ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން މޮޅުވާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތާއީދުކުރައްވާ ކެންޑިޑޭޓް ކަމަށް ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުތަކުގައި މީގެކުރިން "ކިންގް މޭކާ" ގެ ގޮތުގައި ފާހަގަކުރެވުނު ގާސިމަށް މިފަހަރުގެ އިންތިހާބުގައި ލިބިވަޑައިގެންނެވީ 5،460 ވޯޓާއެކު ފަސްވަނަ އެވެ.
އިލްހާމް މިއަދު ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ގާސިމް ތާއީދު ކުރައްވާ ކެންޑިޑޭޓު ކަމަށާއި ވަގުތާއި ހާލަތުގެ ގޮތުން ގައުމަށް އެންމެ ފައިދާހުރި ގޮތަކަށް ބަލައި ވަރަށް އަވަހަށް ގާސިމް ނިންމަވާ ނިންމެވުން ރައްޔިތުންނާ ހިއްސާ ކުރައްވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބު އެއްބުރުން އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބު ނުކުރެވުނުއިރު އިންތިހާބުގެ ހުރިހާ ވޯޓު ފޮށްޓެއް ގުނާ ނިމުނުއިރު އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒު ވަނީ 101،635 ވޯޓު ހޯއްދަވާފަ އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.
އިންތިހާބުގައި ތިންވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. އިލްޔާސަށް ވަނީ 15،839 ވޯޓު ލިބިފަ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ގަ އެވެ.
މޮޅުވާނީ ގާސިމް ތާއީދުކުރާ ކެންޑިޑޭޓް: އިލްހާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ