އަބްދުﷲ ރަސްގެފާނަކީ ދުނިޔެ ބަދަލުކޮށްލެއްވި ޝަހުސިއްޔަތެއް: ރައީސް

ރޭ ދަންވަރު އަވަހާރަވީ ސައުދީ ރަސްގެފާނު، އަބްދުﷲ ބިން އަބްދުލްއަޒީޒަކީ މުޅި ދުނިޔެ ބަދަލުކޮށްލެއްވި ޝަހުސިއްޔަތެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
އަބްދުﷲ އަވަހާރަވުމުގެ ހިތާމައިގައި، އެ ގައުމުގެ ތަހުތަށް އަލަށް އިސްވި، ސަލްމާން ބިން އަބްދުލްއަޒީޒް އާލް-ސައުދަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، ޢަބްދުﷲ ރަސްގެފާނަކީ ސައުދީ އަށާއިމުޅި މެދުއިރުމައްޗަށް ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވައި، އެ ސަރަހައްދުގެ ތަރައްގީއަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައިވާ، ވަރަށް ފާހަގަ ކޮށްލެވޭ ޝަހުސިއްޔަތެއް ކަމަށެވެ. އަދި، ފަލަސްޠީނުގައި މިނިވަން ދައުލަތެއް އުފެއްދުމަށް ގޮވާލައްވައި 2002 ވަނަ އަހަރު ޢަބްދުﷲ ރަސްގެފާނު އެކުލަވާލެއްވި ސުލްހައިގެ މަޝްރޫޢަކީ، ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި ކުރާ ހުރިހާ މަސައްކަތެއްގެ އަސްލު ކަމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.
"ތަފާތު ޘަޤާފަތްތަކާއި، އެކި ދީންތަކުގެ މީހުންގެ މެދުގައި ހަމަޖެހުން ޤާއިމް ކުރެއްވުމަށް ޢަބްދުﷲ ރަސްގެފާނު އިސްނަންގަވައިގެން ކުރައްވާފައިވާ މަސައްކަތްޕުޅުތަކަކީ މުޅި ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް. ޚާއްޞަ ގޮތެއްގައި، ސަޢޫދީ ޢަރަބިއްޔާގެ ތަޢުލީމާއި، އަދި އެހެނިހެން އިޖްތިމާޢީ ދާއިރާތައް ތަރައްޤީކުރެއްވުމުގައި މޭސްތިރިއެއްގެ ގޮތުން ޢަބްދުﷲ ރަސްގެފާނު ކުރައްވާފައިވާ މަސައްކަތްޕުޅުތައް،" ރައީސްގެ މެސެޖްގައިވެ އެވެ.
ޢަބްދުﷲ ރަސްގެފާނު އަވަހާރަވުމަކީ، ސަޢޫދީ ޢަރަބިއްޔާގެ ރައްޔިތުންނަށާއި، މުޅި މުސްލިމް އުއްމަތަށާއި، އަދި މުޅި ދުނިޔެއަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ހިތާމައެއް ކަމުގައިވެސް ވިދާޅުވެފައިވެއެވެ. ރައީސްގެ މެސެޖު ނިންމަވާލެއްވީ އަބްދުﷲ ރަސްގެފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށް އެދި ދުއާ ދަންނަވަމުންނެވެ. އަދި ސަޢޫދީ ރަސްގެފާނަށާއި، ޝާހީ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ