ބާރަށުގެ މަގު ހަދަން ބޭނުންވާ ސާވޭގެ މަސައްކަތް ފަށައިފި

ހއ. ބާރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން ކުރަންޖެހޭ ސާވޭގެ މަސައްކަތްތައް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.
އާރްޑީސީން މައުލޫމާދޭ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ތާރުއަޅައިގެން ތަރައްޤީ ކުރާނީ ބާރަށުގެ ވަށައިގެންވާ މަގުތަކެވެ. މިގޮތުން ޖުމްލަ 7.56 ކިލޯމީޓަރުގެ މަގު ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިހާރު ކުރިއަށްދާ މަރުހަލާގައި މަގު ހެދުމަށް ބޭނުންވާ ތަފްސީލީ ޓޮޕޮގްރަފިކް، ޖިއޯޓެކްނިކަލް އަދި ހައިޑްރޮލޮޖިކަލް ސާވޭތައް ފުރިހަމަ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން، ތިމާވެއްޓަށް ކުރާނެ އަސަރު ބަލާ ދިރާސާ (އީއައިއޭ) ހެދުމާއި، ފެން ހިންދާ ނިޒާމު ހިމެނޭހެން މަގުތަކުގެ ތަފްސީލީ ޑިޒައިން ތައްޔާރުކުރުން ވެސް މި މަރުހަލާގައި ކުރިއަށްދާނެ ކަމަށް އާރްޑީސީން ބުނެފައިވެއެވެ.
މަގުތައް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތުގެ ތެރޭގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، ކާބްސްޓޯން ޖެހުމާއި، ދުވާރު ހެދުން ހިމެނެއެވެ. އަދި މަގުތަކުގެ ފިނިޝިންގ މަސައްކަތްތަކުގެ ތެރޭގައި ޔުޓިލިޓީ ޖަންކްޝަންތަކަށް ބަދަލު ގެނައުމާއި، މަގުމަތީގެ ނިޝާންތައް ކުރެހުމާއި، ސްޕީޑް ބްރޭކަރުތަކާއި ޓްރެފިކް ބޯޑުތައް ހަރުކުރުން ހިމެނެއެވެ.
މުޅި ސަރަޙައްދު އަލިކުރުމަށްޓަކައި ކޭބަލް އަޅައި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ