ސްކޭމަރުންގެ އުކުޅުތަކަށް ސަމާލުވޭ!

މިއަދު ދިވެހިންވެސް ދިރިއުޅެމުން މިދަނީ ޓެކްނޮލޮޖީގެ ޒަމާނެއްގައެވެ. އިންޓަރނެޓުގެ ބޭނުން ކުރުމަކީ ދިރިއުޅުމުގެ މުހިންމު ބައެއްގެ ގޮތުގައި ވެފައިވާއިރު، އޮންލައިން މުޢާމަލާތްތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދެއެވެ. ނަމަވެސް، މި ފަސޭހަކަމާއެކު އައިސްފައިވަނީ ނުރައްކާތެރި ކަންތައްތަކެއްވެސް މެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ނުރައްކަލަކީ އޮންލައިން ސްކޭމްތަކެވެ.
ރާއްޖޭގައި މިހާރު ހިންގަމުންދާ ސްކޭމްތަކުގެ ތެރޭގައި އެންމެ އާންމު ގޮތެއްގައި ފެންނަމުންދަނީ އޮންލައިން ވިޔަފާރި ޕްލެޓްފޯމްތައް ބޭނުންކޮށްގެން ހިންގާ އުކުޅުތަކެވެ. މިސާލަކަށް، ތެމޫ ފަދަ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ދޮގު އިޝްތިހާރުތައް ޝާއިޢުކޮށް، ކަސްޓަމަރުންގެ އަތުން ފައިސާ ނަގައި، މުދާ ނުފޮނުވާ ހަދާ މައްސަލަތައް ގިނަވަމުން އަންނަކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ވަޒީފާގެ ފުރުޞަތުތަކުގެ ނަމުގައި ޒުވާނުންގެ އަތުން ފައިސާ ނަގާ ސްކޭމްތައްވެސް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.
މި ކަންކަމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ރައްޔިތުންނަށް މުހިންމު އިރުޝާދުތަކެއް ދެއްވާފައެވެ. އޭގެ ތެރޭގައި، އޮންލައިން މުޢާމަލާތްތައް ކުރާއިރު ވިއްކާ ފަރާތުގެ މަޢުލޫމާތު ރަނގަޅަށް ބަލައި ޗެކްކުރުމަށާއި، ކުރިން ނޭނގޭ ފަރާތްތަކާއެކު މުޢާމަލާތް ކުރާއިރު ވަރަށް ބޮޑަށް ސަމާލުވުމަށް އިރުޝާދު ދެއްވާފައިވެއެވެ. އަދި ހަމައެއާއެކު، އެއްވެސް ހާލެއްގައި އަމިއްލަ މަޢުލޫމާތު، ޚާއްޞަކޮށް ބޭންކް އެކައުންޓް ނަންބަރު ނުވަތަ ކާޑު ނަންބަރު ފަދަ މަޢުލޫމާތު އެހެން ފަރާތްތަކާ ހިއްސާ ނުކުރުމަށް އަންގަވާފައިވެއެވެ.
އަޅުގަނޑުމެން އެންމެން ވިސްނާލަން ޖެހޭ މުހިންމު ނުކުތާއަކީ، ހިލޭ ލިބޭ އެއްޗެއް ނުހުންނާނެ އަދި ފަސޭހައިން މުއްސަނދިވެވޭނެ ގޮތެއް ނޯންނާނެ ކަމެވެ. އެހެންކަމުން، ހައިރާންވާ ފަދަ ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް ބުނެ ހުށަހަޅާ ހުށަހެޅުންތަކަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ. އަދި އެފަދަ ކަންކަމުގައި އަވަސްވެގަތުމުގެ ބަދަލުގައި، ރަނގަޅަށް ވިސްނައި ފިކުރުކޮށް، ކަމާބެހޭ ފަރާތްތަކުގެ ލަފާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.
 
އޮންލައިން ސްކޭމްތަކަކީ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ނުރައްކަރައްކަލެކެވެ.
އޮންލައިން ސްކޭމްތަކުން ރައްކާތެރިވުމަށް އެޅިދާނެ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި އޮންލައިން ޕްލެޓްފޯމްތަކުގައި ބޭނުންކުރާ ޕާސްވޯޑުތައް ވަރުގަދަކޮށް، އެކި ވެބްސައިޓްތަކަށް ތަފާތު ޕާސްވޯޑުތައް ބޭނުންކުރުން، ދެފަކްޓަރ އޮތެންޓިކޭޝަން ނުވަތަ ދެފަހަރަށް ޗެކްކުރުމުގެ ނިޒާމު ބޭނުންކުރެވެން ހުންނަ ހުރިހާ އެކައުންޓްތަކެއްގައި މި ނިޒާމު ޤާއިމުކުރުން، އަދި އަބަދުވެސް ރަސްމީ އެޕްލިކޭޝަންތައް ނުވަތަ ވެބްސައިޓްތައް މެދުވެރިކޮށް މުޢާމަލާތްތައް ކުރުން ހިމެނެއެވެ.
މީގެ އިތުރުން، އީމެއިލް މެދުވެރިކޮށް އަންނަ ލިންކްތަކަށް ނުވަތަ އެޓޭޗްމަންޓްތަކަށް ކްލިކްކުރުމުގައި ވަރަށް ބޮޑަށް ސަމާލުވުމާއި، ސޯޝަލް މީޑިއާގައި ހިއްސާކުރާ އަމިއްލަ މަޢުލޫމާތުގެ މިންވަރު މަދުކުރުމަކީވެސް މުހިންމު ކަންކަމެވެ. އަދި ހަމައެހެންމެ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިފަދަ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގިދާނެއެވެ.
ސްކޫލްތަކާއި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގައި ސައިބަރ ސެކިއުރިޓީއާ ގުޅޭ މާއްދާތައް ކިޔަވައިދިނުމަކީވެސް ވިސްނާލަންޖެހޭ ކަމެކެވެ. މިފަދަ ފިޔަވަޅުތަކަކީ ދިގު މުއްދަތުގައި އަޅުގަނޑުމެންގެ މުޖުތަމަޢު މިފަދަ ނުރައްކާތަކުން ސަލާމަތްކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ.
ފުލުހުން ވަނީ ފާހަގަކުރެވިފައިވާ މައިގަނޑު ސްކޭމްތައް ހާމަކޮށްފައެވެ. އެގޮތުން ފިޝިންގ މެސެޖްތަކާއި އީމެއިލްތައް ފޮނުވުން، މިއީ ޓެމޫ ނުވަތަ ކޫރިއަރ ސަރވިސްތަކުން ފޮނުވާ މެސެޖްތަކެއް ކަމަށް ދައްކުވައިދޭ ސައްހަނޫން މެސެޖްތަކެވެ. މި މެސެޖްތަކުގައި އާންމުކޮށް ހިމެނެނީ އޯޑަރގައި މައްސަލައެއް ހުރިކަމަށް ނުވަތަ އިތުރު ޗާޖެއް ދައްކަންޖެހޭކަމަށް ބުނެ، ޒާތީ ނުވަތަ މާލީ މައުލޫމާތު ހޯދުމަށް އެދޭ ލިންކްތަކެވެ.
ކްރެޑިޓް ކާޑު ސްކޭމްތަކުގައި، ސައްހަނޫން ވެބްސައިޓްތަކުގައި ނުވަތަ ފިޝިންގ އީމެއިލްތަކާއި އިޝްތިހާރުތަކުގައި ފައިސާ ދެއްކުމުގައި މައްސަލައެއް އުޅޭކަމަށް ބުނެ އޮޅުވާލައި، ކްރެޑިޓް ކާޑު މައުލޫމާތު ހޯދައެވެ.
ޑީ ކާޑުތަކަށް އިތުރު އޮތެންޓިކޭޝަން ބޭނުންނުވާތީ، މަކަރުވެރިންނަށް މި ކާޑުތައް ފަސޭހައިން އަމާޒުކުރެވެއެވެ. ބޭނުންކުރާ ފަރާތްތަކުން ނޭނގި ފިޝިންގ ސައިޓެއްގައި ކާޑުގެ މައުލޫމާތު ފުރުމުން، މަކަރުވެރިންނަށް މި މައުލޫމާތު އިތުރު ވެރިފިކޭޝަނެއް ނެތި އޮންލައިން ޕޭމަންޓް ހެދުމަށް ބޭނުންކުރެވެއެވެ.
އޮންލައިން ޝޮޕިންގ ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގޭ ސްކޭމްތަކާމެދު ހާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ. އަދި އާންމުން މި ކަމަށް ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ، ވަގުތުން ފިޔަވަޅު އެޅުމާއި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަކީ އެހެން މީހުންވެސް މިފަދަ ކަންކަމުން ސަލާމަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ