ކްރިމިނަލް ކޯޓުން ނެރެފައިވާ ”ގޭގް އޯޑަރ“ ޤާނޫނުއަސާސީއާ ހިލާފު: ކުރީގެ އުއްތަމަ ފަނޑިޔާރު

ޖިނާއީ ޝަރީއަތްތަކާއި ތަހުޤީޤުތަކުގެ މަޢުލޫމާތު ޝާއިއުކުރުން މަނާކޮށް ކޯޓުތަކުން ނެރޭ ”ގޭގް އޯޑަރ“ ތަކަކީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤުތައް ނިގުޅައިގަނެވޭ ގޮތަށް ނެރޭ އަމުރުތަކެއް ނަމަ، އެއީ ޤާނޫނުއަސާސީއާ ހިލާފު އަމުރުތަކެއް ކަމަށް ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ފާހަގަކުރެއްވި ގޮތުގައި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅައި ބަޔާންވެގެންވާ ގޮތަށް، އާންމުކޮށް ހުޅުވައިލައިގެން ޝަރީއަތް ހިންގުމަކީ ޖިނާއީ އިޖްރާއާތުގައި އިސްތިޤުރާރުވެފައިވާ އަޞްލީ ޤާއިދާއެކެވެ.
މި ދުސްތޫރީ އަޞްލީ ޤާޢިދާއަށް ޢަމަލުކުރުން ހަނިކުރެވޭނީ ވަރަށް އިސްތިޘްނާއީ ހާލަތްތަކެއްގައި ކަމަށާއި، އެކަން ކުރަންވާނީ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދީމިޤްރާޠީ އުސޫލުތަކާ ހިލާފުނުވާނޭ ގޮތެއްގެ މަތިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ، ޖިނާއީ ޝަރީއަތްތަކާއި ތަހުޤީޤުތަކަށް ހުށަހެޅޭ ބަޔާންތަކާއި، އޭގައި ދެކެވޭ ވާހަކަތަށް އާންމު ނުކުރުމަށް ނުވަތަ ޝާއިއު ނުކުރުމަށް އަންގައި ނެރޭ ކޯޓު އަމުރަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން މުޠުލަޤު ސިފައެއްގައި ޤައިދުކޮށް ނިގުޅައިގަނެވޭނޭ އަމުރަކަށް ވަންޏާ، ”އެ ވާނީ ކަނޑައެޅިގެން ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާ ހިލާފު އަމުރަކަށް“ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ