ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމު ކުށްވެރިކޮށް ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި "އުންމަތް ފަލަސްތީނާއެކު" ނަމުގައި މާލޭގައި ބޮޑު ހިނގާލުމެއް އިއްޔެ ރޭ ބާއްވައިފި އެވެ.
ސޯޝަލް ސެންޓަރުން ފަށައިގެން އާޓިފިޝަލް ބީޗަށް ނިންމާލި އެ ހިނގާލުމުގައި ތަފާތު ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެވެ.
އެ ހިނގާލުމުގައި އާންމުން ގޮވަމުން ދިޔައީ ފަލަސްތީނަށް ވެރިވެގަނެފައިވާ އިޒްރޭލު ސިފައިން އެ ގައުމުން ފައިބައި، ބޭރު ގައުމުތަކުން އެކަމާ ބަސްބުނުމަށެވެ.
ބައެއް އާންމުން ހިފައިގެން ތިބި ޕޯސްޓަރުތަކުގައި ހަގީގީ ޓެރެރިސްޓުންނަކީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް ލިޔެފައިވެ އެވެ.
މީގެ އިތުރުން އެ ހިނގާލުން ނިންމާލިއިރު އާޓިފިޝަލް ބީޗަށް އެންމެން ވަނީ އިޒްރޭލުގެ ދިދަ މަތިންނެވެ. އަދި އާޓިފިޝަލް ބީޗު ތެރޭގައި އިޒްރޭލުގެ ދިދަ އަންދާފައިވެ އެވެ.
ފަލަސްތީނުގެ ދިފާއުގައި ވަކިން ހާއްސަކޮށް އިޒްރޭލުގެ ރައްޔިތުން ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓް މަނާ ކުރުމަށް ގޮވާލައި މީގެ ކުރިން ވެސް ހިނގާލުންތައް ބާއްވާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހަށް އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމަށް ހުށަހަޅާފައިވާ ބިލުގައި އިޒްރޭލުގެ ރައްޔިތުންނަށް ރާއްޖެ އާދެވޭނެ ގޮތްތަކެއް މަގު ފަހި ކުރުމަށްފަހު، އެ ބިލު މިދިޔަ އަންގާރަ ދުވަހު ވަނީ ފާސްކޮށްފަ އެވެ.
އިދިކޮޅު އެމްޑީޕީއަށް ނިސްބަވްތާ މީކާއީލް އަހުމަދު ނަސީމް މިދިޔަ އަހަރު ހުށަހެޅުއްވީ އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށް އަދި އިޒްރޭލުގެ ޕާސްޕޯޓާއެކު ޑުއަލް ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ވެސް ރާއްޖެ ނާދެވޭ ގޮތް ހެދުމަށެވެ.
ނަމަވެސް އެ ބިލު ފާސް ކުރީ ބޮޑެތި ބަދަލުތަކެއް ގެނެސް އެހެން ޕާސްޕޯޓެއް ދައްކައިފި ނަމަ އިޒްރޭލުގެ ޕާސްޕޯޓެއް ގެންގުޅޭ މީހަކަށް ވެސް ރާއްޖެ އެތެރެވެވޭނެ ގޮތަށެވެ. އަދި ފަލަސްތީނަށް ދޭ ހަމަލާތައް ހުއްޓާލައިފި ނަމަ އިޒްރޭލުގެ ކޮންމެ މީހަކަށް ވެސް ރާއްޖެ އާދެވޭނެ ކަމަށް ފާސްކުރި ބިލުގައި ބުނެފައި އޮވެ އެވެ.
ފަލަސްތީނުގެ ދިފާއުގައި މާލޭގައި ބޮޑު ހިނގާލުމެއް ބާއްވައިފި ފަލަސްތީނުގެ ދިފާއުގައި މާލޭގައި ބޮޑު ހިނގާލުމެއް ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ