ހުޅުމާލެ ފޭސް 3 ހިއްކަން ފަށައިފި
ހުޅުމާލެ އަށް އިތުރުކުރާ 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ. އެކަމަކު ޕްރޮޖެކްޓްގެ އަގާއި އެ ބިން އެއްކޮށް ހިއްކައި ނިމޭނެ ތާރީހެއް އާބަންކޯ އިން އަދި ނުބުނެ އެވެ.އާބަންކޯ އިން ބުނީ ބޯހިޔާވަހިކަމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކަން މިއަދު ފަށާފައިވާ ކަމަށެވެ. ހުޅުމާލޭގައި މިހާރު ތަރައްގީ ކުރަމުންދާ އެހެން ފިޔަވަހިތަކެކޭ އެއްފަދައިން ތިންވަނަ ފިޔަވަހީގައި ވެސް ރައްޔިތުންނަށް ލުއިފަސޭހަ ވާނޭހެން ގިނަ ޚިދުމަތްތަކާއި ވަސީލަތްތައް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯ އިން ބުނެ އެވެ. އެގޮތުން މަގުތަކާއި ބްރިޖްގެ އިތުރުން ހިތްގައިމު ޕާކްތައް ހަދާ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށްވެސް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އާބަންކޯ އިން ބުނެ އެވެ،އާބަންކޯއިން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްލޭންގެ ދަށުން ހުޅުމާލެ ފޭސް ތިނެއްގެ އިތުރުން ކުޑަގިރި، ތިލަފުށި، ގުޅިފަޅު އަދި ދިޔަނެރު ފަޅުގެ ތަފާތު މަޝްރޫއުތައް މިހާރުވެސް ކުރިއަށް ދަމުން އަންނަ ކަމަށެވެ. މި މަޝްރޫއުތަކަކީ ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިތަކުގެ އިތުރުން، މި ސަރަހައްދުގައި ސިނާއީ އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތަށް ކުރިއަށް ގެންދިއުމަށް ދިމާވާ ދަތިތަކަށްވެސް އެތައް ހައްލެއް ލިބިގެންދާނެ މަޝްރޫއުތަކެއް ކަމަށް އާބަންކޯއިން ބުނެ އެވެ.ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތްތައް އާބަންކޯ އިން ހަވާލު ކޮށްފައި ވަނީ ކެޕިޓަލް މެރީން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓަޑް (ސީއެމްސީ) ކުންފުނިންނެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރަނީ ބޮސްކާލިސް ކުންފުނިންނެވެ.މި ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން 19،000 އަށް ވުރެ ގިނަ މީހުންނަށް ގޯތި ދޭން ނިންމި އިރު ހުޅުމާލެއިން 1،400 ގޯތި ދޫކުރާނެ އެވެ. އޭގެ ތެރޭގައި މިއަދު ހިއްކަން ފެށި ހުޅުމާލެ ފޭސް 3 ވެސް ހިމެނެ އެވެ.ހުޅުމާލެ ހިއްކަން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ 1997 ގަ އެވެ. އޭރު ފުރަތަމަ ފިޔަވަހި ހިއްކުމަށް ފަހު، ދެވަނަ ފިޔަވަހި ހިއްކީ އެ މަނިކުފާނުގެ ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ