އއ. މަތިވެރީ ބަނދަރުގައި އެ ރަށު ކައުންސިލުން ހަދަން އިއުލާނުކުރި ރަސްމީ ފާލަމަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
ވީ ކިހިނެއް؟- ރަށުގެ ރަސްމީ ފާލަމުގެ ގޮތުގައި ތަރައްގީ ކުރުމަށް، މިދިޔަ ހުކުރު ދުވަހު މަތިވެރީ ކައުންސިލުން ދައްކާލީ ބޮޑު 'މަންތާ ނުވަތަ އެއްމަޑި' އެކެވެ. އުސްކޮށް ނަގާފައިވާ ހަތަރު ތަނބުގެ މަތީގައި، ބިޔަ މަންތާއެއް ހަދަނީ ފާލަން ބޭނުންކުރާ މީހުން ހިޔާވާނެ ވެސް ގޮތަށެވެ.
މި ކޮންސެޕްޓު އާއްމުންގެ ހިޔާލަށް ހުޅުވާލުމާ އެކު ގިނަ ބައެއްގެ ތައުރީފް ވަނީ ލިބިފަ އެވެ.
މަތިވެރީ ކައުންސިލްގެ ނައިބު ރައީސް އަލީ ނާފިޒު ވިދާޅުވީ 30 ފޫޓު އަދި 60 ފޫޓު ހުންނަ މި މަންތާ ފާލަމުގެ ކޮންސެޕްޓަށް ގިނަ ބައެއްގެ ރުހުން ލިބުމާ އެކު، އެ މަސައްކަތް ފަށަން މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.
ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ މަތިވެރީ ކައިރީގައި މަންތާ ގިނަ އެވެ. އެ ރަށަށް ގިނަ ޓޫރިސްޓުން އަރަނީ ވެސް އެއްމަޑި ބެލުމުގެ ބޭނުމުގަ އެވެ. އެެހެންވެ، އާއްމުންނަށް ވެސް ފަސޭހަވާނެ ގޮތަށް، އަދި ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ މަގްސަދުގައި އެފަދަ ގޮތަކަށް ފާލަން އަޅަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ގޮތަށް ފާލަން ކުރެހީ ޓެކްނިކަލް މީހުންނާ މަޝްވަރާކޮށްފައި، މިއީ ކުރެވިދާނެ އަދި ރަނގަޅު ކަމެއްތޯ ބަލާފައި. ގިނަ ބަޔަކަށް މިގޮތް ވަރަށް ކަމުދިޔަ،" ނާފިޒު ވިދާޅުވި އެވެ.
"އެކަމަކު ރައްކާތެރިކަމާއި ވިންޑް ޓޮލަރެންސް ފަދަ ބައެއް ކަހަލަ ކަންކަމަށް ބަލާފައި ކޮންސެޕްޓަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެންނާނެ."
އޭނާ ވިދާޅުވި ގޮތުގައި:
ފާލަމުގެ މައިގަނޑު ބައެއްގެ ގޮތުގައި ހިމެނޭ މަންތާ ހަދާނީ ފައިބަރުން
އެއީ މަތިވަޑާންގަނޑާ އެކު، ދޯންޏެއް ބަންނަ ގޮތަށް ބަންނާނެ އެއްޗެއް ކަމަށް ވިދާޅުވި
މި ހަފުތާ ތެރޭގައި އެ މަސައްކަތް ބަޔަކާ ހަވާލުކުރަން އިއުލާނު ކުރާނެ
މުޅި މަޝްރޫއަށް ހޭދަވާނެ ކަމަށް ބެލެވެނީ އަށް ލައްކަ ރުފިޔާ
ނާފިޒު ވިދާޅުވި ގޮތުގައި ކައުންސިލްގެ އަމާޒަކީ 1 ޖެނުއަަރީ 2026އަށް ފާލަން ހުޅުވުމެވެ. އުއްމީދަކީ ރާއްޖެއަށް މަޝްހޫރު ލޭންޑްމާކެއްގެ ގޮތުގައި އެތަން ތަރައްގީކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަތިވެރީ 'މަންތާ ފާލަމު'ގެ ކުރެހުމަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ