކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ވަކި ވަކި މަސްވެރިން ދަފުތަރު ކުރެވެމުންދިއުމުން، މަސްވެރިކަމަކީ ދެމެހެއްޓެނިވި އާމްދަނީ ލިބޭ ކަމެއްގެ ގޮތުގައި ބޭންކުތަކުން ބަލައިގަންނާނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.މަސްވެރިކަމަށް ބޭނުންވާ ކަނދުފައްޗަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، މި ދައުރުގެ މިހާތަނަށް 18 ވަދު ކަނދުފަތި ޤާއިމުކުރެވިފައިވާކަމަށާއި، ކަނޑައިގެންދިޔަ 21 ކަނދުފަތިވެސް އަލުން ޤާއިމުކުރެވިފައިވާ ކަމަށެވެ. އަދި މަސްވެރިންގެ ރައްކާތެރިކަމަށްޓަކައި، ރެސްކިއު ޑައިވިންގ ކޯސްތައް ހިންގައި، 56 ދޯންޏަކުން 56 ރެސްކިއު ޑައިވަރުން ތަމްރީނުކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ