ބައެއް ރަށްރަށުގައި، ދަނޑުވެރިކަންކުރާ ސަރަހައްދުތަކުގައި އެތައް އަހަރެއް ވަންދެން ބިދޭސީން ފިލައިގެން އުޅޭކަން ފާހަގަވެފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ ކަންކަމާ ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ މިނިސްޓަރު ވިދާޅުވީ މި މަސައްކަތުގެ ތިން ވަނަ މަރުހަލާގައި ކުރާނެ މަސައްކަތަކީ ގަވައިދާ ހިލާފު މަސައްކަތްކުރާ ބިދޭސީން ހޯދުން ކަމަށެވެ.
އެގޮތުން ފުރަތަމަ ފޭސްގައި ބަޔޯމެޓްރިކްސް ނަގައި ދެވަނަ ފޭސްގައި ވެސް މައުލޫމާތު އެއްކުރުމުގެ އިތުރުން ގަވައިދާ ހިލާފަށް އުޅޭ މީހުން ހޯދައި އެ މީހުން ގަވައިދަށް ވަނުމަށް ފުރުސަތެއް ދިނީ ކަމަށް އިހުސާން ވިދާޅުވި އެވެ.
އެ މަސައްކަތުގެ ތެރެއިން ފާހަގަވި ކަމެއްގެ ގޮތުގައި އިހުސާން ވިދާޅުވީ ބިންބޮޑު ރަށްރަށުގައި، ހާއްސަކޮށް ދަނޑުވެރިކަން ކުރާ ރަށްރަށުގެ ދަނޑުތަކުގައި ބިދޭސީން ފިލައިގެން އުޅޭ ކަމަށެވެ.
"ލ. އަތޮޅު ގަން ކަހަލަ، ކ. ކާށިދޫ ކަހަލަ އއ. ތޮއްޑޫ ކަހަލަ މިފަދަ ރަށްރަށުގައި ދަނޑުވެރިކަމުގެ ސިނާއަތުގެ ތެރޭގައި އެތަނުން ނުނިކުމެ، އެ ދަނޑުތަކުގެ ތެރޭގައި ފިލައި އުޅޭތާ އެތައް އަހަރެއް ވެފައި ތިބި މީހުން އުޅޭކަން ފާހަގަވި،" އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ތިން ވަނަ މަރުހަލާގައި ކުރާނެ މަސައްކަތަކީ ބަޔޯމެޓްރިކްސް ނުނެގި ތިބި 4،040 މީހުން ހޯދުން ކަމަށާއި އެ މީހުންގެ ތެރޭގައި ދަނޑުތަކުގައި ފިލައިގެން އުޅޭ ބިދޭސީން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި 4،040 މީހުންނަކީ ކޮބައިތޯ މުޅި ރާއްޖޭގައި އަތްފުނާ އަޅައިގެން ވެސް ހޯދާނަން އަޅުގަނޑުމެން. އެ މީހުން އެބަ ތިބިތޯ ނެތްތޯ ވެސް، މި މީހުންގެ ތެރޭގައި ކާކުތޯ ވެރިފައި ނުކޮށް އޮޑިއަކަށް އަރުވައިގެން އުޅެނިކޮށް އޮޑި ފެތެނީ، މިފަދާ ހާދިސާތައް އެބަހުރި ހިނގާފައި. އަލިފާނުގެ ހާދިސާތައް އެބަހުރި ހިނގާފައި،"
"...މިފަދަ ހާދިސާތަކުގައި ދައުލަތުގެ ތެރެއިން އެ މީހުން ވާނުވާ ނޭނގޭ ހާލަތަށް ގޮސްފައި ތިބި އެންމެ މީހުން މިހާރު ތިބޭނީ މިބުނި އަދަދު [4،040] މީހުންގެ ތެރޭގައި."
ތިން ވަނަ މަރުހަލާގައި ކުރާނެ އެންމެ މުހިންމު މަސައްކަތަކީ އެ އެންމެން ހޯދައި ހިފައި ހައްޔަރުކޮށް އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލުން ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ. ދެން ކުރާނެ ކަމަކީ ގަވައިދާ އެއްގޮތަށް އޮތް ހުއްދައެއްގެ ދަށުން ގަވައިދާ ހިލާފު މަސައްކަތްތައް ކުރާ މީހުން ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ.
ވަކިން ހާއްސަކޮށް، ވިޔަފާރިކުރާ ބިދޭސީންނަން އިސްކަން ދޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން ކަންމަތީ ފިހާރަތަކާއި މާރުކޭޓު ގޮޅިތައް ހިންގާ މީހުންނާއި ދަނޑުވެރިކަމާއި ބޯކޮށާ ތަންތަން ހިންގުމާއި ސައިކަލު ދޮވުން ފަދަ ކަންކަމަކަށް ވަރަށް ބޮޑަށް އިސްކަން ދޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
މި ސަރުކާރު އައި އިރު ގަވައިދާ އެއްގޮތަށް މަސައްކަތްކުރާ ތިބީ އެންމެ 20 ޕަސެންޓު މީހުން ކަމަށާއި މިހާރު އެ އަދަދު 63 ޕަސެންޓަށް އިތުރު ކުރެވިފައިވާ ނަމަވެސް 34 ޕަސެންޓު މީހުން ގަވައިދުގެ ތެރެއަށް ނުވަދެ އުޅޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް މި ސަރުކާރުން "ކުރަނގި އޮޕަރޭޝަން" ފެށީ މޭ 2024 ގަ އެވެ. އެ އޮޕަރޭޝަނުގެ ތެރެއިން 191،723 އަށް ވުރެ ގިނަ ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، ޑޭޓާބޭސް އަޕްޑޭޓުކޮށްފައިވެ އެވެ. އެއީ 2012 ވަނަ އަހަރުން ފެށިގެން ރާއްޖެ އައި ބިދޭސީންގެ 98 ޕަސެންޓު މީހުންނެވެ.
ރަށްރަށުގެ ދަނޑުތަކުގައި އެތައް އަހަރެއް ވަންދެން ބިދޭސީން ފިލައިގެން އުޅޭ: އިހުސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ