ރައީސް މުޢިއްޒު މައްޗަންގޮޅި މެދު ދާއިރާގެ ދޮރުން ދޮރަށް!

ސަރުކާރު ކޯލިޝަން ގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ލީޑަރު އަދި ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ދޮރުންދޮރަށް ކެމްޕޭން ހަރަކާތް މިއަދު ކުރިއަށް ގެންދާނީ  މައްޗަންގޮޅި މެދު ދާއިރާގައި ކަމަށް ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
ސަރުކާރު ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލިސް އިންތިހާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވަނީ އަހްމަދު ޟަމީރުއެވެ.
އެ ކޯލިޝަނުން ބުނީ، މައްޗަންގޮޅި މެދު ދާއިރާގެ ކެމްޕޭން ރައީސް މުއިއްޒު ފައްޓަވާނީ މިއަދު މެންދުރު 13:15 ގައި ދަނބުރުއްމަގު, ފެހުނުގެ ކުރިމަތިން ކަމަށެވެ.
Advertisement
މި ކެމްޕޭން ހަރަކާތުގެ ދަށުން އިއްޔެ ވެސް ރައީސް މުއިއްޒު ހެންވޭރު ދެކުނާއި މެދު ހެންވޭރު ދާއިރާގެ ދޮރުން ދޮރަށް ހިންގަވާފައިކަން ފާހަގަކޮށްލަންޖެހެއެވެ.
ކުރިއަށް އޮތް މަޖިލީސް އިންތިހާބަށް ޕީއެންސީގެ ޓިކެޓް ގައި 89 ކެންޑިޑޭޓަކު ވާދަކުރާއިރު، ތިން ދާއިރާއަކަށް ވާދަ ކުރާ ތިން ޕާޓީގެ ލީޑަރުންނަށް އެ ކޯލިޝަންގެ ތާއީދު ވަނީ ދީފައެވެ. އެ ތިން ލީޑަރުންނަކީ، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އިތުރުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ.
މި އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 42 އަންހެނުންނާއި އަދި 326 ފިރިހެނުން ހިމެނޭހެން ޖުމްލަ 368 ކެންޑިޑޭޓަކު ވާދަކުރާއިރު، މި އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ އަދަދު 284،887 އަށް އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ