މަދު ވަގުތުކޮޅެއްގެ ތެރޭގައި ފައިސާ ލައްކައިން؛ އަނެއްކާވެސް ދީލަތިކަމުގެ މިސާލެއް

އެހީއަށް އެދި އަތެއް ދިއްކޮށްލައިފި ނަމަ، ހުސްކަމާ އެކު ދޫކޮށްނުލާނެކަން މީގެ ކުރިން އެތައް ފަހަރަކު ދިވެހިން ވަނީ ސާބިތުކޮށްދީފަ އެވެ.
ނުވަ ވަނަ ބުރި މަތިން ގެއެއްގެ ފުރާޅު މައްޗަށް ވެއްޓި، ފުރާނައާ ހަނގުރާމަކުރަމުންދާ ހައްވާ ޔުމްނު ރަޝީދު، 21، އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދަން ޖެހުމުން، އެކަމަށް އެހީވުމުގައި ވެސް ރޭ ދިވެހިން ދެއްކީ ނަމޫނާ އެކެވެ.
މި މަހު 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔުމަށް ހުރިހާ ކަމެއް ނިންމުމަށް ފަހު ސަރުކާރުން ދިނީ 385،500ރ. އެވެ. އެެހެންވެ، އާއިލާއަށް މަޖުބޫރުވީ އާއްމުންގެ އެހީތެރިކަމަށް އެދޭށެވެ. އެކަމަށް އިސްނެގި އެކަކީ، ޓިކްޓޮކްގައި މިހާރު މަޝްހޫރުކަން ހޯދަމުން އަންނަ ޝެހެނާޒް މޫސާ އެވެ.
އިޖްތިމާއީ މައްސަލަތައް ފެންމަތިކޮށްގެން، މީގެ ކުރިން ވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ޝެހެނާޒް އިއްޔެ އިރުއޮއްސުނު އިރު ވަނީ، ފައިސާ އެއްކުރުމަށް ޓިކްޓޮކް ލައިވްއެއް ފައްޓާފަ އެވެ. ގާތްގަނޑަކަށް 2 ގަޑިއިރާއި 30 މިނިޓް ފަހުން އެ ލައިވް ނިންމާލި އިރު، އޭނާ ވަނީ 634،433ރ. އެއްކޮށްފަ އެވެ. އަދި ލައިވް ނިންމާލި ފަހުން ވެސް މީހުން ފޮނުވި ފައިސާއާ އެކު އެ ހަރަކާތުގައި ޖުމްލަ 657،824ރ. އެއްކުރި އެވެ. ހަމައެކަނި މި ހަރަކާތުން ދިވެހިންގެ ދީލަތިކަން ހުރި މިންވަރު ވަނީ ސާބިތުކޮށްދީފަ އެވެ.
"ލާރި ހުންނާތީއެއް ނޫން ދެނީއެއް. އެކަމަކު އެގޮތަށް އެހީތެރިކަމަކަށް އެދިއްޖެ ނަމަ ދެ ރުފިޔާ އޮތަސް ދޭން ބޭނުންވޭ،" އާއްމު ގޮތެއްގައި އެގޮތަށް އެހީތެރިކަން ފޯރުކޮށްދޭ އަންހެނަކު ބުންޏެވެ.
ރާއްޖޭގައި ބޭސް ފަރުވާގެ ހަރަދުގެ ބަޔަކާ ސަރުކާރުން ހަވާލުވި ނަމަވެސް، ގިނަ ބަޔަކަށް އޮންނަނީ ނުފުދިފަ އެވެ. ކުރަން ޖެހޭ ހަރަދު ބޮޑުވެފައި، މީހުންގެ މާލީ ހާލަތު ދަށެވެ. އެހެންވެ، އެހީއަށް އެދި އާދޭސް ކުރާ ގިނަ ޕޯސްޓުތައް ސޯޝަލް މީޑިއާއިން އަބަދު ވެސް ފެނެ އެވެ. އެކި ކަހަލަ ކެންސަރާއި ބޮޑެތި އޮޕަރޭޝަންތަކާއި ބަލިތަކަށް ފަރުވާ ކުރަން ވެއްޖެ ނަމަ، އަބަދު ވެސް އާއްމުންގެ އެހީއަށް އެދެ އެވެ.
އެ ފަދަ ޕޯސްޓުތައް ފެނި، އެހީތެރިކަން ފޯރުކޮށްދޭ މީހުންގެ އަދަދު ވެސް ގިނަ އެވެ. އެކަން ސާބިތުވަނީ، އެހީއަށް އެދޭތާ މާ ގިނަ ދުވަހެއް ނުވެ، ބޭނުންވާ ވަރަށް ފައިސާ ހަމަވާތީ އެވެ. 
"އާއްމުކޮށް ބޮޑެތި އަދަދުތަކެއް ނޫން ފޮނުވަނީކީ. ބައެއް މީހުން ފޮނުވާނެ 20ރ. އިން ނޫނީ 50ރ. އިން ވެސް،" ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގައި މެދުވެރިއެއްގެ ރޯލުކުޅޭ ޖަމިއްޔާއެއްގެ އޮފިޝަލަކު ވިދާޅުވި އެވެ.
"އެކަމަކު އެގޮތަށް އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު ވެސް ލާރި ފޮނުވާނެ. އެހެންވެ، ފަހުން ވަރަށް ބޮޑު އެއްޗަކަށް އެ އެބަވޭ."
ހަމައެކަނި ބޭސްފަރުވާއަށް ދޭ އެހީތެރިކަމެއް ނޫނެވެ. ފަލަސްތީނާއި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ވެސް އެހީތެރިވުމުގައި ދިވެހިން މިހާތަނަށް ދައްކަމުން އައީ މިސާލެކެވެ. ފަލަސްތީނުގެ ގިނަ މީހުން ރާއްޖެ ދަންނަނީ ވެސް އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ބައެއްގެ ގޮތުގަ އެވެ. ގައުމު ކިތަންމެ ކުޑަވެފައިވާ، އެހީވާ މިންވަރު ބޮޑުކަމުން އެކަން އެތައް ފަހަރަކު ބޭރު ގައުމުތަކުގެ ހަބަރުތަކަށް ވެސް އަރަ އެވެ.
ދީލަތި ކަމުގައި ދިވެހިންނަކީ ނަމޫނާ އެކެވެ. އެހީއަށް އެދޭ ކޮންމެ ފަަހަރަކު އެކަން ދިވެހިން އަންނަނީ ސާބިތުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ