ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ އެއްވެސް ހިފެހެއްޓުމެއް ނެތި ތަންމިނަށް ހުޅުވާލެވިފައި ކަމަށާއި، ނަމަވެސް ކޯޓު އަމުރުތަކާ ހިލާފުވެ، މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގާނަމަ ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
’އަދަދު‘ ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލީ މައްސަލައާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ، މިއަދު ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، ނިގުޅައިގަނެގެން ސަރުކާރުން ނޫޅޭ ކަމަށެވެ. އޭގެ ބަދަލުގައި މިއަދު ކުރިމަތިވެފައިވާ މައްސަލައަކީ މި ހައްގުތައް އޭގެ އެއްވެސް އިންތިހާއެއް ނެތި ހުޅުވާލުމުން އެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ގަޛްފު ކުރުން ކަމަށް ހީނާ ފާހަގަކުރެއްވިއެވެ.
ހީނާ ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކުރާ ހުރިހާ ނޫސްވެރިން ފުލުހަށް ނުވަތަ ކޯޓަކަށް ނުގެންދެއެވެ. އަދި ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ހުރިހާ ނޫސްވެރިންނަށްވެސް އެބައޮތެވެ. ނަމަވެސް، ކޯޓަކުން ”ގޭގް އޯޑަރ“ އެއް ނުވަތަ ހަބަރު ފެތުރުން މަނާކުރާ އަމުރެއް ނެރުއްވާފައި އޮއްވައި، އެ އަމުރާ ހިލާފުވާން ފުރުސަތު ދިނުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށްވެސް ލިބިވަޑައިގެން ނުވާކަން އޭނާ ހަނދާންކޮށްދެއްވިއެވެ.
މި ޤައުމުގައި ސިޔާސީ މީހުންގެ އަބުރަށް އަރައިގަތުމާ މީހުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައިގެން އެކަމުން ސިޔާސީ ނަފާ ހޯދުމަށްޓަކައި ޤާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަން ނާޖާއިޒު ގޮތުގައި ބޭނުން ކުރުން ދަނީ ރޯވަމުންދާ އަލިފާން ގަނޑެއްފަދައިން ފެތުރެމުން – ހީނާ ލިޔުއްވާފައިވެއެވެ.
ޒާތީނުވެ، ދޮގު ނަހަދާ އަދި މީހުންގެ އަބުރާ ނުބެހިވެސް ސަރުކާރަށް ފާޑުކިޔައި ޒިންމާދާރު ކުރެވޭނެ ކަމަށާއި، ޤާނޫނުތަކާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.
މި މައްސަލަ ފެށުނީ ’އަދަދު‘ ނޫހުން މިދިޔަ މާޗް މަހުގެ 28 ގައި ނެރުނު ’އައިޝާ‘ ޑޮކިއުމެންޓަރީއާ ގުޅިގެންނެވެ. އެ ޑޮކިއުމެންޓަރީގައި ރައީސް މުއިއްޒާ ދެކޮޅަށް ކުރި ތުހުމަތުތަކާ ގުޅިގެން ކޯޓުން ވަނީ އެ ވާހަކަތައް ދެއްކުން މަނާކޮށް އަމުރެއް ނެރެފައެވެ. ނަމަވެސް، އެ އަމުރާ ހިލާފުވި ކަމަށް ބަލައި ’އަދަދު‘ ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހުޒާން 15 ދުވަހަށް އަދި ލީވާން ޢަލީ ނާޞިރު 10 ދުވަހަށް ޖަލަށްލުމަށް ކޯޓުން ވަނީ ދާދި ފަހުން ހުކުމް ކޮށްފައެވެ.
ކޯޓު އަމުރާ ހިލާފުވުމުން ފިޔަވަޅު އެޅޭނެ، ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ތަންމިނަށް ހުޅުވާލެވިފައި: ހީނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ