މޫސުން ގޯސްވުމުން، ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑު ދަތުރުނުކުރަން އިލްތިމާސްކޮށްފި
މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވުމުން، ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑު ދަތުރުނުކުރަން ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ވަނީ، އިއްޔެއާ އެއްގޮތަށް މިއަދު ވެސް ރާއްޖޭގެ މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، އުދައިގެ އަސަރުކޮށްފާނެ ކަމަށް ލަފާކޮށްފައެވެ. އެ އިދާރާއިން ވަނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ކަނޑު ގަދަވާނެ ކަމަށް ލަފާކޮށްފައެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައި ކަމަށާއި، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. https://sun.mv/225172 މެޓް އޮފީހުން އެހެން ބުނެފައިވާއިރު، ފުލުހުން ވަނީ ކަނޑު ދަތުރުތައް ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި މޫސުމީ ސަމާލުތަކާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. ހަމައެއާއެކު، ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑު ދަތުރު ނުކުރުމަށާއި، ދަތުރުކުރާނަމަ ލައިފް ޖެކެޓް އެޅުމަށް ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުރުން އުޅަނދުތަކުގައި ސަމާލަތީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށާއި އުޅަނދަށް ކަނޑައަޅައިފައިވާ އަދަދަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިއީ ސްކޫލްގެ ފުރަތަމަ ޓާމްގެ ޗުއްޓީ ދުވަސްވަރެވެ. ނަމަވެސް އަންނަ ހަފުތާގައި އަލުން ސްކޫލްތަކުގެ ކިޔެވުން ފެށޭއިރު، މިއީ ގިނަ ބަޔަކު ދަތުރުކުރާނެ ދުވަސްވަރެކެވެ. މެޓް އޮފީހުން މީގެ ކުރިން ވެސް ވަނީ މި ހަފުތާ ތެރޭގައި ވިއްސާރަވާނެ ކަމަށް ލަފާކޮށް، އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ