ކަރަންސީ ސްވޮޕުން ރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވު އިތުރުވުމަކީ ލިބުނު ހިތްހަމަޖެހުމެއް: އިންޑިއާ
އިންޑިއާއި ރާއްޖެއާ ދެމެދު ހަދައިފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވް އިތުރުވެފައިވުމަކީ އެ ގައުމަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށް އިންޑިއާއިން ބުނެފިއެވެ. ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗުން ވަނީ ރާއްޖެއަށް ދީފައި އޮތް 'ސީސީ' ނުވަތަ 'ޖަންކް' ރޭޓިން މިދިޔަ ބުރާސްފަތި ދުވަހު ދަމަހައްޓައިފައެވެ. ފިޗުން ވަނީ ރާއްޖެއަށް ދަރަނި ނުދެއްކުމުގެ ބިރު ބޮޑުވެފައިވާ ކަމަށް ބުނެފައެވެ. އަދި ރާއްޖޭގެ ފޮރިން ރިޒާވް މިހާރު އިތުރުވެފައިވާއިރު އޭގެ ސަބަބުތަކުގެ ތެރޭގައި، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)އާއެކު މިދިޔަ އަހަރުގެ އޮކްޓޫބަރު 24ގައި ހެދި އެއްބަސްވުމުގެ ދަށުން 400 މިލިއަން ޑޮލަރު ލިބުން ހިމެނޭ ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ. https://x.com/HCIMaldives/status/1933775020750221599 ފިޗުގެ ރޭޓިންއާ ގުޅުވައި، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެއަށް ދިމާވެފައި އޮތް ބޭރުގެ ފައިސާގެ ދަތިކަމަށް، ކަރަންސީ ސްވޮޕްގެ ސަބަބުން ލުޔެއް ލިބުނު ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންވެ، އެއީ އިންޑިއާއަށް ވެސް ލިބުނު ހިތްހަމަޖެހުމެއް ކަމަށް ހައި ކޮމިޝަނުން ބުނެފައިވެއެވެ. ފިޗުން ވަނީ ރާއްޖޭގެ ރިޒާވް އިތުރުވި ނަމަވެސް ދަރަނި ދައްކަން އޮތް ގޮންޖެހުންތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން މި އަހަރު ބޭރުގެ ދަރަންޏަށް 688 މިލިއަން ޑޮލަރު (10.6 ބިލިއަން ރުފިޔާ) ދައްކަން ޖެހޭއިރު، އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެކަން ފާހަގަކޮށްފައިވެއެވެ. https://sun.mv/207206 ދަރަނި ބޮޑުވެފައިވާއިރު، ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ދަރަނި އަނބުރައި ދެއްކުމަށް ކަނޑައެޅި ފައިސާގެ 77 ޕަސެންޓު މިހާރު ހުސްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައެވެ. ރޭޓިން މަތިކުރަން ބޭރު ފައިސާގެ ރިޒާވް އިތުރުކުރަންޖެހޭކަން ފިޗުން ފާހަގަކޮށްފައިވެއެވެ. އަދި، ޚަރަދު ކުޑަކޮށް ހަރުދަނާ މާލީ އިސްލާހީ ފިޔަވަޅުތަކެއް އެޅިއްޖެ ނަމަވެސް ރޭޓިން މަތިކުރެވޭނެކަމަށް އެ ރިވިއުގައި ފާހަގަކޮށްފައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހު 16ގައި މޫޑީޒްއިން ވެސް ވަނީ ރާއްޖެއަށް އެ އެޖެންސީން ދީފައި އޮތް 'ސީއޭއޭ2' ރޭޓިން ދަމަހައްޓަން ނިންމައިފައެވެ. އެއީ ވެސް ދަރަނީގެ ކަންބޮޑުވުން ބޮޑުވެ، ދޭ 'ޖަންކް' ރޭޓިންއެކެވެ. https://sun.mv/207226 ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން، ވޯލްޑް ބޭންކާއި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ވެސް މާލީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރުމަށް ގޮވާލަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެ ލަފަޔާ އެއްގޮތަށް މި ސަރުކާރުން ޚަރަދު ކުޑަކުރަން އިސްލާހީ ފިޔަވަޅުތަކެއް އިއުލާނުކުރި ނަމަވެސް ސިޔާސީ އެކިއެކި ސަބަބުތަކަށްޓަކައި އެ ފިޔަވަޅުތައް ނާޅައިކަމުގެ ކަންބޮޑުވުން ފިޗުގެ ރިވިއުގައި ފާހަގަކޮށްފައިވެއެވެ. އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން އެހީ ފޯރުކޮށްދޭ އެއް ގައުމު ކަމަށްވާއިރު، މި ސަރުކާރު ފެށުނުއިރު ދެ ގައުމުގެ މެދުގައި ގުޅުން ގޯސްވިއެވެ. އެގޮތުން މި ސަރުކާރު ވެރިކަމަށް އައީ 'އިންޑިއާ އައުޓް'ގެ ނަމުގައި ކުރިއަށްގެންދިޔަ ބޮޑު ހަރަކާތަކަށް ފަހު ކަމަށް ވުމުންނާއި ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު ނައިބު ވަޒީރުންތަކެއް އެ ގައުމުގެ ރައްޔިތުންނަށް ކުޑައިމީސް ކުރި މައްސަލައިގައި ދެ ގައުމުގެ ގުޅުން ހީނަރުވިއެވެ. ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ވަޒީރުން ވަނީ އިންޑިއާއާ ގުޅުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ