އޮންލައިންކޮށް ޓީޗިން ދާއިރާއިން ކިޔެވުން މަނާކުރުން މަޑުޖައްސާލަން އަމުރުކުރީ ރަނގަޅަށް: ސުޕްރީމް ކޯޓް

މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުމާބެހޭ ގަވާއިދުގެ ދަށުން، ވަކި ދާއިރާތަކަކުން އޮންލައިން ކޯސްތައް ކުރިއަށް ގެންދިއުން މަނާކުރި ކުރުމާ ދެކޮޅަށް ހައި ކޯޓުގައި ކުރިއަށްދާ މައްސަލާގައި ވަކި ގޮތެއް ނިންމެންދެން، ޓީޗިން ދާއިރާއިން އޮންލައިންކޮށް ކިޔެވުން މަނާކުރި ކުރުން މަޑުޖައްސާލަން އެ ކޯޓުން ވަގުތީ އަމުރެއް ދީފައިވަނީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.
ވީ ކިހިނެއް؟ - ވަކި ދާއިރާތަކަކުން އޮންލައިން ކޯސްތައް ކުރިއަށް ގެންދިއުން ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މަނާކޮށްފައިވަނީ މިދިޔަ އަހަރު ކޮލިފިކޭޝަން އޮތޯރިޓީން އާއްމުކުރި 'އީލާނިން ގައިޑްލައިން'ގެ ދަށުން ނެވެ. އެ ގައިޑް ލައިންގެ ދަށުން އޮންލައިންކޮށް ކުރިއަށް ގެންދިއުން މަނާކުރި ކޯސްތަކުގެ ތެރޭގައި ޓީޗިން ވެސް ހިމެނެ އެވެ.
އެ އުސޫލުގެ ބައެއް މާއްދާތަކަކީ ކޮލިފިކޭޝަން އޮތޯރިޓީއަށް ލިބިދޭ ބާރުގެ ބޭރުން، ގާނޫނު އަސާސީން ލިިބިދޭ މިނިވަންކަމާއި ހައްގުތައް ވެސް ނިގުޅައިގަނެވޭ ގޮތަށް ހަދާފައިވާ އުސޫލެއް ކަމަށް ބުނެ، ދައުލަތާ ދެކޮޅަށް މިދިޔަ 21 މާޗުގައި ހައި ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅީ، މަންދު ކޮލެޖު ހިންގަމުން އަންނަ މާލެ ހައި ޕްރައިވެޓް ލިިިމިޓެޑްގެ ފަރާތުން ނެވެ. އެ މައްސަލާގައި ވަކި ގޮތެއް ނިންމެންދެން އޮންލައިންކޮށް ޓީޗިން ދާއިރާއިން ކިޔެވުން މަނާކޮށްފައި އޮތް އޮތުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ވެސް އެ ކޮލެޖުން އެދިފައި ވެއެވެ.
ހައި ކޯޓުން މިދިޔަ 17 މޭ ގައި ވަނީ، މައުލޫއީ މައްސަލަ އާމެދު ގޮތެއް ނިންމެންދެން، އީ ލާނިން މޮޑަލިޓީ މެދުވެރިކޮށް ޓީޗިން ދާއިރާއިން ނުކިޔެވޭނެ ކަމަށް އޮތް އޮތުމަށް އަމަލުނުކޮށް ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދީފަ އެވެ.
ތަފްސީލް - މި ވަގުތީ އަމުރާމެދު ހިތްހަމަ ނުޖެހިގެން ދައުލަތުން ސުޕްރީމް ކޯޓުގައި އެ އަމުރު އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފައިވަނީ އެ އަމުރު ނެރެފައިވަނީ ރަނގަޅަށް ކަމަށާއި އެ އަމުރަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށެވެ. 
ސުޕްރީމް ކޯޓުން ބުނީ:
އީލާނިން މެދުވެރިކޮށް ޓީޗިން ދާއިރާއިން ކިޔަވާ ދިނުމަކީ މީގެ ކުރިން ވެސް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމެއް، އެކަން ހުއްޓުވީ ކޮލިފިކޭޝަން އޮތޯރަޓީގެ އުސޫލު ނެރުމުން
ގައިޑުލައިންގެ އެބަޔަށް އަަމަލުކުރުން ހުއްޓާލުމުން ދައުލަތަށް ލިބިދާނެ ގެއްލުމެއް ބުނެދެވިފައެއް ނުވޭ
ހައި ކޯޓުން ނެރުނު އަމުރުން ނެރެދީފައިވާ ވަގުތީ ފަރުވާ ނުލިބުމުން ދައުލަތަށް ލިބިދާނެ ގެއްލުމަށް ވުރެ އިސްތިއުނާފް ރައްދުވާ މަންދު ކޮލެޖަށް ލިބިދާނެ ގެއްލުން ކުޑައެއް ނޫން
މައުލޫއީ މައްސަލަ ނިމެންދެން ހައި ކޯޓުން އެ ވަގުތީ އަމުރު ނުދީފި ނަމަ އީލާނިން މޮޑަލިޓީ މެދުވެރިކޮށް ޓީޗިން ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް އެ ފުރުސަތު ގެއްލިދާނެ
އޭގެ ސަބަބުން ކޮލެޖަށާއި އޮންލައިންކޮށް ޓީޗިން ކިޔަން ބޭނުންވާ ގިނަ އަދަދެއްގެ ދަރިވަރުންނަށް ގެއްލުން ވުމުގެ ފުރުސަތު އެބައޮތް
ވަގުތީ ގޮތުން މި އަމުރު ދިނުމަކީ އާންމު މަސްލަހަތު ދެމެހެއްޓުމަށް ވެސް ކޮންމެހެން ދޭންޖެހޭ ފަރުވާއެއް
ހައި ކޯޓުން އެ ވަގުތީ އަމުރު ދިނުމުގައި ވެސް މައިގަނޑު ސަބަބެއްެގެ ގޮތުގައި އޭރު ފާހަގަކޮށްފައި އޮތީ، ހައި ކޯޓަށް ހުށަހެޅިފައިވާ މައްސަލާގައި ހިމެނޭ ދެ ހަސްމުންނަށް ވުރެ ބޮޑަށް އެ ވަގުތީ އަމުރު ނުދީފި ނަމަ ގެއްލުންވާނެ ދަރިވަރުންތަކެއް ވެސް ތިބުމުން، އެ ދަރިވަރުންގެ މަސްލަހަތާއި ހައްގުތަކަށް ވެސް ރިއާޔަތް ކުރަންޖެހޭ ކަމަށެވެ. އަދި އެ ވަގުތީ އަމުރު ނުދީފި ނަމަ ދައުލަތަށާއި މި މައްސަލަ ހުށަހަޅާފައިވާ ކޮލެޖަށް ލިބޭ ގެއްލުމަށް ވުރެ ބޮޑު ގެއްލުމެއް ލިބެނީ އެފަދަ އޮންލައިން ކޯސްތަކުގައި ބައިވެރިވެގެން ޓީޗިން ކިޔަވަމުންދާ ދަރިވަރުންނަށާއި ކިޔަވަން އެދޭ ދަރިވަރުން ނަށް ކަމަށެވެ.
އެނގުން މުހިންމު - ޓީޗިން ދާއިރާއަކީ ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ ދަރިވަރުން މަތީ ތައުލީމް ހާސިލުކުރަމުން އަންނަ އެއް ދާއިރާ އެވެ. ރަށްރަށުގެ ސްކޫލުތަކުގައި މިހާރު ވެސް ޓީޗަރުންގެ ގޮތުގައި ވަޒީފާ އަދާ ކުރާ ގިނަ އަދަދެއްގެ ޓީޗަރުން، ކިޔަވަމުންދަނީ އޮންލައިން ކޮށެވެ. ވަޒީފާ އަދާކުރަން ރަށުގައި ތިބެގެން އޮންލައިންކޮށް ކިޔާވާ ޓީޗަރުންގެ އަދަދު ގިނަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ