ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ.ޚަލީލުއްރަޙުމާން، ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ.
އެ މަނިކުފާނަށް އެއާރޕޯޓުން އަލްވަދާޢުވިދާޅުވީ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ޑރ. މުޙައްމަދު ފަހުމީ ޙަސަން އާއި ޚާރިޖީ ވުޒާރާގެ ބައެއް އިސް ވެރިންނެވެ.
މިއީ 17 ފެބްރުއަރީގައި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ.ޚަލީލުއްރަޙުމާން، މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ މިނިވަން ދުވަހާއި ގުޅިގެން، ދިވެހި ސަރުކާރުގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ވަނީ އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާވެސް ބައްދަލުކުރެއްވިއެވެ.
އެ ބައްދަލުވުންތަކުގައި ބަންގްލަދޭޝް އާއި ރާއްޖޭގެ ގުޅުމާއި ގުޅޭގޮތުންނާއި، އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން ޞިއްޙީ، ތަޢުލީމީ، ދަނޑުވެރިކަން، މުޢާސަލާތީ ގުޅުން، ފަތުރުވެރިކަން، ލޭބަރ، ވިޔަފާރި އާއި އިންވެސްޓްމަންޓް، އަދި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރި ގުޅުމާއި ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާފައިވެއެވެ.
މީގެއިތުރުން، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ.ޚަލީލުއްރަޙުމާން ވަނީ އިއްޔެ ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި، ބަންގްލަދޭޝްގެ ފަރާތުން ރާއްޖެއަށް 20،000 ގަސް ހަވާލުކޮށްދެއްވާފައިވެއެވެ.
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ