ހެޔޮއެދޭ ފަރާތެއްގެ ހަރަދުގައި ހުޅުމާލެ ފޭސް2 ގައި 3000 މީހުންނަށް ނަމާދުކުރެވޭ މިސްކިތެއް އަޅަނީ

ހެޔޮއެދޭ ފަރާތެއްގެ ހަރަދުގައި ހުޅުމާލެ ފޭސް 2 ގައި މިސްކިތެއް އަޅަން މިއަދު ބިން ހަވާލުކޮށްފިއެވެ.
އަމިއްލަ ފަރާތެއްގެ ހަރަދުގައި އިމާރަތް ކުރާ މި މިސްކިތުގެ ބިން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީ އިން ބުނީ އެ ފަރާތާއެކު ވަކި އެގްރިމެންޓެއްގައި ސޮއިކުރާނެކަމަށާއި، މިސްކިތުގެ ކޮންޓްރެކްޓަރު ހަމަޖައްސާނީވެސް އެ ފަރާތުން ކަމަށެވެ.
އެޗްޑީސީގައި ބޭއްވި މި ރަސްމިއްޔާތުގައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް އެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
18،720 އަކަފޫޓުގެ ބިމެއްގައި އިމާރާތްކުރާ މި މިސްކިތަކީ 2500 - 3000 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ. އަދި މި މިސްކިތް ނިމޭއިރު ސޯލާއާއި އޭސީ ވެސް ހަރުކުރެވޭނެ ކަމަށާއި، މިސްކިތްތައް ޑިޒައިން ކުރެވިފައިވާނީ ކޮންމެ މިސްކިތެއްގައި ވެސް ގުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީ ހިމެނޭ ގޮތަށް ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ މި މިސްކިތަކީ ބިން ހަވާލުކުރާ ތާރީހުން ފެށިގެން 24 މަސް ތެރޭ އިމާރާތްކޮށް ނިންމުމަށް ހަވާލުކުރެވޭ މިސްކިތެއް ކަމަށާއި، މިހާރު ހުޅުމާލޭގައި އަޅަމުންދާ ދާއިމީ މިސްކިތްތަކުގެ ތެރެއިން ބައެއް މިސްކިތް މި އަހަރު ނިމޭނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިސްލާމީ ބޮޑެތި ގައުމުތައް ކަމަށްވާ މެލޭޝިއާ ފަދަ ގައުމުތަކުގައިވެސް ޝޮޕިން މޯލްތަކާއި ކޮމާޝިއަލް އޭރިއާތަކުގައި ވެސް ނަމާދު ކުރާނެ ވަކި ހާއްސަ ޖާގައެއް ހުންނަކަމަށާއި، އެހެންކަމުން ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެފަދަ ޖާގައެއް ތަނަވަސްވެފައި ހުރުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމަށް އިސްލާމިކް މިނިސްޓަރު ޝަހީމް މިއަދު ވަނީ ވިދާޅުވެފައެވެ. އެކަން ކުރަން ނިންމާފައިވަނީ އެޗްޑީސީގެ އެމްޑީ، މުހައްމަދު މައުރޫފް ޖަމީލްގެ އިސްނެންގެވުމުގެ މަތިން ކަމަށް ޝަހީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ