ޖުވާކުޅުމަކީ ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރުދޭ ކަމެއް: ހުތުބާ

ޖުވާކުޅުމަކީ މާތް ﷲ ޙަރާމްކުރައްވައިފައިވާ ބޮޑެތި މުންކަރާތްތަކަށް
އަރައިގަތުމަށް ހިތްވަރުދޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
ޖުވާ ކުޅުމުގެ ނުބައި އަމަލަށް އަލިއަޅުވާލައި މިއަދުގެ ހުތުބާގައި ބުނެފައިވަނީ މާތް ﷲ ޖުވާގެ ހުރިހައި ބާވަތްތަކެއް ޙަރާމްކުރައްވައިފައިވާ ކަމަށެވެ. އެކަލާނގެ
ބަޔާންކުރައްވައިފައިވާ ގޮތުގައި އެއީ ޝައިޠާނާގެ ހަޑި ހުތުރު ޢަމަލުތަކުގެ
ތެރޭގައި ހިމެނޭ ކަންކަމެއް ކަމަށް ހުތުބާގައި ބުނެދީފައި ވެއެވެ.
މީސްތަކުންގެ މުދާތަކަށް ނުޙައްޤުން އަރައިގަތުމަށާއި ބާޠިލު ގޮތުގައި
އެތަކެތި ކެއުމަށް ޓަކައި މިއަދު ވަނީ ތަފާތު ވައްތަރުތަކާއި އާ ގޮތްތައް ހޯދައިފައި ކަމަށާއި ޙައްޤަކާ ނުލައި މީހުންގެ ފައިސާ ކެއުމަށްޓަކައި މާއްދިއްޔަތުގެ އަޅުން ވަނީ ތަފާތު
ބާވަތްބާވަތުގެ އުކުޅުތައް ބޭނުންކުރާން ފަށައިފަ ކަމަށް ހުތުބާގައި ބުންޏެވެ.
ޖުވާކުޅޭ މީހުން
އެ ކަން ކުރަނީ ފަސޭހައިން އަވަހަށް މުއްސަނދިވުމުގެ ބޭނުމުގައިކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ ހެޔޮ ގޮތަކީ ހަލާލު މަސައްކަތުން ފައިސާ ހޯދައި ލިބޭ މިންވަރުން ފުއްދައިގެން އުޅުން ކަމަށް ނަސޭހަތްތެރި ވެފައެވެ.
ހުތުބާގައި ބުނީ މިއަދު ބައެއް ޤައުމުތަކުގައި
ޖުވާ ވަނީ ވަރަށް ތަފާތު ސިފަސިފައިގައި ފެތުރިފައިކަމަށާއި އެއީ ލޮޓަރީއާއި ޖެކްޕޮޓްފަދަ
ޖުވާގެ ޒަމާނީ ބާވަތްތަކެއް ކަމަށެވެ. މި ކަމަށް ޓަކައި ޚާއްސަ ނާދީތަކާއި މަރުކަޒުތައް
ވަނީ ޤާއިމުކޮށްފައި ކަމަށާއި މިތަންތަނަށް މުއްސަނދީންނާއި ފަޤީރުން ވަދެ އެ
ޙަރަކާތްތަކުގައި ބައިވެރިވާ ކަމަށެވެ.
މިހާރަކަށް އައިސް ޒަމާނީ ވަސީލަތްތަކުގެ
އެހީގައި ޖުވާކުޅުން ދަނީ ޢާންމުވަމުން ކަން ފާހަގަކޮށް ހުތުބާގައި ބުނީ އޭގެ ތެރޭގައި ޖުވާކުޅޭ ވެބްސައިޓުތަކާއި،
ގޭމުތަކާއި، އެޕުތައް ހިމެނޭ ކަމަށެވެ. މިވަބާގެ ޝިކާރައަކަށް ހަރުމީހުންނާއި
ޒުވާނުންނާއި ކިޔަވާކުދިން ވެގެން ދާކަމީ ނުހަނު ހިތާމަހުރިކަމެއް ކަމަށް ހުތުބާގައި ބުނެފައެވެ.
މިއަދުގެ ހުތުބާގައިވަނީ އަހަރެމެންނާއި އަހަރެމެންގެ އަނބިދަރިންނަށް ދެވޭ ތަކެއްޗަކީ ޙަލާލު
ގޮތުގައި ހޯދައިފައިވާ ތަކެތިކަމުގައި ހެދުމަށާއި އަދި މިފަދަ ނުބައި ކަންކަމުން ދަރީން ސަލާމަތްކުރުމަށް ޓަކައި ބެލެނިވެރީން
ޚާއްޞަ ސަމާލުކަމެއް ދިނުމަށް ނަސޭހަތްތެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ