ވެމްކޯ ބަލިކޮށް ފިރިހެން ފުރަތަމަ ޑިވިޝަން ޗެންޕިއަންކަން އެމްޕީއެލް ދިފާއުކޮށްފި

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަން ފައިނަލުގައި ފަސޭހަކަމާއެކު 25-45 ގެ ތަފާތުބޮޑު ނަތީޖާއަކުން ވެމްކޯ ބަލިކޮށް، އެމްޕީއެލް މުބާރާތުގެ ތަށި ހަވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ. އަދި މިއީ އެޓީމުން ޖެހިޖެހިގެން މިމުބާރާތް ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ.
މުބާރާތުގެ ފައިނަލުން އެމްޕީއެލް ޖާގަ ހޯދީ ލަނޑުގެ ތަފާތުން ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ވެމްކޯ ލީގު ބުރުގެ ދެވަނަ ހޯދިއިރު، ލީގު ބުރުގައި މިދެޓީމު ކުޅުނު މެޗު ނިމިފައިވަނީ 33-33 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އެމްޕީއެލް އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ އަށް ޕޮއިންޓްގެ ލީޑަކާއެކު 11-19 ގެ ނަތީޖައަކުން އެމްޕީއެލް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 26 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ވެމްކޯއަށް ކާމިޔާބުކުރެވުނީ 14 ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލް ޓީމުގެ މުހައްމަދު ފިރުނަސް އަބްދުﷲ އެވެ.
Advertisement
މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ އަބްދުﷲ ޒިމާމް (ވެމްކޯ)، އަބްދުﷲ ޒިޔާއު(ވެމްކޯ)، މުހައްމަދު ފިރުނަސް އަބްދުﷲ (އެމްޕީއެލް)، އިބްރާހިމް އަޒުހާން (ވެމްކޯ)، އިބްރާހިމް މުސްފިރު (ޕޮލިސް ކުލަބު)، މުހައްމަދު ޝައިހާން އިބްރާހިމް (ޕޮލިސް ކުލަބު) އަދި އިސްމާއިލް ފަރުހާން (އެމްޕީއެލް) އެވެ.
މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނުގައި ހަތަރު ޓީމުން ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ