ބީއެމްއެލް އޭޓީއެމްތަކުން ދުވާލަކަށް 99 މިލިއަން ރުފިޔާގެ ޓްރާންސެކްޝަން
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުޅި އޭޓީއެމް ވިޔުގައިން ދުވާލަކަށް 99 މިލިއަން ރުފިޔާގެ މުއާމަލާތް ކުރާ ކަމަށް އެ ބޭނުންކުން ބުނެފިއެވެ. ބީއެމްއެލްއިންވަނީ އެ ބޭންކުގެ އޭޓީއެމްތަކާ ގުޅޭ ތަފާސްހިސާބު އާންމުކޮށްފައެވެ. އެއިން ދައްކާ ގޮތުގައި، ބީއެމްއެލްގެ މުޅި އޭޓީއެމް ވިޔުގައިން ދުވާލަކަށް 30،000 މުއާމަލާތް ކުރާއިރު، 28.6 މިލިއަން ރުފިޔާ، އޭޓީއެމްތައް މެދުވެރިކޮށް ޖަމާކުރެއެވެ. މީގެ ތެރެއިން އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ބޭންކުގެ އޭޓީއެމް ވިޔުގައިން ދުވާލެއްގެ މައްޗަށް 41 މިލިއަން ރުފިޔާގެ މުއާމަލާތް ކުރެއެވެ. އެ ވިޔުގަ މެދުވެރިކޮށް ދުވާލަކަށް 15،000 މުއާމަލާތްކުރާއިރު، އޭގެ ތެރެއިން 12.3 މިލިއަން ރުފިޔާއަކީ ދުވާލެއްގެ މައްޗަށް އެ ވިޔުގަ މެދުވެރިކޮށް ބޭންކަށް ޖަމާކުރާ ރުފިޔާގެ އަދަދެވެ. ބީއެމްއެލުން ވަނީ ދ. އަތޮޅާއި ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް އޭޓީއެމްގެ ޚިދުމަތް ފަށައިފައެވެ. މީގެ ތެރެއިން ދ. އަތޮޅުގެ އޭޓީއެމް ވިޔުގަ މެދުވެރިކޮށް، 25 ފެބްރުއަރީން އޭޕްރީލް ނުވައަކަށް 47 މިލިއަން ރުފިޔާގެ މުއާމަލާތް ވަނީ ކޮށްފައެވެ. އެ މުއްދަތުގައި ޖުމްލަ 13،000 މުއާމަލާތް ކުރެވިފައިވާއިރު، އޭޓީއެމް މެދުވެރިކޮށް 10.2 މިލިއަން ރުފިޔާ ބޭންކަށް ޖަމާކޮށްފައިވެއެވެ. ހަމަ އެ މުއްދަތުގައި ހއ. އަތޮޅުގައި ދުވާލެއްގެ މައްޗަށް 50 މިލިއަން ރުފިޔާގެ މުއާމަލާތް، އޭޓީއެމް މެދުވެރިކޮށްވަނީ ކޮށްފައެވެ. އެއީ ދުވާލަކަށް ޖުމްލަ 21،600 މުއާމަލާތެވެ. އޭގެ ތެރެއިން 15 މިލިއަން ރުފިޔާއަކީ އެ އަތޮޅުގައި ހުރި ބީއެމްއެލްގެ އޭޓީއެމްތައް މެދުވެރިކޮށް، ދުވާލެއްގެ މައްޗަށް އެ ބޭންކަށް ޖަމާކުރި ރުފިޔާގެ އަދަދެވެ. މި ކަމާ ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތު ދެމުން ބީއެމްއެލުން ބުނީ، ތަފާސްހިސާބުތަކުގައި ހިމަނާފައިވާނީ ބޭރު ފައިސާ ނުހިމަނައި، ހަމައެކަނި ރުފިޔާއިން ކުރެވޭ މުއާމަލާތް އެކަނި ކަމަށެވެ. ރާއްޖޭގެ އެންމެ ބޮޑު ބޭންކު، ބީއެމްއެލުން 345،000އަށްވުރެ މީހުން ޚިދުމަތް ހޯދައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ