ޓެކްސީ ލައިނަށް އަގު ނަގަން ފެށިފަހުން 13،000 ދަތުރުކޮށްފި

މިދިޔަ މަހުގެ ދެވަނަ ދުވަހު ފެށި މާލޭ ޓެކްސީ ލައިނުގެ ހިދުމަތަށް އަގު ނަގަން ފެށިފަހުން މިހާތަނަށް 13،000 ދަތުރުކޮށްފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ. 
އެ ކުންފުނި މެދުވެރިކޮށް އޮޕަރޭޓްކުރާ "މާލެ ޓެކްސީ"ގެ ހިދުމަތް ފެށީ 150 ކާރާ އެކު އެވެ. މާލެ އާއި ހުޅުލެ އަދި ހުޅުމާލެއަށް ޓްރާންސްޕޯޓް މިނިސްޓްރީން އެންމެ ފަހުން ކަނޑައަޅައިވާ ޓެކްސީ އަގުތަކުގައި އެ ހިދުމަތް ދެނީ 24 ގަޑިއިރެވެ. 
އެމްޓީސީސީން މިއަދު ބުނީ މާލޭ ޓެކްސީ ލައިން ތައާރަފުކުރީ މާލޭ ސަރަހައްދުގައި ރައްކާތެރި، އިތުބާރު ހުރި އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ކަމަށެވެ.
އެމްޓީސީސީން އާންމުކޮށްފައި ވަނީ މިދިޔަ އޭޕްރީލް 18 އިން ފެށިގެން މި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ހިދުމަތް ބޭނުންކޮށްފައިވާ މީހުންގެ ތަފާސްހިސާބުތަކެވެ. އޭގައިވާ ގޮތުން ތިން ހަފްތާގެ ތެރޭގައި 13،073 ދަތުރު ކޮށްފައިވެ އެވެ. 
އެކަމުން ދައްކުވައިދެނީ ހިދުމަތަށް އޮތް ޑިމާންޑް އިތުރުވަމުންދާކަން ކަމަށް އެމްޓީސީސީން ބުންޏެވެ. 
އެ ކުންފުނިން ބުނި ގޮތުގައި އެ މުއްދަތުގައި 9،550 ކަސްޓަމަރުން މާލެ ޓެކްސީތަކުން ދަތުރުކުރި އެވެ. އެންމެ ގިނަ ބަޔަކު ހިދުމަތް ބޭނުންކުރީ މާލޭގަ އެވެ. މާލެގައި 9،395 ދަތުރުކޮށްފައިވާއިރު ހުޅުމާލޭ ފޭސް އެކެއްގައި ދަތުރުކުރި އަދަދު ހުރީ 1966 ގަ އެވެ. އަދި ފޭސް ދޭއަކަށް ދަތުރުކުރި އަދަދަކީ 1283 އެކެވެ. 
މާލޭ ޓެކްސީ ލައިނުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 429 ދަތުރުކޮށްފަ އެވެ.
މާލެ ޓެކްސީ ލައިންގެ ހިދުމަތް މި މަހުގެ ދެވަނަ ދުވަހު ތައާރަފުކުރީ ވެބް އެޕެއް މެދުވެރިކޮށް އެ ހިދުމަތަށް އެދެވޭ ގޮތަށް ކަމަށް ވިޔަސް އޭގެ ސެކިއުރިޓީއާ ގުޅޭ މައްސަލަތަކާ ހެދި އެޕް ޑައުންކުރުމަށް ފަހު، ޓެކްސީގެ ހިދުމަތް ދޭން ފެށީ ހިލެ އެވެ. ފުރަތަމަ ހަފްތާއެއް ވަންދެން ޓެކްސީގެ ހިދުމަތް ހިލޭ ދޭން ނިންމިޔަސް ދެ ހަފްތާއަށް ވުރެ ދިގު މުއްދަތަކަށް ހިލޭ ދޭން ޖެހުނީ މައްސަލަ ހައްލުނުވެގެންނެވެ. 
އެކަމަކު އޭޕްރީލް 18 އިން ފެށިގެން ވަނީ އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް، އަދި އެ ކުންފުނިން އާއްމުކޮށްފައިވާ ކިއުއާރު ކޯޑް ބޭނުންކޮށްގެން ވެސް ދަތުރުތަކަށް ފައިސާ ދެއްކޭނެ ގޮތަށް ހަދައިފަ އެވެ. 
ޑިޖިޓަލް ބުކިން ސިސްޓަމް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވިޔަސް ދަތުރުތަކަށް ބުކް ކުރުމުގެ ކަންތައް އަދިވެސް ކުރިއަށް ދަނީ އެކަމަށް ހާއްސަކޮށްފައިވާ 1655 މެދުވެރިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ