ރައީސް ވަކިކުރަން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ މާއްދާއަށް ގެނައި އިސްލާހުގެ މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހުގެ މައްސަލަ ބަންޑާރަނައިބް އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކޮށްފައިވާ ކަމަށް އެމްޑީޕީން އިއްޔެ ބުނެފައި ވަނިކޮށެވެ.
ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ދުރުކުރަން ފާސްކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެބައި މެންބަރުންގެ ތާއީދު ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.
ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ އެ ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމް މަޖިލީހުގެ ގަވައިދަށް ހުށަހެޅުއްވި އިސްލާހު މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
އާޒިމު އިސްލާހު ހުށަހެޅުއްވީ ގަވައިދުގެ 202 ވަނަ މާއްދާ އާއި 203 ވަނަ މާއްދާ އަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅައިފިނަމަ އެ މަރުހަލާތައް ގެންދާނެ ގޮތްތަކަށް އަދި ބައެއް ވަގުތުތަކަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުތަކެކެވެ.
މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހުތައް
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލީހަށް ލިބޭތާ ދެ ދުވަސްތެރޭގައި ނޯޓިސް ފޮނުވުންނޯޓިސް ދިން ދުވަހުން ފެށިގެން 14 ދުވަސް ބެލުމަށްފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބޭއްވުންމިފަދަ ގަރާރެއްގެ ބަހުސް ތިން ގަޑިއިރަށް ވުރެ އިތުރު ނުކުރުންރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޖަވާބުދާރީވުމަށް 30 މިނެޓްގެ ވަގުތު ދިނުންވަކީލުންނާ އެކު ޖަވާބުދާރީވުމަށް އެދިވަޑައިގަންނަވާނަމަ ގިނަވެގެން ތިން ވަކީލުންނަށް ފުރުސަތު ދިނުންމައްސަލަ މަޖިލީހުގައި ކުރިއަށް ގެންދަން އެ ޖަލްސާގައި ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން ނިންމައިފިނަމަ އެ މައްސަލަ ދިރާސާކުރުމަށް ހަތް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައި މައްސަލަ ކޮމިޓީއަށް ފޮނުވުން
މަޖިލިސް ގަވައިދު މިހާރު އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުމުގެ ގަރާރަށް ބަހުސްކުރެވޭނީ ގިނަވެގެން ދެ ގަޑިއިރަށެވެ. މިފަދަ މައްސަލައެއް މަޖިލީހުގައި ކުރިއަށް ގެންދަން މެންބަރުން ނިންމައިފިނަމަ އެ މައްސަލައެއް ދިރާސާ ކުރާ 11 މެންބަރުންގެ ކޮމިޓީގައި މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކެއް ތަމްސީލް ވާން ޖެހޭނެ މަޖިލިސް ގަވައިދުގައި މިހާރު އޮވެ އެވެ. ނަމަވެސް އާޒިމު ހުށަހެޅުއްވި އިސްލާހުގައި އެގޮތަށް ލާޒިމުކޮށްފައެއް ނުވެ އެެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް 87 މެންބަރުން ހޮވި ނަމަވެސް މަޖިލީހުގެ ހަތް މެންބަރަކު މިހާރު ވަނީ މެންބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. އެހެންވެ އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މިހާރުގެ އަދަދަކީ 80 ކަމަށް ކަނޑައެޅުމަށްވެސް އާންމު ކޮމިޓީއަށް އިސްލާހެއް ހުށަހަޅާފަ އެވެ.
މިއިސްލާހު ފާސްވެއްޖެނަމަ އެމްޑީޕީއާ ގުޅިގެން މިހާރު މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސްގެ އެހީތެރިކަމާ އެކު އެމްޑީޕީއަށް ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ދުރުކުރެވޭނެ އެވެ. ޝިފާއު ހުށަހެޅި ގޮތަށް އިސްލާހު ފާސްވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. އެމްޑީޕީގައި އެކަނިވެސް 42 މެންބަރުން އެބަތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ