މި ސަރުކާރުން 29.3 ބިލިއަން ރުފިޔާގެ ދަރަނި ނަގައިފި؛ އެތެރޭގެ ދަރަންޏަށް ބަރޯސާވުން ބޮޑުވެއްޖެ

މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ދަރަނީގެ ގޮތުގައި އެކި ފަރާތްތަކުން 29.3 ބިލިއަން ރުފިޔާ ނަގާފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.
އެނގުން މުހިންމު - މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު 2023ގައި ދައުލަތުގެ ދަރަންޏަކީ 126 ބިލިއަން ރުފިޔާ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން %124.1 އެވެ.
ތަފްސީލް - ފިނޭންސް މިނިސްޓްރީން މިދިޔަ ހަފްތާ އާންމުކުރި ދައުލަތުގެ ދަރަނީގެ ތަފާސްހިސާބު ފޮތުން ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި ވަނީ: 
155 ބިލިއަން ރުފިޔާއަށް އަރާފައި؛ މިއީ ޖީޑީޕީގެ ނިސްބަތުން %133.1
މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި ހުރި ގޮތުގައި ތަފްސީލަކީ:
ބޭރުގެ ދަރަނި: 63.1 ބިލިއަން ރުފިޔާ 
އެތެރޭގެ ދަރަނި: 91.7 ބިލިއަން ރުފިޔާ
ކުރީ ސަރުކާރުތަކާ ހިލާފަށް މި ސަރުކާރުގައި ދަރަނި ނެގުމަށް އައި އެންމެ ބޮޑު އެއް ބަދަލަކީ އެތެރޭގެ ބާޒާރުން ދަރަނި ނަގާ މިންވަރު އިންތިހާއަށް އިތުރުވުމެވެ. އެ ވާހަކަ ރިޕޯޓްގައި ވެސް ފާހަގަކޮށްފައިވެ އެވެ. އެގޮތުން މިދިޔަ އަހަރު:
އާ ފައިނޭންސިންގެ ގޮތުގައި 12.3 ބިލިއަން ރުފިޔާ ހޯދާފައިވޭ 
އޭގެ %47.6 ނުވަތަ 5.9 ބިލިއަން ރުފިޔާއަކީ އެތެރޭގެ ބާޒާރަށް ވިއްކާފައިވާ ބޮންޑުތަކެއް 
އަދި %42.2 ނުވަތަ 5.2 ބިލިއަން ރުފިޔާއަކީ އެތެރޭގެ ބާޒާރަށް ވިއްކާފައިވާ ޓްރެޝަރީ ބިލް (ޓީ-ބިލް)ތަކެއް
ބޭރުގެ ލޯނުގެ ގޮތުގައި ނަގާފައިވަނީ %10.1؛ އެއީ 1.2 ބިލިއަން ރުފިޔާ
ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ނެގި ދަރަނީގެ ބޮޑު ބައެއް އެތެރޭގެ ބާޒާރުން ހޯދާފައިވުމުން ބުނެދެނީ: 
ސަރުކާރަށް ބޭރުގެ މާކެޓުތަކުން ފައިސާ ހޯދުމަށް ދަތިވެ، އެތެރޭގެ މާކެޓަށް ސަރުކާރު ބަރޯސާވާން ޖެހިފައިވާ މިންވަރު 
އެތެރޭގެ ބާޒާރުން ނެގި ދަރަނީގެ ބޮޑު ބަޔަކީ ވެސް ޑޮލަރުން ނަގާފައިވާ ދަރަނި 
މިކަމުގެ ސަބަބުން ރާއްޖޭގައި އޮތް ޑޮލަރުގެ ތާށިކަން އިތުރަށް ގޯސްވެ، ވިޔަފާރިތަކާއި އާންމު ބޭނުންތަކަށް 
މި ސަރުކާރުގައި ބޭރުގެ ފަރާތްތަކުން އެންމެ ބޮޑު ދަރަންޏެއް ނަގާފައި ވަނީ އިންޑިއާއިންނެވެ. އެގޮތުން:
އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) އިން 2.44 ބިލިއަން ރުފިޔާ ނަގާފައިވޭ؛ މިއީ ޖުމްލަ ދަރަނީގެ ގާތްގަނޑަކަށް %42
ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް، ޗައިނާ އެގްޒިމް ބޭންކް، އަބޫދާބީ ފަންޑު އަދި އައިޓީއެފްސީން ވެސް ލޯނު ނަގާފައިވޭ
މިކަމުން ދައްކައިދެނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބައިލެޓަރަލް ފައިނޭންސިން ނުވަތަ ބޭރުގެ ފަރާތްތަކުން ހޯދާ ފައިސާއަށް ބަރޯސާވާން ޖެހިފައިވާ ކަމެވެ. 
ދައުލަތުން ސަރުކާރުގެ ކުންފުނިތަކަށް ނުވަތަ އެސްއޯއީތަކަށް ދޫކޮށްފައިވާ ލޯނުތައް އަނބުރާ ނުދެއްކި ފުނިޖެހުން އިތުރުވެފައިވާކަން ރިޕޯޓުން ހާމަވެ އެވެ. އެގޮތުން ސަރުކާރު ކުންފުނިތަކަށް ދޫކުރި ލޯންތަކުން ދައްކަން ޖެހި، ނުދެއްކި ހުރި ފައިސާގެ ޖުމްލަ 4.16 ބިލިއަން ރުފިޔާއަށް އަރަ އެވެ. 
ސަރުކާރުގެ ދަރަންޏަށް ދައްކަން ޖެހޭ އިންޓަރެސްޓުގެ ގޮތުގައި މިދިޔަ އަހަރު ޖުމްލަ 6.1 ބިލިއަން ރުފިޔާ ދައްކާފައިވެ އެވެ. މީގެ ތެރެއިން 3.3 ބިލިއަން ރުފިޔާއަކީ އެތެރޭގެ ދަރަންޏަށް ދެއްކި އިންޓަރެސްޓެވެ.
ދަރަނީގެ ޕޯޓްފޯލިއޯ އެތެރޭގެ މާކެޓަށް ބޮޑަށް ބުރަވެފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި އޮތް ނަމަވެސް، ފޮރިން އެކްސްޗޭންޖް (އެފްއެކްސް) ރިސްކަށް އެއްވެސް ލުޔެއް ލިބިފައެއް ނުވެ އެވެ. އެގޮތުން:
ޖުމްލަ ދަރަނީގެ %46އަކީ އަދިވެސް ބޭރު ފައިސާގެ ދަރަނި 
ޑޮލަރާ ގުޅިފައިވާ އެކްސްޕޯޝާ އަދިވެސް އިންތިހާއަށް ބޮޑުއިރު، ބޭރުގެ ޑޮލަރު ދަރަނީގެ ގޮތުގައި 27.7 ބިލިއަން ރުފިޔާ އަދި އެތެރޭގެ ޑޮލަރު ދަރަނީގެ ގޮތުގައި 17.1 ބިލިއަން ރުފިޔާ އެބަހުރި
މިއިން ދައްކައިދެނީ، އެތެރޭގެ މާކެޓުން ދަރަނި ނެގުމަކީ ވަގުތީ ގޮތުން ލިކުއިޑިޓީއަށް ލުޔެއް ލިބުނު ކަމަކަށް ވިޔަސް، ބޭރުގެ ދަރަނި އަދާކުރުމަށް އޮތް ޕްރެޝަރަށް އަދިވެސް ހައްލެއް ލިބިފައި ނުވާ ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ