ފުޓްބޯޅަ ފެސިލިޓީ ބިމުގެ މައްސަލަ އެޗްޑީސީން ކޯޓުން ނަގައިފި

ރާއްޖޭގައި އިންޓަނޭޝަނަލް ފެންވަރުގެ ފުޓްބޯޅަ ޓްރެއިނިން ފެސިލިޓީތަކެއް އެޅުމަށް އެޗްޑީސީން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދޫކުރި ބިން އަނބުރާ ހަވާލުނުކޮށްގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކުންފުނިން އަނބުރާ ނަގައިފި އެވެ. 
އެފްއޭއެމް އާއި އެޗްޑީސީއާ ދެމެދު ޖުލައި 11، 2018 ގައި ވީ އެއްބަސްވުމުގެ ދަށުން ހުޅުމާލެއިން 230،000 އަކަފޫޓުގެ ބިމުގެ ސްލޮޓްތަކެއް ކުއްޔަށް ދޫކޮށްފައިވެ އެވެ. ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް ފެސިލިޓީގެ މަސައްކަތް ނުހިނގާތީ އެޗްޑީސީން ސެޕްޓެމްބަރު 17، 2024 ގައި އެއްބަސްވުން ބާތިލްކުރި އެވެ. 
އެއްބަސްވުން އުވާލުމުން ވެސް އެފްއޭއެމުން އެ ބިން ހަވާލުނުކޮށް، ކުލި ވެސް ނުދައްކާތީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ސިވިލް ކޯޓަށް އެޗްޑީސީން މައްސަލަ ހުށަހެޅި އެވެ. އެ ދައުވާގައި އެޗްޑީސީން އެދިފައިވަނީ ބިން އަނބުރާ ހަވާލުކުރުމަށާއި އެ ދުވަހާ ހަމައަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ އެކީ އެއްފަހަރާ ދެއްކުމަށެވެ. އަދި ބިން ހަވާލުނުކުރުމުގެ ސަބަބުން އެޗްޑީސީއަށް ލިބެމުންދާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ވެސް އެދިފައިވެ އެވެ. 
The most trusted news source in the Maldives
ދައުވާއަށް އެފްއޭއެމުން ޖަވާބު ހުށަހަޅާފައިވަނިކޮށް ދައުވާ އަނބުރާ ގެންދަން ބޭނުންވާކަން އެޗްޑީސީން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އޭގެ ސަބަބެއް ކަމަށް ބުނެފައިވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ މަޝްވަރާތައް ކުރިއަށް ދިއުމެވެ. އެ މަޝްވަރާތަކުން ހައްލެއް ނުލިބިއްޖެ ނަމަ ދައުވާ އަލުން ހުށަހަޅާނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ. 
ފުޓްބޯޅަ ފެސިލިޓީއެއް އަޅަން އެފްއޭއެމްއަށް ދޫކުރި ބިމުން އެފްއޭއެމުން 15 ފަރާތަކަށް ބިން ދޫކޮށްފައިވެ އެވެ. އެ މުއާމަލާތްތައް ހިންގާފައިވަނީ 2021 އިން 2024 އާ ދެމެދުގަ އެވެ. 
މިކަމުގައި ބޮޑެތި ކޮރަޕްޝަންތައް ހިންގާފައިވާ ކަމަށް ތުހުމަތުވާއިރު އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އެ އެއްބަސްވުންތަކުގެ ދަށުން 52 މިލިއަން ރުފިޔާ އެފްއޭއެމަށް ލިބެން ޖެހެ އެވެ. ނަމަވެސް އޭގެ ތެރެއިން 40 ޕަސެންޓް ފައިސާ އެފްއޭއެމަށް ވަދެފައިވާކަން ރެކޯޑުތަކުން ފެންނަން ނެތް ކަމަށް ރިޕޯޓުގައިވެ އެވެ.
ގެއްލުނު ފައިސާގެ ތެރޭގައި ބިމުގެ ސްލޮޓްތަކާއި އިމާރާތުގެ ފްލޯތައް ކުއްޔަށް ނެގި ފަސް ފަރާތަކުން ނަގުދު ފައިސާއިންނާއި ޗެކުން ދެއްކި ފައިސާ އެފްއޭއެމްގެ ބައެއް އިސްވެރިން ސޮއި ހިމެނޭ ރަސީދުތަކާއި ޕޭމަންޓް ވައުޗާތަކުން ލިބުނު 14 މިލިއަން ރުފިޔާ ހިމެނެ އެވެ. އެކަމަކު އެ ފައިސާ އެފްއޭއެމްގެ އެކައުންޓްތަކަށް ޖަމާކޮށްފައެއް ނުވެ އެވެ. އަދި ނަގުދު ފައިސާގެ ގޮތުގައި ވެސް ލިބިފައިވާ ކަމަކަށް ވެސް އެފްއޭއެމްގެ ހިސާބުތަކުން ނުދައްކަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ