ލިވަޕޫލުން އިނގިރޭސި ޕްރިމިއަ ލީގު 20 ވަނަ ފަހަރަށް ކާމިޔާބުކޮށްފި

އަމިއްލަ ދަނޑު އެންފީލްޑްގައި ރަތް ކުލައިން ފުރިފައި އޮތް ސަޕޯޓަރުންގެ ކުރިމަތީގައި  ޓޮޓެންހަމް ހޮޓްސްޕާ 5-1އިން ބަލިކޮށް އިނގިރޭސި ޕްރިމިއަ ލީގު 20 ވަނަ ފަހަރަށް ލިވަޕޫލުން މިރޭ ހޯދައިފި އެވެ.
ލީގުގައި ކުރިއަށް އަދި ހަތަރު މެޗު އޮއްވާ ލިވަޕޫލުން ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމާ އެކު ދަނޑު އުތުރިއަރައިގަތެވެ. ދަނޑުން ބޭރުގެ މަގުތަކަށް ވެސް އެތައް ހާސް ބަޔަކު ނުކުމެ އުފާ ފާޅުކުރަން ފެށި އެވެ.
މިއީ 30 އަހަރުގެ ތެރޭގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ލީގު ޗެމްޕިއަންކަން ލިވަޕޫލުން ކަށަވަރުކުރި ފުރަތަމަ ފަހަރެވެ.
ނެދެލެންޑްސްގެ އާނޭ ސްލޮޓްގެ ފުރަތަމަ ސީޒަންގައި ލިވަޕޫލަށް ހޯދައިދިން މި ބޮޑު ކާމިޔާބީއާ އެކު އޭނާ ވެސް ވަނީ ތާރީހުގެ ތެރެއަށް ވަދެފަ އެވެ. އެއީ އިނގިރޭސި ޕްރިމިއަ ލީގުގެ ތަށި ނެގި ނެދަލެންޑްސްގެ ފުރަތަމަ ކޯޗެވެ. އަދި ފުރަތަމަ ސީޒަންގައި ލީގުގެ ޗެމްޕިއަންކަމާ ހަމައަށް ދިޔަ ހަތް ވަނަ ކޯޗު ވެސް މެ އެވެ.
ޗެމްޕިއަންކަން ކަށަވަރުކުރަން ލިވަޕޫލަށް މިރޭ ބޭނުންވީ އެންމެ ޕޮއިންޓެކެވެ. ނަމަވެސް އަމިއްލަ ދަނޑަށް ލިވަޕޫލްގެ ޓީމު ނުކުތީ ފެންވަރު ދަށްކާލުމުގެ އަޒުމުގަ އެވެ. އެހެންކަމުން ތާވަލްގެ 16 ވަނާގައި އޮތް ލަންޑަންގެ ޓޮޓެންހަމްއަށް ހިފަހައްޓައެއް ނުލެވުނެވެ. ފުރަތަމަ ހާފުގައި ލިވަޕޫލުން ޖެހި ތިން ލަނޑާ އެކު މެޗު އޮތީ ގާތްގަނޑަކަށް ނިމިފަ އެވެ.
ލިވަޕޫލް މިހާރު އެވަނީ ލީގުގެ 20 ތައްޓާ އެކު މެންޗެސްޓަ ޔުނައިޓެޑްއާ އެއްވަރުކޮށްފަ އެވެ.
ލިވަޕޫލް، ކުޅުނު 34، ފައިދާ ގޯލް 48، ޕޮއިންޓް 82
އާސެނަލް، ކުޅުނު 34، ފައިދާ ގޯލް 34، ޕޮއިންޓް 67
ނިއުކާސަލް، ކުޅުނު 34، ފައިދާ ގޯލް 21، ޕޮއިންޓް 62
މެންޗެސްޓަ ސިޓީ، ކުޅުނު 34، ފައިދާ ގޯލް 23، ޕޮއިންޓް 61
ޗެލްސީ، ކުޅުނު 34، ފައިދާ ގޯލް 19، ޕޮއިންޓް 60
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ