އިންޑިއާއިން ރަނާއި ރިހީގެ އިމްޕޯޓް ޑިއުޓީ %15އަށް ބޮޑުކޮށްފި

އިންޑިއާއިން ބޭރުން ގަންނަ ރަނާއި ރިހީގެ މިންވަރު މަދުކޮށް، އެ ގައުމުގެ ބޭރު ފައިސާގެ ރިޒާވަށް ކުރިމަތިވެފައިވާ ފިއްތުންތައް ކުޑަކުރުމުގެ ގޮތުން، ރަނާއި ރިހީގެ އިމްޕޯޓް ޓެކްސް ކުރިން ހުރި %6 އިން %15އަށް ބޮޑުކޮށްފި އެވެ.
ސަރުކާރުން އިއްޔެ ނެރުނު އިރުޝާދެއްގައިވާ ގޮތުން، މި އާ އޮނިގަނޑުގެ ދަށުން އަސާސީ ކަސްޓަމްސް ޑިއުޓީގެ ގޮތުގައި %10 އަދި އެގްރިކަލްޗާ އިންފްރާސްޓްރަކްޗާ އެންޑް ޑިވެލޮޕްމަންޓް ޓެކްސްގެ ގޮތުގައި %5 ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ނިންމުމަކީ ހަކަތައިގެ އަގު އުފުލުމާއި ވިޔަފާރީގެ ބެލެންސްއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން، އެއް އަހަރުދުވަހުގެ މުއްދަތަށް ރަން ގަތުމުން ދުރުހެލިވުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައިވާ ދަނޑިވަޅެއްގައި ނިންމި ނިންމުމެކެވެ.
މި ދާއިރާގެ އިސް ބޭފުޅުން އިންޒާރު ދެއްވާ ގޮތުގައި، ޓެކްސް ބޮޑުކުރުމުގެ ސަބަބުން ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ރަން ބޭނުންކުރާ ގައުމުގައި ރަނަށް އޮތް ޑިމާންޑް ދަށްވެ، ވަގަށް މުދާ އެތެރެކުރުމުގެ އަމަލުތައް އިތުރުވެގެންދާނެ އެވެ.
އިންޑިއާ ބުލިއަން އެންޑް ޖެވެލާސް އެސޯސިއޭޝަންގެ ސުރެންދުރަ މެހެތާ ވިދާޅުވީ، ކަރަންޓް އެކައުންޓް ޑެފިސިޓް ކުޑަކުރުމަށް ސަރުކާރުން ޑިއުޓީ ބޮޑުކުރާނެ ކަމަށް ކުރިން ވެސް ބެލެވުނު ކަމަށާއި، ނަމަވެސް މިހާރު ވެސް ރަނާއި ރިހީގެ އަގުތައް އުފުލިފައި ހުރުމާ އެކު މި ބަދަލުގެ ސަބަބުން ވިޔަފާރިއަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ.
އިންޑިއާއަކީ އެ ގައުމަށް ބޭނުންވާ ރަނުގެ ގާތްގަނޑަކަށް ހުރިހާ މިންވަރެއް ބޭރުން އިމްޕޯޓްކުރާ ގައުމެކެވެ. ފަހަކަށް އައިސް ރަނުގެ އަގު މައްޗަށް ދިއުމާއި ހިއްސާގެ ބާޒާރުން ލިބޭ މަންފާ ދަށްވުމާ ގުޅިގެން ރަނަށް އޮތް ޑިމާންޑް ވަނީ އިތުރުވެފަ އެވެ. ވޯލްޑް ގޯލްޑް ކައުންސިލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންޑިއާގެ ގޯލްޑް އެކްސްޗޭންޖް ޓްރޭޑަޑް ފަންޑުތަކަށް އައި އިންވެސްޓްމަންޓް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %186 އިތުރުވެފަ އެވެ.
ރަން ވިޔަފާރިކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، ކުރިން އެޅި ފިޔަވަޅުތަކާ އެކު މިދިޔަ މަހު ރަން އެތެރެކުރި މިންވަރު ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ނުދާހާ ދަށްވަރުގެ މިންވަރަކަށް ވެއްޓިފައި ވަނިކޮށް، މިފަހަރުގެ ޑިއުޓީ ބޮޑުކުރުމުން އިމްޕޯޓް އިތުރަށް ދަށްވާނެ އެވެ. މުމްބާއީގެ ވިޔަފާރިވެރިއަކު އިންޒާރު ދެއްވި ގޮތުގައި، މިހާރު ހުރި އަގުތަކަށް ބަލާއިރު ވަގަށް ރަން އެތެރެކުރާ ފަރާތްތަކަށް ބޮޑު ފައިދާއެއް ލިބޭނެތީ، ކަޅު ބާޒާރު ވަރުގަދަވުމުގެ ފުރުސަތު އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ