ތިބާގެ ފަތުގައި އެއްވެސް ފާފައެއް ނެތި، ޒީނަތްތެރިކުރެވިފައިވާ އެއްޗެއްގެ ގޮތުގަ ހިފައިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދެވޭނެ މަގު-

ތިބާ އަންނަނީ ފޮތެއް ލިޔަމުންނެވެ. އެފޮތަކީ ތިބާގެ އަމިއްލަ ޑައިރީއެވެ. ތިބާ ކުރާ ކަންކަމުގެ ވާހަކަތަކެވެ. ތިބާއަށް ލިޔެވުނު އެއްޗެއް އިޞްލާޙްކުރަން ބޭނުންނަމަ ތިބާ އަންނަނީ އިޞްލާޙްކުރަމުންނެވެ. އެފޮތް ތިބާ ލިޔަމުން އަންނަނީ ތިބާ ބޭނުންވާ ގޮތަކަށެވެ. އެކަމުގެ މައްޗަށް އެހެން އެއްވެސް މީހަކަށް ބާރެއް ނުފޫޒެއް ނުވެއެވެ. 
އެހެންކަމަށްވާނަމަ އެފޮތް ތިބާ ލިޔަން ބޭނުންވާނީ ކިހައި ރީތި ޢިބާރާތުންހެއްޔެވެ؟ އެފޮތުގައި ލިޔެވިފައި ހުންނަން ތިބާ ބޭނުންވާނީ ތިބާއަށް ކުރެވުނު ރަނގަޅު ކަންކަން ނޫންހެއްޔެވެ؟ އެކަމެއް އެހެން ފަރާތަކަށް އެނގުމުން ތިބާ ލަދުގަންނަން ޖެހޭނެ ނުވަތަ ތިބާއަށް ދެރައެއް ލިބިދާނެ އެއްވެސް ވާހަކައެއް އެފޮތުގައި ލިޔާކަށް ތިބާ ބޭނުމެއް ނުވާނެ ނޫންހެއްޔެވެ؟ 
ބުނަން ހެއްޔެވެ؟ ތިބާގެ ކޮނޑުގައި ތިއްބަވައިގެން މަލާއިކަތުން ލިޔުއްވަވާ ފަތަކީވެސް ހަމަ މިފަދަ ގޮތަކަށް އޮތް ކަމެކެވެ. އެފަތް ރީތިކުރުމާއި ތިބާއަށް ކުރެވޭ ފާފަތައް ނައްތައިލަން ތިބާއަށް ﷲ ތަޢާލާ ވަނީ ފުރުޞަތު ދެއްވަވައިފައެވެ. ފުރަތަމަ ފުރުޞަތަކީ ފާފައެއް ނުކުރުމެވެ. ދެވަނަ ފުރުޞަތަކީ ފާފައެއް ކުރެވުމުން ތައުބާބެ ހެޔޮ ޢަމަލު ކުރުމެވެ. ތިންވަނަ ގޮތަކީ ވީހައި ގިނައިން ހެޔޮ ޢަމަލުތައް ކުރަމުން ގެންދިއުމެވެ. 
އިންސާނާ ދިރިދުނިޔޭގައި ހުރިހާ ދުވަހަކު މިބާރުތައް ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. އެބާރުތައް އެމީހެއްގެ ކިބައިން ނެތިގެންދާނީ އެމީހަކު މަރުވުމުންނެވެ. 
ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ތިބާއަށް ހުއްޓި ހުންނަން ޖެހޭނީ ކޮންމެވެސް އެއް އަތަކުން ތިބާގެ ފަތް ހިފައިގެންނެވެ. ކަނައަތުގައި ތިބާގެ ފަތްވާނަމަ ތިބާވާނީ ކާމިޔާބުލިބި ސުވަރުގެ ވައްދަވާ އަޅުނަގެތެރެއިންނެވެ. ވައަތުގައި ތިބާގެ ފަތްވާނަމަ ތިބާ ހިމެނިގެންދާނީ ގެއްލެނިވެ ހަލާކުވެގެންދާ މީހުންގެ ތެރެއިންނެވެ. ނަރަކައަށް ވަންނަން ޖެހޭނެ މީހުންގެ ތެރެއިންނެވެ. 
ވައަތުން ފަތް ހިފައިގެން ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނަން ނުޖެހޭނެ ގޮތަކަށް އޮތީ ހަމަ އެންމެ ގޮތެކެވެ. އެއީ ކުރިން މިބަޔާންކުރި 3 ގޮތަށް ޢަމަލުކޮށް އެމީހެއްގެ ފަތް އެމީހަކު އަމިއްލައަށް ޒީނަތްތެރިކުރުމެވެ. 
ތިބާއަށް ކުރެވުނު ފާފަތަކުގެ ވާހަކަ ފަތުގައި ލިޔެވި ޢަޛާބުލިބެން ބޭނުން ނޫންނަމަ އަވަހަށް ތައުބާވެ ކުރިން ކުރެވުނު ފާފަތައް ފަތުން ޑިލީޓްކޮށްލާށެވެ. ތައުބާވުމުން އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވަތެވެ. ދެން އޮތީ ފަތް ޒީނަތްތެރިކޮށް ހެޔޮކަމުގެ ކޮޅަށް ބުރަކުރުމެވެ. އެކަމަށް އެދޭމީހާ ވީހާ ގިނައިން ހެޔޮ ޢަމަލުތައް ކުރަމުން ގެންދަންވީއެވެ. 
ކުރިން ބުނި ފަދައިން މި އަގުހުރި ފުރުޞަތުތައް ކޮންމެ މީހަކަށްވެސް ދެއްވަވާފައިވަނީ އެމީހަކު މަރުވަންދެންނެވެ. އެހިސާބުން ފުރުޞަތު ގެއްލިގެންދިއައީއެވެ. ވީމާ ފުރުޞަތުގެ ބޭނުން ހިފުމަށް އަވަސްވެގަންނާށެވެ! ސުވަރުގެ ވައްދަވާނީ އެއިރުންނެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ