ނިހާއީ ފަގީރުކަން ތަހައްމުކުރާ އާބާދީގެ ދެބައިކުޅަ އެއްބައަކީ ކުޑަކުދިން

ދުނިޔޭގެ އާބާދީގެ ތެރެއިން އެއް ބިލިއަނަށްވުރެ ގިނަ މީހުން ނިހާއީ ފަގީރުކަމުގައި އުޅޭއިރު އެމީހުންގެ ތެރެއިން ދެބައިކުޅަ އެއްބައަކީ ކުޑަކުދިންކަމަށްވާއިރު، އެއިން %40 މީހުން ދިރިއުޅެނީ ހަނގުރާމައާއި ހަމަނުޖެހުމުގެ ތެރޭގައ އެވެ.
ދުނިޔޭގައި ނިހާއީ ފަގީރުކަމުގެ ހާލަތުގައި ދިރިއުޅޭ އާބާދީގެ 1.1 ބިލިއަނަށް އަރާފައިވާއިރު، އެ އާބާދީގެ ދެބައިކުޅަ އެއްބައަކީ ކުޑަކުދިންކަމަށް އދގެ ރިޕޯޓެއްގައި ބުނެފި އެވެ. 
ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގުރާމް (ޔޫއެންޑީޕީ)އާއި އޮކްސްފޯޑު ޔުނިވާސިޓީގެ ޕަވަޓީ އެންޑް ހިއުމަން ޑިވެލޮޕްމެންޓު އިނިޝިއޭޓިވް ގުޅިގެން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ދުނިޔޭގެ އާބާދީގެ ތެރެއިން 1 ބިލިއަނެއްހައި މީހުން ތިބީ ނިހާއީ ފަގީރު ހާލުގައި ކަމަށެވެ. އަދި އިންސާނީ އާބާދިގެ %40 މީހުން ދިރިއުޅެނީ ހަމަނުޖެހުންތަކުގެ ތެރޭގައި ނުވަތަ ނާޒުކު ފައްތަރަށް ހުށަހެޅިފައިވާ ގައުމުތަކުގައި ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. 
އެ ދިރާސާއިން ދައްކާ ގޮތުގައި ފަގީރުންގެ 83 އިންސައްތަ މީހުން ދިރިއުޅެނީ ރަށްފުށުގަ އެވެ. އަދި ސަބްސަހަރަން އެފުރިކާގައި އަދި ދެކުނު އޭޝިޔާގައި ދިރިއުޅޭ މީހުންގެ 83 އިންސައްތަ ފަގީރުކަމަށްވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. 
މަލްޓި-ޑައިމެންޝަނަލް ޕަވަޓީ އިންޑެކްސްގެ ނަމުގައި ޔޫއެންޑީޕީއާއި އޮކްސްފޯޑުން 2010 ވަނަ އަހަރުން ފެށިގެން ނެރޭ ރިޕޯޓުގައި ސިއްހަތާއި ތައުލީމާއި ދިރިއުޅުމުގެ ފެންވަރު ހިމެނޭހެން ފަގީރުކަން ވަޒަންކުރުމަށް 10 މިންގަނޑެއް ގެންގުޅެ އެވެ. މި އަހަރުގެ އިންޑެކްސް އެކުލަވައިލީ 6.3 ބިލިއަން މީހުންގެ އާބާދީ ހިމެނޭހެން 112 ގައުމެއްގެ ޑާޓާގެ މައްޗަށެވެ. 
މި ތަަފާސްހިސާބުތަކަށް ބަލާއިރު 1.1 ބިލިއަން މީހުން ދިރިއުޅެނީ ނިހާއީ ފަގީރުކަމުގަ އެވެ. ނިހާއީ ފަގީރުކަމުގައި ދިރިއުޅޭ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ފަސް ގައުމަކަށް ނިސްބަތްވާ މީހުން ކަމަށްވެސް ރިޕޯޓުން ދައްކަ އެވެ. 
ނިހާއީ ފަގީރުކަން ތަހައްމަލުކުރާ އާބާދީގެ ދެބައިކުޅަ އެއްބައަކީ ކުޑަކުދިންނެވެ. އެއީ 584 މިލިއަން ކުޑަކުދިންނެވެ. އޭގެ ތެރެއިން 317 މިލިއަން ކުދިންނަކީ ސަބްސަހަރަން އެފުރިކާގެ ގައުމުތަކުގައި ދިރިއުޅޭ ކުދިންނެވެ. އަދި 184 މިލިއަން ކުދިންނަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގައި ދިރިއުޅޭ ކުދިންނެވެ. އަފްޣާނިސްތާނުގައި ފަގީރުންގެ 59 އިންސައްތައަކީ ކުޑަކުދިންނެވެ. 
މި އަހަރުގެ އިންޑެކްސްގައި ހަމަނުޖެހުންތަކުގެ ތެރޭގައި ފަގީރުކަން އޮތް ހާލަތަށް ބޮޑު ސަމާލުކަމެއް ދީފައިވެ އެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގައި އެންމެ ގިނަ ހަމަނުޖެހުންތައް ހިނގި އަހަރެއްގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ އަހަރަކީ 2023 ވަނަ އަހަަރެވެ. 
މި އިންޑެކްސްއާއި ޔޫއެންޑީޕީގެ ހިއުމަން ޑިވެލޮޕްމެންޓު ރިޕޯޓާ ގުޅިގެން އެ އިދާރާގެ ޑިރެކްޓާ ޕެޑްރޯ ކޮންޝެއިސޯ ވިދާޅުވެފައިވަނީ، ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ހާލަތުގައި ދިރިއުޅޭ ފަގީރުން ތަހައްމަލުކުރަންޖެހޭ އިހާނެތިކަން ތިންގުނައާއި ފަސްގުނައާ ދެމެދުގެ މިންވަރަކަށް އިތުރުވާ ކަމަށެވެ. އެގޮތުން ތައުލީމާއި ރަނގަޅު ކާނާއާއި ކަރަންޓާއި ސާފު ބޯފެނާއި ސާފުތާހިރުވެވޭނެ ގޮތްތައް ފަދަ ކަންކަމުގައި ހަމަނުޖެހުމުގެ ތެރޭގައި ދިރިއުޅޭ ފަގީރުން ތަހައްމަލުކުރަންޖެހޭ ދަތިތައް ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ