މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ ސޮއި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހަމަކޮށްފި އެވެ. 
އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނާޒިމް އެ މަގާމުން ވަކިކުރުމަށް 40 އަށްވުރެ ގިނަ މެންބަރުން ވަނީ ސޮއިކޮށްފަ އެވެ. އެ މައްސަލަ ވަރަށް އަވަހަށް މަޖިލީހަށް ވައްދާނެ އެވެ. 
ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މުއާމަލާތް ކުރަން ބޭނުން ކުރާ ވަޓްސްއެޕް ގްރޫޕަކުން ވެސް ނާޒިމް މިއަދު ބޭރުުކޮށްލި އެވެ. 
ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކޮށްލިއިރު، މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ އިން އޭނާ ވަނީ މިދިޔަ އޭޕްރީލް 21، ގައި ވަކިކޮށްފަ އެވެ. އެއީ ސްޓޭޓް އޯންޑް އެންޓަޕްރައިޒާސް ކޮމިޓީ އާއި ގައުމީ ސަލާމަތާ ގުޅޭ ކޮމިޓީ އެވެ. 
އޭގެ ފަހުން، ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުން ނާޒިމްގެ ބޮޑު ރިޕޯޓެއް ވަނީ ތައްޔާރުކޮށްފަ އެވެ. ތަފާތު ދެ މަސްދަރަކުން މި ނޫހަށް އެކަން ވަނީ ކަށަވަރުވެފަ އެވެ. 
ނާޒިމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ ކޮބައިކަމެއް އަދި މި ނޫހަކަށް ނޭނގެ އެވެ. އެކަމަކު، މަސްދަރުތަކުން ބުނީ ނާޒިމްގެ މައްޗަށް ފުލުހުން ކުރަނީ ވަރަށް ސީރިއަސް ޖިނާއީ ތުހުމަތުތަކެއް ކަމަށެވެ. 
މަޖިލީހުގެ ނައިބު ރައީސް ނާޒިމްއަކީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ސިޔާސީ ބޭފުޅާ އެވެ. މީގެ ކުރިން 2009 އިން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ވެސް މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ނާޒިމް ހުންނެވި އެވެ. 
ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު ވެސް ނާޒިމް ވަރަށް ގާތުން މަސައްކަތް ކުރެއްވި އެވެ. ޔާމީންގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީ ޕީޕަލްސް އެލަޔަންސްގެ އިސް ރޯލުތަކެއް ވެސް ނާޒިމް އަދާ ކުރެއްވި އެވެ. 
ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ޖެހުނު ސިޔާސީ މައްސަލައެއްގައި 2015 ވަނަ އަހަރު މަކަރާއި ހީލަތުގެ ކުށް ސާބިތުކޮށް އޭނާ 25 އަހަރަށް ޖަލަށްލި އެވެ. ހަމަ އެ އަހަރު، ބޭސްފަރުވާ ކުރުމުގެ ހުއްދައެއްގެ ދަށުން ސިންގަޕޫރަށް ފުރާވަޑައިގަތުމަށްފަހު އިނގިރޭސިވިލާތުގެ ސިޔާސީ ހިމާޔަތް އޭނާ ހޯއްދެވި އެވެ. 
ނާޒިމް އެނބުރި ދިވެހިރާއްޖެއަށް ވަޑައިގަތީ އޭނާގެ މައްޗަށް ކޮށްފައި އޮތް ހުކުމް 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ބާތިލް ކުރުމުންނެވެ.
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގައި 74 މެންބަރުން ތިއްބަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ