ޑީޖީޖީ ރޮކެޓް ލީގު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދަށް ހަމަވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޒީރޯ ޕޮއިންޓް ގުޅިގެން ބާއްވާ "ޒީރޯ ޕޮއިންޓް ކްލޭޝް ސީރީޒް: ރޮކެޓް ލީގު" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވާނެއެވެ. މިއީ ރާއްޖޭގެ އީ-ސްޕޯޓްސް ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ފޯރިގަދަ މުބާރާތެކެވެ. މި މުބާރާތް ކުރިއަށްދާނީ އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގައި ހުޅުމާލޭގައި ހުންނަ ޒީރޯ ޕޮއިންޓް ގޭމިން ކެފޭގައެވެ. މި މުބާރަތުގައި ބައިވެރިވެ ވަނަވަނަ ހޯދާ ގޭމް ކުޅުންތެރިންނަށް ޖުމްލަ 10،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރުން، މި މުބާރާތުގެ ޕްރިމިއަމް ޕާޓްނަރެއްގެ ގޮތުގައި މިނީސޯ ހަމަޖައްސާފައިވާއިރު، އެލީޓް ޕާޓްނަރަކީ ވިލާ މާޓެވެ. އެއްވެސް ފީއަކާ ނުލައި، ކޮންމެ ސްކިލް ލެވެލްއެއްގެ ގޭމް ކުޅުންތެރިންނަށް ވެސް ބައިވެރިވެވޭގޮތަށް ހުޅުވައިލައިފައިވާ މި މުބާރާތުގައި ރެޖިސްޓާ ކުރެވޭނީ ޑީޖީޖީގެ ވެބްސައިޓް މެދުވެރިކޮށެވެ. އެގޮތުން، މިއަދުގެ ނިޔަލަށް އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ރޮކެޓް ލީގުގެ މައި މުބާރާތުގެ އިތުރުން، މި އިވެންޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިލޭ ކުޅެވޭނެ ތަފާތު އިތުރު ގޭމުތައް ވެސް ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި ރޭސިން ސިމިއުލޭޝަން، ވީއާރް ގޭމްސް، އެފްސީ 26 އަދި ޓެކެން ފަދަ މަޝްހޫރު ގޭމުތައް ހިމެނެއެވެ. މިއީ ގޭމް ކުޅުންތެރިންނާއި، އެ ކުޅުންތެރިންގެ އާއިލާއާއި ރައްޓެހިންގެ އިތުރުން މުބާރާތް ބަލަން ބޭނުންވާ އާންމު ފަރާތްތަކަށް ވެސް ހުޅުވާލައިގެން ކުރިއަށްގެންދާ ފޯރިގަދަ އަދި މަޖާ އިވެންޓެކެވެ. ދިރާގުން ދަނީ ރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް ކަމަށްވާ ދިރާގު ގޭމާސް ގިލްޑް މެދުވެރިކޮށް ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އަދި އީ-ސްޕޯޓްސް ފުޅާކޮށް، ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީ އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެ ކުންފުނިން ދަނީ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ