މަޖިލިސް އިންތިހާބާ ޕާޓީ އިންތިހާބާ ދެމެދު ސިޓީ ކައުންސިލަށް 118 މުވައްޒަފުން ނެގި

މި އަހަރު މާލޭ ސިޓީ ކައުންސިލަށް އެންމެ ގިނަ މުވައްޒަފުން ނަގާފައިވާ މޭ މަހުގައި ޖުމްލަ 103 މުވައްޒަފަކަށް ވަޒީފާ ދީފައިވެ އެވެ. އަދި މަޖިލިސް އިންތިހާބާ ކައިރިކޮށް އޭޕްރީލު މަހާއި މާރިޗު މަހުގައި 65 މީހަކަށް ވަޒީފާ ދީފައިވެ އެވެ.
މި އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި އެމްޑީޕީގެ ދާއިރާތަކުގެ ރައީސުންގެ އިންތިހާބާ ދެމެދުގައި ސިޓީ ކައުންސިލުން 118 މުވައްޒަފަކަށް ވަޒީފާ ދީފައިވާކަން އެ ކައުންސިލުގެ ހިސާބުތަކުން ދައްކައިފި އެވެ. 
"މިރާ"އިން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެދިގެން ސިޓީ ކައުންސިލުން ހިއްސާކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މި އަހަރު ސިޓީ ކައުންސިލަށް އަލަށް ޖުމްލަ 198 މުވައްޒަފުން ނަގާފައިވެ އެވެ. 
ނިމުނު 2023 ވަނަ އަހަރު ސިޓީ ކައުންސިލަށް އަލަށް ނަގާފައިވަނީ 167 މުވައްޒަފުންނެވެ. 2022 ވަނަ އަހރު ނަގާފައިވަނީ 134 މުވައްޒަފުންނެވެ. އަދި 2021 ވަނަ އަހަރު 22 މުވައްޒަަފުން އަދި 2020 ގައި 28 މުވައްޒަފުން އެ ކައުންސިލުގެ ވަޒީފާއަށް ނަގާފައިވެ އެވެ. 
މި އަހަރު 198 މުވައްޒަފުން ވަޒީފާއަށް ނަގާފައިވާއިރު، އެންމެ ގިނައިން މުވައްޒަފުން ނެގި މަހަކީ މި އަހރު މޭ މަހެވެ. އެ މަހުގައި 103 މުވައްޒަފުން ސިޓީ ކައުންސިލުގެ ވަޒީފާއަށް އަލަށް ނަގާފައިވެ އެވެ. ޖެހިގެން އައި ޖޫން މަހު ހަތް މުވައްޒަފުން އަދި ޖުލައި މަހު އަށް މުވައްޒަަފުން ވަޒީފާއަށް ނަގާފައިވެ އެވެ. 
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޭޕްރީލު މަހުގައި އޮތްއިރު އެ މަހުގައި 23 މުވައްޒަފަކު އަދި އޭގެ ކުރީ މަސްކަމަށްވާ މޭ މަހުގައި 42 މުވައްޒަފަކަށް ސިޓީ ކައުންސިލުން ވަޒީފާ ދީފައިވެ އެވެ. 
މި އަހަރު ނެގި މުވައްޒަފުންގެ އިތުރަށް ހަ ކޮންސަލްޓެންޓަކަށް ވަޒީފާ ދީފައިވާކަން ސިޓީ ކައުންސިލުގެ ހިސާބުތަކުން ދައްކަ އެވެ. އޭޕްރީލުގައި ތިން ކޮންސަލްޓެންޓުން އަދި މޭ މަހު ދެ ކޮންސަލްޓެންޓުންނާއި ޖޫން މަހުގައި ކޮންސަލްޓެންޓެއް ސިޓީ ކައުންސިލަށް ނަގާފައިވެ އެވެ. 
2020 ވަނަ އަހަރުން ފެށިގެން މި އަހަރުގެ އޯގަސްޓުގެ ނިޔަލަށް ސިޓީ ކައުންސިލަށް ނެގި ހުރިހާ ކޮންސަލްޓެންޓުންގެ ތަފުސީލު ހޯދުމަށް "މިރާ"އިން އެދުނު ނަމަވެސް އެ ކައުންސިލުން މި އަހަރު ނެގި ކޮންސަަލްޓެންޓުންގެ ތަފުސީލު ހިއްސާކޮށްފައިނުވެ އެވެ. 
މާލެ ސިޓީގެ މޭޔަރު އާޒިމް ދާދިފަހުން ވިދާޅުވި ގޮތުގައި އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ޖުމްލަ 15 ކޮންސަލްޓެންޓުން ސިޓީ ކައުންސިލަށް ހަމަޖެއްސެވި އެވެ. އަދި އެ ކޮންސަލްޓެންޓުންގެ ތެރެއިން އެކަކު ފިޔަވައި ބާކީ ތިބި 14 މީހުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މީހުންކަމަށްވެސް އާޒިމްވަނީ ވިދާޅުވެފަ އެވެ. 
މޭ މަހުގައި ސަތޭކައަށްވުރެ ގިނަ މުވައްޒަފުން ސިޓީ ކައުންސިލުގެ ވަޒީފާއަށް ނަގާފައިވާއިރު އޯގަސްޓު މަހުގައި ބޭއްވި އެމްޑީޕީގެ ދާއިރާަތަކުގެ ރައީސުންގެ އިންތިހާބުގައި މާލެ ދާއިރާގެ ރައީސްކަމަށް ވާދަކުރައްވައި އެ އިންތިހާބު ކާމިޔާބު ކުރެއްވީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ. އަދި އެ އިންތިހާބު ކާމިޔާބުކުރެއްވުމަށް އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުންނަށް ސިޓީ ކައުންސިލުގެ ވަޒީފާތައް އާޒިމް ހަމަޖެއްސެވިކަމަށް އެ ދުވަސްވަރު ތުހުމަތުކުރެވިފައިވެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ