މަސައްކަތް ކުރަނީ ވަކި އޯޑަރަކަށް ނޫން, ޒިންމާ އަދާކުރަން: އާހިދު
އިންފޮމޭޝަން ކޮމިޝަނަރު އަޙުމަދު އާހިދަކީ ސަރުކާރާ ދެކޮޅަށް ކަންކަން ކުރަން އިދިކޮޅު ފަރާތްތަކުން އޯޑަރު ލިބޭ ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި ވާހަކަފުޅު އާހިދު ދޮގުކުރައްވައިފިއެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވަނީ، އިންފޮމޭޝަން ކޮމިޝަނަރަކީ ކުރީ ސަރުކާރުން އައްޔަންކޮށްފައި ހުންނެވި، ސިޔާސީ ގޮތުން ސަރުކާރާ ދެކޮޅު ކަންތައްތައް ކުރައްވަން އޯޑަރު އަންނަ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. https://www.sun.mv/225149 އެކަމާ ގުޅިގެން "ސަން" އިން ސުވާލު ކުރުމުން އާހިދު ވިދާޅުވީ، އޭނާއަކީ ވަކި ސަރުކާރެއްގެ ދައުރުގައި އައްޔަން ކުރައްވާފައިވާ ބޭފުޅަކަށް ވާތީ މަސައްކަތް ކުރައްވަނީ ވަކި އޯޑަރަކަށް ނޫން ކަމަށެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް އަދި މިވެރިކަމުގައި ވެސް އޭނާގެ މަސައްކަތަށް ސީދާ ނުފޫޒު ފޯރުވަން ސަރުކާރުތަކުން މަސައްކަތް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. "މަސައްކަތް މި ކުރަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ގާނޫނާ އެއްގޮތަށް މިނިވަންކަމާއެކުގައި. އެއީ މަސައްކަތް ކުރަން ޖެހޭ ގޮތަކީ ވެސް," އާހިދު ވިދާޅުވިއެވެ. އާހިދު ފާހަގަކުރެއްވި ގޮތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ ހައިސިއްޔަތުން އޭނާގެ އެންމެ މުހިންމު ޒިންމާއަކީ ރައްޔިތުންނަށް ލިބިދީފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ރައްކާތެރިކޮށްދިނުމެވެ. އެގޮތުން މައުލޫމާތު ހޯދަން އެދެނީ ކޮން ފަރާތަކުންތޯ ނުބައްލަވާ ކަމަށާއި، ގާނޫނުގެ ދަށުން ދޫކުރަންޖެހޭ މައުލޫމާތެއް ނަމަ އެ މައުލޫމާތެއް ދޫކުރަން އަންގަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ކޮންމެ މީހެއް އެދުނު ކަމުގައި ވިޔަސް ގާނޫނުގެ ދަށުން، މި ގާނޫނުގެ ދަށުން އެ މައުލޫމާތަކީ ދޫކުރަންޖެހޭ މައުލޫމާތެއް ކަމަށް ވަންޏާ ދޫކުރަންޖެހޭނެ،" އާހިދު ވިދާޅުވިއެވެ. https://x.com/sunbrk/status/2081323552897425508 އާހިދު އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހޯދައިދިނުމުން، އެއީ އިދިކޮޅު ފަރާތްތަކަށް ވާގިވެރިވުން ކަމަށް ބައެއް ފަރާތްތަކަށް ސިފަކުރެވިދާނެއެވެ. ނަމަވެސް އޭނާގެ މަސްއޫލިއްޔަތަކީ ވަކި ފަރާތަކަށް ބެލުމެއް ނެތި މައުލޫމާތު ފޯރުކޮށްދިނުން ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ. "މިދިޔަ ވެރިކަމުގައި އިދިކޮޅުގައި ތިއްބެވި ބޭފުޅުން އެދުނު މައުލޫމާތު ހާމަ ކުރަން އެ ސަރުކާރަށް ވެސް އެންގިން. ނޫސްތަކުން ވެސް އެ ވާހަކަތައް ފެންނަން ހުންނާނެ. އެއީ އަޅުގަނޑު ކުރަން ޖެހޭ ކަމަކީ މައުލޫމާތު ހާމަ ކުރަން ލާޒިމް ކުރުން," އާހިދު ވިދާޅުވިއެވެ. މީގެ އިތުރުން، އާހިދު ވަނީ ކުރީ ސަރުކާރުންނާއި މިހާރުގެ ސަރުކާރުން ވެސް އޭނާގެ މަސައްކަތަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައި ނުވާކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ސަރުކާރަކުން އިންޒާރުދީ، ނުވަތަ ނުފޫޒު ފޯރުވަން އުޅެފައި ނުވާކަމީ ފާހަގަކުރައްވަން ބޭނުންފުޅުވާ ކަމެކެވެ. ރައީސް މުއިއްޒު ވަނީ ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި އާންމުކުރަން ޖެހޭ މައުލޫމާތު ހުރިހާ ވުޒާރާއަކުން އާންމުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެއީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސަރުކާރަކުން ކުރި ކަމެއްކަން އާހިދު ވެސް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އާހިދު ވަނީ މިދިޔަ ޖޫން މަހުގެ ހަތް ވަނަ ދުވަހު، ހުރިހާ ވުޒާރާއަކުން ވެސް ހާމަކުރަން ލާޒިމުކުރާ މައުލޫމާތު އާންމުކޮށްފައިވާކަން ހާމަކުރައްވާފައެވެ. އާހިދު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރައްވައިފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި، 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އޭނާ ވަނީ އެ ސަރުކާރުން ވެސް މައުލޫމާތު ހާމަ ކުރަން އަންގަވާފައެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އާންމުން އެދޭ ބައެއް މައުލޫމާތު ސަރުކާރުން ހާމަނުކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ. އެގޮތުން ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ނުދީގެން މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި ރައީސް އޮފީހުން ޖަވާބު ނުދޭ މައްސަލައެއްގައި އިންފޮމޭޝަން ކޮމިޝަނުން ވަނީ މި މަހު ރައީސް އޮފީސް ޖޫރިމަނާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ