މިއަދަށް ތާވަލްކުރި މުހިއްމު ދެ ކޮމިޓީއެއްވެސް ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވެގެން ކެންސަލް ކުރި ކަން އިއުލާނުކުރުމަށްފަހު، މިއަދަށް ތާވަލްކޮށްފައިވާ ދެ ކޮމިޓީއެއްގެ ބައްދަލުވުންވެސް ކެންސަލްކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރި ގޮތުގައި މިއަދު 10:30 ގައި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެއް، އަދި 11:15 ގައި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ގެންދަން އޮތީ ތާވަލުކޮށްފައެވެ. ނަމަވެސް، މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ ކެންސަލްކުރިތާ ކުޑަ ވަގުތުކޮޅެއް ތެރޭ، އެ ދެ ކޮމިޓީގެ ބައްދަލުވުން ވެސް ކެންސަލްކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
މާލިއްޔަތު ކޮމިޓީއިން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުގެ އިދާރާ ވޭތުވެދިޔަ 10 އަހަރު އޮޑިޓްކޮށްފައި ނެތުމާއި، ސަރުކާރުގެ މުއައްސަސާތަކާއި ކައުންސިލުތަކުން އޮޑިޓު ރިޕޯޓުތައް ނެރުން ލަސްވެ، އޮޑިޓް ރިޕޯޓުގައި ފާހަގަވާ ކަންކަން ހައްލުނުވެ ގިނަދުވަސްވާ މައްސަލަ ހިމެނެއެވެ.
ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއިން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި ސަލާމަތީ ބާރުތަކުން މިދިޔަ އަހަރުގެ މާރިޗް މަހުގައި ހިންގި އޮޕަރޭޝަނެއްގެ މައްސަލައާއި، ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި ސިނގިރޭޓު ވަގަށް އެތެރެކުރި ކަމަށް ތުހުމަތުކުރާ މައްސަލަ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ