މިއަދު ކަންފަސޭހަ ކޮށްލައިގެން ތިބެއްޖެނަމަ، ރާއްޖެ ހޯދާ ނުފެންނަ ހިސާބަށް ފަހަތަށްދިޔުމަކީ އެކަށީގެންވާކަމެއްކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ކޮރޯނާވައިރަސް ރެސްޕޮންސް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، ދުނިޔޭގެ އެކި ޤައުމުތަކުންކޮށްފައިވާ ތަޖުރިބަތަކާދޭތެރޭ އެންމެން ވިސްނާ މި ކަމަށްކުރަންޖެހޭ މަސައެްކަތްކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށާއި، މިއަދު ކަންފަސޭހަ ކޮށްލައިގެން ތިބެއްޖެނަމަ، ރާއްޖެ ހޯދާ ނުފެންނަ ހިސާބަށް ފަހަތަށްދިޔުމަކީ އެކަށީގެންވާކަމެއްކަމުގައެވެ.
އަމީން ވިދާޅުވީ، ދުނިޔޭގެ އެންމެ ތަރައްޤީވެފައިވާ ޤައުމުކަމުގައި ބަލަންޖެހޭ އެމެރިކާއާއި، ޔޫރަޕާއި އަދި އޭޝިޔާގެ ބައެއް ޤައުމުތައް މިހާރު ތަޙައްމަލު ކުރަމުންދަނީ، އެމީހުންގެ ކުރިއަރާފައިވާ ޓެކޮނޮލޮޖީސްތަކާއި، އެމީހުންގެ އިންސާނީ ވަސީލަތަށް، އެމީހުން ދުނިޔޭގައި މި ދާއިރާތަކުން ހޯދަފައިވާ ތަޖުރިބާއަށް ބަލާއިރު، އެ ކަންކަމާއި ނުބައްދަލު އުނދަގޫ ހާލަތެއްކަމަށެވެ. އެހެންކަމުން އަޅުގަނޑުމެން އެ ފަދަ ހާލަތަކަށް ގޮސްފިނަމަ، ދިމާވެދާނެ ކަންކަމާ ދޭތެރޭ ވިސްނުމަކީ މުހިންމުކަމެއްކަމަށެވެ.
އަމީން ވިދާޅުވީ، ދުނިޔޭގެ އެކި ދިމާއަށް ބަލައިލީމާ މީ އަތްއުރާލައިގެން، ތިބެންޖެހޭކަހަލަ ވަގުތެއްނޫންކަން އެގިގެންދާކަމަށެވެ.
އަމީން ވިދާޅުވީ ރާއްޖެ މި ނުރައްކާތެރި މުސީބާތުގެތެރެއަށް ސޮއްސާލައިގެން ނުގޮސް އަދި މި ހިފައްޓާލެވެނީ، ނަސީބު ރަނގަޅުކަމުންނާއި، ސަރުކާރުން މިކަމަށްޓަކައި އެޅި ފިޔަވަޅުތަކުންނާއި، ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ދިން އިރުޝާދުތައް ރައްޔިތުން ރަނގަޅަށް އަޑުއެހުމުގެ ސަބަބުންކަމަށެވެ. އެހެންނަމަވެސް މިހާރު ހިފައްހައްޓައިގެން މި ތިބޭ ތިބުމަކީ، ދާއިމީކަމެއްގޮތުގައި ދެކޭފަދަ ހާލަތަކަށް، ދުނިޔޭގެ ކަންތައްތައް ވެސް، އަދި ރާއްޖޭގެ ކަންތައްތައް ވެސް ދިޔަކަމަކަށް ޤަބޫލެއް ނުކުރެއްވޭކަމަށެވެ.
އަމީން ވިދާޅުވީ، ކޯވިޑް-19 އިގެ އެންމެ ނުރައްކާތެރި ހާލަތު އަދި ބައްދަލެއް ނުކުރާކަމަށާއި، އަދިވެސް ސިއްހީ މާހިރުންގެ އިރުޝާދާއި، ކަމާބެހޭ ފަރާތްތަކުން އަޅާފިޔަވަޅުތަކާއި، ދުނިޔޭގެ އެކި ޤައުމުތަކުންކޮށްފައިވާ ތަޖުރިބަތަކާއިދޭތެރޭ އެންމެން ވިސްނައި، މި ކަމަށްކުރަންޖެހޭ މަސައެްކަތްކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ.
އަމީން ފާހަގަކުރެއްވިގޮތުގައި، ސިއްހީ ދާއިރާތަކުގައި ފަރުވާދޭ ފަރާތްތަކާއި، ހޮސްޕިޓަލުގައި ފަރުވާދޭ ފަރާތްތަކާއި، ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި، އަދި ޓާސްކޯފޯހުގެ ފަރާތްތަކުން، 24 ގަޑިއިރުގައި މަސައްކަތްކުރަމުންދާކަމަށާއި، އޭގެތެރެއިން، މަދު މީހަކު ފިޔަވައި، 24 ގަޑިއިރުގެތެރެއިން ހަތަރު ފަސްގަޑިއިރު ނިދާ އަރާމުކޮށްލުމަށް ވަގުތުކޮޅެއް ހެދައެއް ނުކުރާކަމަށެވެ. އަމީން ވިދާޅުވީ، މި ހުރިހާ މަސައްކަތެއް މި ކުރަނީ މުޅި ރާއްޖޭގެ، މުޅި އާބާދީ މިކަމުން ސަލާމަތްކުރުމަށްޓަކައި ކަމަށާއި، މި މަސައްކަތުގައި ތިބުމަށް ލިބޭ ހިތްވަރަކަށްވާނީ، ތިބުމަށް ލިބޭ ފުރުސަތަކަށްވާނީ، ރައްޔިތުން ގޭގައި މަޑުކޮށްގެން ތިބުންކަމަށެވެ.
މިއަދު ކަންފަސޭހަ ކޮށްލައިގެން ތިބެއްޖެނަމަ، ރާއްޖެ ހޯދާ ނުފެންނަ ހިސާބަށް ފަހަތަށްދިޔުމަކީ އެކަށީގެންވާކަމެއް: ހެލްތު މިނިސްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ