އެމެރިކާ އާއި އިރާނާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް މެދުކަނޑާލުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފި އެވެ.
މި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ލިބިދާނެ ކަމުގެ އުންމީދު ބޮޑުވުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކަނޑައަޅާ މިންގަނޑެއް ކަމަށްވާ ބްރެންޓް ކުރޫޑްގެ އަގު ވަނީ ނުވަ ޕަސެންޓަށް ވުރެ ބޮޑަށް ދަށަށް ގޮސްފައެވެ. މިއާއެކު ކުރިން 100 ޑޮލަރަށް ވުރެ މަތީގައި ހުރި ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 88 ޑޮލަރަށް ވުރެ ދަށަށް ވެއްޓިފަ އެވެ.
MU STORE
MU STORE
Enterprise Development Industrial Pvt Ltd
ތެލުގެ އަގަށް މި ބަދަލު އައީ، މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން އިރާނަށް ދެމުންދާ ހަމަލާތައް ޖެހިޖެހިގެން ދެވަނަ ރެއަކަށް މެދުކަނޑާލާފައިވާ ކަމަށް އދ. އަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު ވިދާޅުވުމާ ގުޅިގެންނެވެ.
މީގެ އިތުރުން، އެ ސަރަހައްދުގައި ދެމުންދާ ބަދަލުހިފުމުގެ ހަމަލާތައް އިރާނުން ވެސް މެދުކަނޑާލާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު އާދީއްތަ ދުވަހު ވަނީ ކަށަވަރުކޮށްދީފަ އެވެ.
އިރާނާއި އެމެރިކާއާ ދެމެދު ހަނގުރާމަ ފެށުމާއެކު ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދިޔައީ، ދުނިޔޭގެ ތެލާއި ގޭހުގެ 20 ޕަސެންޓު އުފުލާ މައި މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެންނެވެ. ނަމަވެސް، މިދިޔަ ޖޫން މަހު ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމަކާއެކު މި ކަނޑުއޮޅި އަލުން ހުޅުވާލުމުން، ތެލުގެ އަގު 70 ޑޮލަރަށް ތިރިވި އެވެ. އެހެންނަމަވެސް މި މަހުގެ ކުރީކޮޅު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން އުވާލުމާ ގުޅިގެން، ތެލުގެ ސަޕްލައިއަށް ބުރޫއަރާފާނެ ކަމުގެ ބިރުވެރިކަން އުފެދި، އަގުތައް އަނެއްކާވެސް އުފުލެން ފެށި އެވެ.
މިދިޔަ ހަފުތާގައި ތެލުގެ އަގު ސަތޭކަ ޑޮލަރަށް އެރީ، ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ރަތްކަނޑުން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް ހަމަލާދޭން ފެށުމުންނެވެ. މިއީ ސައުދީ އަރަބިއްޔާއިން ހޮރުމޫޒް ކަނޑުއޮޅި ނޫން އެހެން މަގަކުން ތެޔޮ ބޭރުކުރުމަށް ބޭނުންކުރާ މުހިންމު މަގަކަށް ވުމުން، ބައިނަލްއަގުވާމީ ބާޒާރުގައި ބޮޑު ނުތަނަވަސްކަމެއް އުފެދުނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ތެލުގެ އަގު ހަލުވިކަމާއެކު އުފުލެމުން ގޮސް، ޖުލައި މަހުގެ ފަހުކޮޅު އެންމެ މައްޗަށް ދިޔައެވެ. ނަމަވެސް މިހާރު މި އަގު ވަނީ 88.95 ޑޮލަރަށް ތިރިވެފައެވެ.
މާލީ ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، ތެލުގެ އަގު ދަށަށް ދިޔަ ނަމަވެސް، މަޝްވަރާތަކުން ދާއިމީ ހައްލެއް ލިބޭނެ ކަމާމެދު އަދިވެސް އޮތީ ޝައްކުތަކެއްގެ ތެރޭގަ އެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ޕެޓްރޯލާއި ޑީސަލްގެ އަގު އުފުލި، އޭގެ ނޭދެވޭ އަސަރު ކާބޯތަކެތީގެ އަގުތަކަށް ވެސް ވަނީ ކޮށްފަ އެވެ. މީގެ ސަބަބުން އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލޭ މިންވަރު އިތުރުވެ، މަރުކަޒީ ބޭންކުތަކުން އިންޓްރެސްޓް ރޭޓް ބޮޑުކުރަން ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ