ސަރުކާރުގެ "ކޫލް ސްކޫލް" މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގެ ސްކޫލުތަކުގައި އޭސީ ހަރުކުރަން ފަށައިފި

ސަރުކާރުން ތައާރަފުކޮށްފައިވާ "ކޫލް ސްކޫލް" މަޝްރޫއުގެ ދަށުން ކުޅުދުއްފުށި ސިޓީގެ ސްކޫލުތަކުގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ މޫސުމީ ބަދަލުތަކާއެކު ކްލާސްރޫމްތަކުގެ ހޫނުމިން މަތިވަމުންދާތީ، ދަރިވަރުންނަށް އުނގެނުމަށް ފަހި، ހިތްހަމަޖެހޭ އަދި ފިނި މާހައުލެއް ސްކޫލުތަކުގައި ގާއިމުކޮށްދިނުމަށްޓަކައި ހިންގާ ޚާއްސަ ގައުމީ މަޝްރޫއެކެވެ.
ކުޅުދުއްފުށި ސިޓީގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ ޖަލާލުއްދީން ސްކޫލުގައެވެ. އެ ސްކޫލުގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ ކަންކަން ބާރަށް ކުރިއަށްދާއިރު، އެޑިއުކޭޝަން މިނިސްޓްރީގެ ޕްލޭންގައިވާ ގޮތުން ކުރިއަށް އޮތްތަނުގައި ކުޅުދުއްފުށީގައި ހުރި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިތުރުން އަފީފުއްދީން ސްކޫލުގެ ކްލާސްރޫމްތަކުގައި ވެސް އޭސީ ހަރުކުރެވިގެންދާނެއެވެ..
ސްކޫލުތަކުގެ މާހައުލު ފިނިކުރުމުގެ ސަބަބުން ދަރިވަރުން ކިޔެވުމަށް ދޭ ސަމާލުކަން އިތުރުވެ، ހޫނުގަދަވުމުގެ ސަބަބުން ކުދިންނަށް ދިމާވާ ސިއްހީ އުނދަގޫތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ސަރުކާރު ސްކޫލުތަކަކީ ވެސް "ކޫލް ސްކޫލް" ތަކަކަށް ހަދައި، ތައުލީމީ ފެންވަރު މަތިކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ