ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ އިއްތިޙާދު، އާސިއާންގެ މަޝްވަރާގެ ބައިވެރިއެއްގެ ގޮތުގައި ތުރުކީވިލާތް ހިމެނުމަށް އާސިއާންއިން ނިންމައިފިއެވެ.
އެ ނިންމުން އިޢުލާނުކޮށްފައި ވަނީ ފިލިޕީންސްގެ މަނިލާގައި ކުރިއަށް ދިޔަ އާސިއާންގެ ޚަރިޖީ ވަޒީރުންގެ ބައްދަލުވުމުގައެވެ. އެ ނިންމުމާއެކު ތުރުކީވިލާތް ވެފައި މި ވަނީ އެ އިއްތިޙާދުގެ މި ފަދަ 12ވަނަ ބައިވެރިޔާއަށެވެ. އެއީ އާސިއާންގެ ފުރިހަމަ މެންބަރު ކަމުގެ ދަރަޖައާ ޖެހިގެން ދެން އޮންނަ އެންމެ މަތީ ދަރަޖައެވެ.
ތުރުކީވިލާތުގެ ޚަރިޖީ ވަޒީރު ހަކަން ފިދާން ވިދާޅުވީ އެ ނިންމުމަކީ އޭޝިއާ ޕެސިފިކްގައި ތުރުކީވިލާތުގެ ދައުރު ފުޅާ ކުރުމަށް ލިބޭ އިތުރު ބާރެއް ކަމަށެވެ. އަދި އެއީ އާސިއާންއާއެކު ސިޔާސީ އަދި އިޤްތިޞާދީ އެއްބާރުލުން އިތުރު ކުރުމަށް ލިބޭ ފުރުޞަތެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. 2010ވަނަ އަހަރުގެ ތެރޭގައި އާސިއާންއާއި ތުރުކީވިލާތާ ދެމެދު ގުޅުން ޤާއިމްކުރި ފަހުން އެ ޤައުމުން އާސިއާންގެ ޤައުމުތަކާއެކު ކުރާ ވިޔަފާރި 6.5 ބިލިއަން އެމެރިކާ ޑޮލަރުން 16 ބިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އާސިއާންގެ ގާތް ގުޅުން ބޭއްވުމާއި އެއްބާރުލުން ދިނުމުގެ މުއާހަދާގައި ތުރުކީވިލާތުން ސޮއިކޮށްފައި ވަނީ 2010ވަނަ އަހަރުގެ ތެރޭގައެވެ. އަދި ސެކްޓޯރަލް ދަޔަލޮގު ޕާޓްނަރެއްގެ ޙައިޞިއްޔަތު އެ ޤައުމަށް ދީފައި ވަނީ 2017ވަނަ އަހަރުގެ ތެރޭގައެވެ. މަޝްވަރާގެ ބައިވެރިއަކަށް ނުވަތަ ޑަޔަލޮގު ޕާޓްނަރަކަށް ވުމަށް ތުރުކީވިލާތުން ހުށަހަޅާފައި ވަނީ 2024ވަނަ އަހަރުގެ ތެރޭގައެވެ.
ފިދާން ވިދާޅުވީ އާސިއާންގެ މަޝްވަރާގެ ބައިވެރިއެއްގެ ގޮތުގައި ތުރުކީވިލާތް ކަނޑައެޅުން އެއީ އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް ޢުރުދުޣާންގެ ޒަޢާމަތުގައި ޙާޞިލް ކުރެވުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. ތުރުކީވިލާތުން އެ މަޤާމު ހޯދުމަށް 2024ވަނަ އަހަރު ހުށަހެޅި ހުޅަހެޅުމަށް ތާޢީދު ކުރެއްވީތީ އާސިއާންގެ ޚާރިޖީ ވަޒީރުންނަށާއި، މުޤައްރިރަށާއި އިދާރާއަށް އޭނާ ޝުކުރު ޢަދާ ކުރައްވާފައިވެއެވެ.
ފާއިތުވި އަހަރުތަކުގައި ތުރުކީވިލާތުން ވަނީ އޭޝިޔާއަށް ނިސްބަތްވާ ޤައުމުތަކާއެކު އެކި ގޮތްގޮތުންނާއި ދާއިރާތަކުން މަސައްކަތްކޮށްފައެވެ. އެއީ އެ ޤައުމުން 2019ވަނަ އަހަރު ތަޢާރަފްކުރި އޭޝިޔާ އަނިޔު އިނިޝިއޭޓިވްގެ ދަށުންނެވެ.
އާސިއާންގެ މަޝްވަރާގެ ބައިވެރިއެއްގެ ލަގަބު ތުރުކީވިލާތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ