ބީއެމްއެލްގެ ބޭންކު ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޖުތަމައަށް ފައިދާހުރި ދެމެހެއްޓެނިވި މަޝްރޫއުތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދޭ 'ބޭންކް ފަންޑު' އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މިއީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް ބޭންކުން ހުޅުވާލާ ފުރުސަތެކެވެ. މި ފަންޑުގެ ދަށުން ކޮންމެ އަހަރަކުވެސް ހޮވޭ ފަސް ފަރާތަކަށް، ތައުލީމާއި، ތިމާވެށްޓާއި، ކުޅިވަރުގެ ދާއިރާގެ އިތުރުން މުޖުތަމައަށް ފައިދާހުރި އެކި މަޝްރޫއުތައް ހިންގުމަށް 200,000 ރުފިޔާގެ މާލީ އެހީތެރިކަން ބޭންކުން ފޯރުކޮށްދެއެވެ. ބީއެމްއެލްގެ 'ބޭންކް ފަންޑު' އިން ބ. އަތޮޅު ތައުލީމަރުކަޒުގައި ޤާއިމް ކުރި ސެންޓަރުގައި ތެރެއިން -- ފޮޓޯ/ ބީއެމްއެލް މިއީ މިގޮތަށް މި ފަންޑު ހިންގަމުންދާ ތިންވަނަ އަހަރެވެ. މި ފަންޑު ތައާރަފުކުރި ފަހުން މިހާތަނަށް ޖުމްލަ ނުވަ ޖަމިއްޔާއަކަށް ބޭންކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިކަމާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއިން އަބަދުވެސް ގަބޫލުކުރާ ގޮތުގައި، ދެމެހެއްޓެނިވި ކުރިއެރުމެއް ހާސިލުކުރެވޭނީ މުޖުތަމައުގެ ބިންގަލުން ފެށިގެން ކުރެވޭ މަސައްކަތްތަކުން ކަމަށެވެ. އަދި 'ބޭންކް ފަންޑު' އަކީ ރަށްރަށުގެ ޖަމިއްޔާ ޖަމާއަތްތަކުން ގެންގުޅޭ އުފެއްދުންތެރި ޚިޔާލުތައް، މުޖުތަމައަށް ފައިދާކުރަނިވި ކަންކަމަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމަށް ބޭންކުން ދޭ އިސްކަން ހާމަކޮށްދޭ ރަމްޒެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ބޭންކް އޮފް މޯލްޑިވްސްއިން އަބަދުވެސް ގަބޫލުކުރާ ގޮތުގައި، ދެމެހެއްޓެނިވި ކުރިއެރުމެއް ހާސިލުކުރެވޭނީ މުޖުތަމައުގެ ބިންގަލުން ފެށިގެން ކުރެވޭ މަސައްކަތްތަކުން. 'ބޭންކް ފަންޑު' އަކީ ރަށްރަށުގެ ޖަމިއްޔާ ޖަމާއަތްތަކުން ގެންގުޅޭ އުފެއްދުންތެރި ޚިޔާލުތައް، މުޖުތަމައަށް ފައިދާކުރަނިވި ކަންކަމަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމަށް އަޅުގަނޑުމެން ދޭ އިސްކަން ހާމަކޮށްދޭ ރަމްޒެއް،" ޝަރީފް ވިދާޅުވިއެވެ. ޝަރީފް އިތުރަށް ވިދާޅުވީ މި ފަންޑުގެ އެހީގައި މިހާތަނަށް މުޖުތަމައަށް ލިބިފައިވާ ހެޔޮ ބަދަލުތަކާ މެދު ބޭންކުން ފަޚުރުވެރިވާ ކަމަށާއި، 2026 ވަނަ އަހަރުވެސް އުއްމީދަކީ މުޖުތަމައަށް ނަފާލިބޭނެ ދެމެހެއްޓެނިވި އިތުރު މަޝްރޫއުތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. ބީއެމްއެލްގެ 'ބޭންކް ފަންޑު' ގެ އެހީގައި ކުރިއަށް ގެންދިޔަ ހަރަކާތެއް -- ފޮޓޯ/ ބީއެމްއެލް "މި ފަންޑުގެ އެހީގައި މިހާތަނަށް މުޖުތަމައަށް ލިބިފައިވާ ހެޔޮ ބަދަލުތަކާ މެދު އަޅުގަނޑުމެން ފަޚުރުވެރިވަން. އަދި 2026 ވަނަ އަހަރުވެސް، އަޅުގަނޑުމެންގެ އުއްމީދަކީ މުޖުތަމައަށް ނަފާލިބޭނެ ދެމެހެއްޓެނިވި އިތުރު މަޝްރޫއުތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުން،" ޝަރީފް ވިދާޅުވިއެވެ. މި ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާ، ޖަމާޢަތްތަކާއި ކްލަބްތަކަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތާއި އުޞޫލުތައް ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ