ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، އެ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރާނީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޚަރަދުކޮށްގެން ކަމަށެވެ. އެ މަސައްކަތަށް ކޮންޓްރެކްޓަރެއް ހަމަޖައްސާނީ ވެސް އެ ފަރާތުން ކަމަށް މިނިސްޓްރީން ބުންޏެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެ މިސްކިތް އަޅާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ލޮޓު 22386ގައި ކަމަށެވެ. އެގޮތުން 18720.79 އަކަފޫޓުގެ އެ ބިން ދީފައިވަނީ، 2500އާއި 3000އާ ދެމެދުގެ އަދަދަކަށް މީހުންނަށް ތިބެވޭ ގޮތަށް މިސްކިތް ހަދަން ކަމަށް މިނިސްޓްރީން ބުންޏެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް އަޅަން ހަވާލުކުރުން: އެ މިސްކިތް ބިނާކުރަނީ، 2500އާއި 3000އާ ދެމެދުގެ އަދަދަކަށް މީހުންނަށް ތިބެވޭ ގޮތަށް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ އެ ބިން ހަވާލުކޮށްފައިވަނީ، ހަވާލުކުރާ ތާރީޚުން ފެށިގެން ދެ އަހަރު ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމާ ގޮތަށެވެ. އަދި މިސްކިތުގައި ހުންނާނީ ސޯލާއާއި އޭސީ ވެސް ހަރުކޮށްފައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ހުންނަނީ ތިން މިސްކިތެވެ. އެ ސަރަހައްދަކީ ބޮޑު އާބާދީއެއް އޮންނަ ސަރަހައްދެއް ކަމަށްވާއިރު، އާބާދީއަށް އެކަށޭނަ ވަރަށް މިސްކިތްތަކުގައި ޖާގަ ނެތް ކަމަށް ބުނެ ޝަކުވާތައް ވަނީ އިތުރުވެފައެވެ. އެ މިނިސްޓްރީން ވަނީ، މިހާރު ހުޅުމާލޭގައި އަޅަމުންދާ ދާއިމީ މިސްކިތްތަކުގެ ތެރެއިން ބައެއް މިސްކިތް މި އަހަރު ނިމޭނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ