އެކްސްއަށް ޑީޑޮސް ހަމަލާތަކެއްދީ ހުއްޓުވައިފި؛ ޒިންމާ ނެގީ ޑާކް ސްޓޯމް ޓީމުން

މިއަދު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް (ކުރީގެ ޓްވިޓާ) އަށް ޑީޑޮސް ހަމަލާތަކެއް ދިނުމާ ގުޅިގެން، ތިން ފަހަރެއްގެ މަތިން ޚިދުމަތް މެދުކެނޑިއްޖެއެވެ. "ޑާކް ސްޓޯމް ޓީމް" ނަމަކަށް ކިޔާ ހެކިން ގްރޫޕަކުންވަނީ އެ ހަމަލާތަކުގެ ޒިންމާ ނަގައިފައެވެ. ޑައުންޑިޓެކްޓަރ ވެބްސައިޓުން ދައްކާގޮތުގައި މި މައްސަލައާ ގުޅިގެން 40,000އަށްވުރެ ގިނަ ރިޕޯޓު ލިބިފައިވެއެވެ. ގިނަ ޔޫޒަރުންނަށް އެކްސްއަށް ވަދެ އުޅުމަށް ދަތިވެ، އެރާ މެސެޖުތައް ފެންނަމުންދާކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ. ބައެއް ފަރާތްތަކުން އެކްސްއަށް ލޮގިން ވެވުނަސް އެއްވެސް ޕޯސްޓެއް ޝެއާ ނުކުރެވޭ ކަމަށްވެސް ޝަކުވާ ކޮށްފައިވެއެވެ. ޑީޑޮސް ހަމަލާއަކީ އަމާޒުކުރެވޭ ސާވަރަށް ގިނަ އިންޓަނެޓް ޓްރެފިކް ފޮނުވައި، ސައްހަ ޔޫޒަރުންނަށް ވަދެ އުޅުމަށް ހުރަސްއެޅުމަށް ދެވޭ ހަމަލާއެކެވެ. މި ހަމަލާއާ ގުޅިގެން އެކްސްގެ ވާދަވެރި ޕްލެޓްފޯމް ކަމުގައިވާ ބްލޫސްކައިއާ ގުޅުންހުރި ހޯދުންތައް ދެގުނައަށް އިތުރުވެފައިވާކަމަށް ގޫގަލް ޓްރެންޑްސްއިން ދައްކައެވެ. ޑާކް ސްޓޯމް ޓީމްއަކީ 2023ގައި އުފެދުނު، ފަލަސްޠީނަށް ތާއީދުކުރާ ކަމަށް ބުނާ ގްރޫޕެކެވެ. ފާއިތުވި މަހު މި ގްރޫޕުން ވަނީ، ނޭޓޯ ގައުމުތަކާއި އިސްރާއީލާއި އިސްރާއީލަށް އެހީތެރިވާ ގައުމުތަކުގެ ސަރުކާރު ވެބްސައިޓްތަކަށް އަމާޒުކޮށް ސައިބާ ހަމަލާތަކެއް ދޭނެކަމަށް ބުނެފައެވެ. މި ހާދިސާއާ ގުޅިގެން އެކްސް ކުންފުނިން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް، އެކްސްގެ ވެރިޔާ އީލޮން މަސްކް ވަނީ އެފަދަ ހަމަލާތަކެއް އެކްސްއަށް މިފަހަކަށް އައިސް ލިބޭކަން ކަށަވަރު ކޮށްދީފައެވެ. އަދި މިއަދު އެފަދަ ހަމަލާތައް އިތުުރުވެފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. ސައިބާ ސެކިއުރިޓީ ތަޖުރިބާކާރުން ބުނާގޮތުގައި މިފަދަ ހަމަލާތަކުން ރައްކާތެރިވުމަށް ކުންފުނިތަކުން އިތުރު ފިޔަވަޅުތައް އަޅަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ