ހިނގަމުންދާ ޝަރީއަތްތަކުގައި ހެކިބަސް ދޭން އުޒުރުވެރިވާ ކަމަށް މީހުން ބުނުމުން ކްރިމިނަލް ކޯޓުން އެކަން ބަލައިގަންނަން ފަށާފައިވާ ކަމަށް ބުނެ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފިއެވެ.
ޝަރީއަތްތައް ނުނިމި އިންސާފު ލިބުން ލަސްވަނީ ކޯޓުތަކުގައި އަމަލުކުރާ ގޮތުގެ ސަބަބުން ކަމަށް ބުނެ ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ހެކިބަސް ދޭ މީހުން ކޯޓަށް ހާޒިރު ނުވާ ހާލަތްތަކުގައި ކޯޓު އަމުރެއްގެ ދަށުން މީހުން ހާޒިރު ކުރެވެން އޮންނަ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ހެކިބަސް ދޭ މީހުން ހާޒިރުކުރެވެން އޮތަސް، ހެކިބަސް ދޭން އުޒުރުވެރިވާ ކަމަށް އެ މީހުން ބުނުމުން ކްރިމިނަލް ކޯޓުން އެކަން ބަލައިގަންނަން ފަށާފައިވާ ކަމަށް ސިޓީގައި ވެއެވެ.
އެގޮތަށް އަމަލު ކުރަން ފަށާފައިވަނީ ކްރިމިނަލް ކޯޓުން ކަމަށާއި އޭގެ ފަހުން އެހެން ކޯޓުތަކުން ވެސް ފަހުން ހަމަ އެގޮތަށް އަމަލުކުރަން ފަށާފައިވާ ކަމަށް ޖޭއެސްސީގެ ސިޓީގައި ބުނެފައި ވެއެވެ.
ޖޭއެސްސީގެ ރައީސް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ފޮނުއްވި ސިޓީގައިވަނީ ހެކިބަސްދޭން ބޭނުން ނުވާ ކަމަށް ބުނެ ކޯޓަށް ސިޓީއެއް ފޮނުވައި ނުވަތަ ކޯޓަށް ހާޒިރުވެ ހެކިބަސްދޭން އުޒުރުވެރިވާކަމަށް ކޯޓަށް އަންގައިފި ނަމަ އެކަން ކޯޓުން ބަލައިގަނެ އެފަރާތެއްގެ ހެކިބަސް ނުނަގާކަން ފާހަގަ ކުރެވޭ ކަމަށެވެ.
ހެކިން ހާރިޒު ކުރަން ކޯޓު އަމުރު ނެރުމުގައި ވެސް އެކި ކޯޓުތަކުން އެކިގޮތަށް އަމަލުކުރަމުން އަންނަ ކަމަށް ޖޭއެސްސީގެ ސިޓީގައިވެއެވެ.
މީގެ އިތުރުން އަމިއްލަ ފަރާތްތަކުން ހުށަހަޅާ ހެކިން ކޯޓަށް ހާޒިރު ކުރުމަކީ އެ ފަރާތްތަކުން އަމިއްލަ އަށް ކުރަން ޖެހޭ ކަމަކަށް ހަދާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ހެކިބަސް ދޭން ކޯޓުން އަމުރެއް ކުރުމުން ހެކި ނުދިނުމަކީ އަދަބު ލިބޭ ކުށެއް ކަމަށް ވެސް ޖޭއެސްސީގެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.
ކޯޓުތަކުގައި ކުރެވެމުންދާ ޝަރީއަތްތައް ނުނިމި އިންސާފު ލިބުން ލަސްވަނީ ހެކި ނެގުމުގައި ކޯޓުތަކުގައި އަމަލުކުރާ ގޮތުގެ ސަބަބުން ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
ޝަރީއަތްތަކުން އިންސާފު ލިބުނުކަމަށް ގަބޫލުކުރެވުމާއި އިންސާފު ލިބޭތަން ފެނުން ބިނާ ވަނީ ހުކުމެއް ކުރުމުގެ ކުރިން ހިނގާ އިޖުރާއަތްތައް ރަނގަޅަށް ހިނގުމުން ކަމަށް ސިޓީގައި ވެއެވެ. އަދި ޖޭއެސްސީން ވަނީ ކޯޓުތަކާ ގުޅޭ އެ މައްސަލަތައް ސުޕްރީމްކޯޓުގެ ސަމާލުކަމަށް ގެނެއްސައެވެ.
ހެކި ބަސް ދިނުމަށް އުޒުރުވެރިވުމުން ކޯޓުން އެކަން ޤަބޫލުކުރޭ: ޖޭއެސްސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ