އަމިއްލަވަންތަކަމަށް އޮތް ފަޚުރުވެރިކަން ދެމެހެއްޓުމަށް މުޖުތަމައުގައި ބަދަހިގުޅުމެއް އޮތުން މުހިންމުކަމަށް ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ 61 ވަނަ މިނިވަންދުވަހުގެ މުނާސަބަތާއި ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެ މަނިކުފާނުގެ މެސެޖުގައި ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހި އެންމެހާ ރައްޔިތުންނަށް އަރިސްކުރެއްވިއެވެ. އަދި މިނިވަންކަމުގެ ކާމިޔާބީއަށްޓަކައި ޤުރުބާންވީ ބަޠަލުންނަށް ހެޔޮދުއާކޮށްދެއްވިއެވެ.
ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއަދު އަޅުގަނޑުމެންނަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ، ކާބަފައިން ފުރާނަދީގެން ހޯދި މިނިވަންކަން ދެމެހެއްޓުން ކަމަށެވެ. އެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ޤައުމީ ލޯބި އިސްކުރުމާއި، ޒުވާނުންގެ ޤާބިލުކަން އިތުރުކުރުމަށް އަދި އަމިއްލަވަންތަކަމަށް އޮތް ފަޚުރުވެރިކަން ދެމެހެއްޓުމަށް، މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުންކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.
"އެހެންކަމުން މިނިވަން ދުވަހުގެ މުނާސަބަތުގައި މި ސިފަތަކުން ސިފަ ލިބިގަނެ މިނިވަންކަމާއެކު ޤައުމާއިގެން ކުރިއަށް ދިއުމަށް އިލްތިމާސްކުރަން. ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން" ރައީސް ކުރެއްވި ޕޯސްޓުގައިވެއެވެ.
ދިވެހިރާއްޖޭގެ 61ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަފާތު އެކި ހަރަކާތްތައް ވަނީ ތާވަލުކޮށްފައެވެ. މި ހަރަކާތްތައް ފަށާފައިވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ދެދުވަހަށް ބަހާލައިގެން މިމަހުގެ 26 އަދި 27 ވަނަ ދުވަހު ކުރިއަށް ގެންދާނެއެވެ. އެގޮތުން މިއަދު ހެނދުނު 9:00ގައި ސޯޝަލް ސެންޓަރުގައި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާނެއެވެ. އެ ރަސްމިއްޔާތުގެ ތެރެއިން ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 61 ބޭފުޅަކަށް އަރުވާނެއެވެ. މިރޭ ރޭގަނޑު 8:15ގައި ޖުމްހޫރީ މައިދާނުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ. އަދި ހޯމަ ދުވަހުވެސް އިތުރު ހަރަކާތްތައް ކުރިއަށްދާނެއެވެ.
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ