އެމެރިކާ ސަރުކާރުން ހަރަދު ކުޑަކުރުމުގެ ގޮތުން 10 އެމްބަސީ އާއި 17 ކޮންސިއުލޭޓް ބަންދުކުރުމަށް ނިންމައިފި އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ ވެސް ހިމެނެ އެވެ.
ތަފްސީލް - ސްޓޭޓް ޑިޕާޓްމަންޓްގެ އިންޓާނަލް މެމޯއަކާ ހަވާލާދީ ނިއު ޔޯކް ޓައިމްސްއިން ބުނީ އެ މެމޯގައި ބަންދުކުރަން ނިންމާފައިވާ އެމްބަސީތަކަކީ:
އެފްރިކާގެ ހަ ގައުމެއްގެ އެމްބަސީތައް: ސެންޓްރަލް އެފްރިކަލް ރިޕަބްލިކް، އެރިތްރިއާ، ގެމްބިއާ، ލެސޯތޯ، ކޮންގޯ އަދި ދެކުނު ސޫދާ
ޔޫރަޕްގެ ދެ އެމްބަސީ: ލަގްޒަމްބާގާއި މޯލްޓާ
ރާއްޖެ އާއި ގްރެނެޑާގެ އެމްބަސީ
އެ އެމްބަސީތައް ބަންދުކުރުމަށް ފަހު އެ ތަންތަނުގެ މަސައްކަތް ކައިރި ގައުމުތަކުގައި ހުންނަ އެމެރިކާގެ އެމްބަސީތަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ނިއު ޔޯކް ޓައިމްސްއިން ބުންޏެވެ.
އެނގުން މުހިންމު - އެމެރިކާއިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ސަފީރެއް ކަނޑައަޅައި އެ ގައުމުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވީ 2023 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އޭގެ ކުރިން ރާއްޖެއާ ގުޅޭ ހާރިޖީ ކަންކަން އެމެރިކާއިން ބަލަހައްޓަމުން ގެންދަނީ ސްރީ ލަންކާގެ ކޮލަމްބޯގައި ހުންނަ އެމެރިކާގެ އެމްބަސީ މެދުވެރިކޮށެވެ. ރާއްޖެއަށް ހާއްސަ އެމްބެސެޑަރެއް ވެސް އޭރު ނުހުރެ އެވެ.
އެމްޑީޕީގެ ސަރުކާރުގައި އެމެރިކާއާ އެކު ގުޅުން ބަދަހިކުރުމުގެ ގޮތުން ރާއްޖެއިން ވެސް ވަނީ 2023 ވަނަ އަހަރު އެމެރިކާގެ ވޮޝިންޓަންގައި ރާއްޖޭގެ އެމްބަސީއެއް ފުރަތަމަ ފަހަރަށް ހުޅުވައި އެމެރިކާއަށް ހާއްސަ ސަފީރެއް އައްޔަންކޮށްފަ އެވެ.
މި ސަރުކާރުން ވެސް ގެންދަނީ އެމެރިކާއާ އެކު ވިޔަފާރިގެ ގުޅުން ވަރުގަދަ ކުރަން އިސްކަމެއް ދެމުންނެވެ. އެގޮތުން އެމެރިކާގެ ޓެކް ކުންފުނިތައް ކަމަށްވާ، މެޓާ، ގޫގުލް އަދި ޕޭޕަލްގެ ހިދުމަތްތައް ރާއްޖޭގައި ފުޅާކުރަން މަޝްވަރާތަކެއް ދަނީ ކުރަމުންނެވެ.
އެމްބަސީތަކާއި ކޮންސިއުލޭޓްތަކެއް ބަންދުކުރަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މި ނިންމީ އެ ގައުމުގެ ހާރިޖިއްޔާގެ ބަޖެޓް %50 ކުޑަކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވާ ސިޔާސަތުގެ ދަށުންނެވެ.
ނިއު ޔޯކް ޓައިމްސްއިން ބުނި ގޮތުގައި އެމްބަސީތަކެއް ބަންދުކުރުމުގެ ސަބަބުން އެމެރިކާގެ ސަލާމަތީ އަދި އިންޓެލިޖެންސް މަސައްކަތްތަކަށް އަސަރުކޮށް، ޗައިނާގެ ޑިޕްލޮމެޓިކް ނުފޫޒު އިތުރުވެގެން ދާނެ އެވެ.
ގުޅުންހުރި - އެމްބަސީތަކުގެ އިތުރަށް ގިނަ އަދަދެއްގެ ކޮންސިއުލޭޓްތައް ބަންދުކުރުމަށް ވެސް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ފްރާންސްގައި ހުންނަ ފަސް ކޮންސިއުލޭޓް
ޖަރުމަނުގައި ހުންނަ ދެ ކޮންސިއުލޭޓް
އެފްރިކާ އާއި އިރުމަތީ އޭޝިޔާގެ ބައެއް ގައުމުތަކުގައި ހުރި ކޮންސިއުލޭޓްތައް
ބަންދުކުރާ ގިނަ ކޮންސިއުލޭޓްތަކަކީ އެމެރިކާ މީހުން ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ ސިޓީތަކުގައި ހުންނަ ތަންތަނެވެ.
މީގެ އިތުރަށް ސޮމާލިއާ އާއި އިރާގުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ ހަރަކާތްތައް ވެސް ކުޑަކުރުމަށް ވަނީ ރާވައިފަ އެވެ.
އެމެރިކާއިން ވަނީ އެ ގައުމުން ދުނިޔޭގެ އެކި ގައުމުތަކަށް އެހީދޭ އެޖެންސީ، ޔޫއެސްއެއިޑް ވެސް ވަރަށް ބޮޑަށް ކުޑަކޮށްލައި އެ ގައުމުގެ އެހީތައް ވެސް ދުނިޔެއަށް ކަނޑާލައިފަ އެވެ.
ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ ބަންދުކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ