ލިވަޕޫލް (އޭޕްރީލް 28) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 5-1 އިން މޮޅުވެ، ލިވަޕޫލުން 20 ވަނަ ފަހަރަށް އިނގިރޭސި ލީގު ޗެމްޕިއަންކަން ހޯދައި، މި ކާމިޔާބީ އެންމެ ގިނަ ފަހަރު ހޯދުމުގެ ރެކޯޑް ހަދާފައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ހަމަކޮށްފި އެވެ.
ބާކީ ހަތަރު މެޗު އޮއްވައި ލިވަޕޫލުން ލީގު ޗެމްޕިއަންކަން ޔަގީންކުރިއިރު، މިއީ، 1990 ވަނަ އަހަރުގެ ފަހުން ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ލިބުނު ދެ ވަނަ ފަހަރެވެ. އެ ޓީމުން، އެންމެ ފަހުން ލީގު ހޯދީ 2020 ވަނަ އަހަރު އެވެ. އިނގިރޭސި ލީގު ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދުމުގެ ރެކޯޑް އޮތީ ލިވަޕޫލާއި ޔުނައިޓެޑް، މި ދެ ޓީމު އަތުގަ އެވެ.
ލިވަޕޫލް ދަނޑުގައި މިރޭ ކުޅުނު މެޗަށް ނުކުތްއިރު، ލީގު ޗެމްޕިއަންކަން ހޯދަން ލިވަޕޫލަށް ބޭނުންވަނީ ޕޮއިންޓެކެވެ. ގިނަ ބަދަލުތަކަކާ އެކު މި މެޗަށް ނުކުތް، ޓޮޓެންހަމް ހޮޓްސްޕާސް އިން ވަނީ ލިވަޕޫލް ސިއްސުވާލައިފައި ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ، ކުރިން ލިވަޕޫލަށް ކުޅުނު ފޯވާޑް، ޑޮމިނިކް ސޮލާންކޭ އެވެ. މެޗުގެ 12 ވަަނަ މިނިޓްގައި ޖޭމްސް މެޑިސަން ނެގި ކޯނަރަކުން ސޮލާންކޭ މި ގޯލު ޖެހީ ބޮލުންނެވެ.
އޭގެ ހަތަރު މިނިޓް ފަހުން ލިވަޕޫލުން އެއްވަރުކުރި އެވެ. މި ލަނޑު ޖެހީ މެޗުގެ 16 ވަނަ މިނިޓްގައި ލުއިސް ޑިއާޒް އެވެ. މި ގޯލު ފުރަތަމަ އޮފްސައިޑް ކަމަށް ނިންމި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި މި ގޯލު ބަލައިގަންނަން ނިންމީ އެވެ.
ލިވަޕޫލުން ލީޑުނެގީ 24 ވަނަ މިނިޓްގައި އޭރިއާބޭރުން އަލެކްސިސް މެކް އަލިސްޓާ ޖެހި ގޯލުންނެވެ. އަދި، އޭގެ 10 މިނިޓް ފަހުން، ކޯޑީ ގަކްޕޯ ވަނީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ލިވަޕޫލްގެ ލީޑުފުޅާކޮށްދީފަ އެވެ. އަދި، ދެ ވަނަ ހާފުގައި މުހައްމަދު ސަލާހު ލިވަޕޫލްގެ ހަތަރު ވަނަ ގޯލު ޖެހިއިރު، ލިވަޕޫލުން ޖެހި ފަހު ގޯލަކީ، ޓޮޓެންހަމްގެ ޑެސްޓިނީ އުޑޯގީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ލިވަޕޫލްގެ ކޯޗުކަމުން ނުވަ ސީޒަނަށް ފަހު ވަކިވި، ޖަރުމަނު ޔާގަން ކްލޮޕަށް ފަހު، އެ ޓީމާ ހަވާލުވި އާ ކޯޗު އާނާ ސްލޮޓް މި ވަނީ ފުރަތަމަ ސީޒަނުގައި ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. ސްލޮޓް ވަނީ، ކްލޮޕާއި އޭނާގެ ކޯޗިން ޓީމުން ލިވަޕޫލްގައި ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުން އޭނާގެ ވަޒީފާ ފަސޭހަވި ކަމަށް ބުނެ، ޝުކުުރު އަދާކޮށްފަ އެވެ.
ސްލޮޓަކީ ލިވަޕޫލާ ހަވާލުވުމަށް ފަހު، ފުރަތަމަ ސީޒަނުގައި އެ ޓީމަށް ލީގު ހޯދައިދިން ތިން ވަނަ ކޯޗެވެ. އަނެއްކޮޅުން ޕްރިމިއާ ލީގުގެ ތާރީހުގައި ޓީމަކާ ހަވާލުވުމަށް ފަހު، ފުރަތަމަ ސީޒަނުގައި ލީގު ޗެމްޕިއަންކަން ހޯދި ފަސް ކޯޗުންގެ ތެރޭގައި ސްލޮޓް ހިމެނެ އެވެ. ދެން، ފުރަތަމަ ސީޒަނުގައި ލީގު ޗެމްޕިއަންކަން ހޯދީ، ޗެލްސީ އަށް ކޯޗުކޮށްދިން، ހޯސޭ މޮރީނިއޯ، އެންޓޯނިއޯ ކޮންޓޭ، ކާލޯ އަންޗެލޮޓީގެ އިތުރުން، މެންޗެސްޓާ ސިޓީ އަށް އިރުޝާދުދިން މެނުއަލް ޕެލެގްރީނީ އެވެ.
ލިވަޕޫލުން 20 ވަނަ ލީގު ތަށި ހޯދައި ޔުނައިޓެޑާ އެއްވަރުކޮށްފި ލިވަޕޫލުން 20 ވަނަ ލީގު ތަށި ހޯދައި ޔުނައިޓެޑާ އެއްވަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ