ކުޅުއްފުށްޓާއި ނެއްލައިދޫ މެޗުން އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް ފަށަނީ ކުޅުއްފުށްޓާއި ނެއްލައިދޫ މެޗުން އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް ފަށަނީ

ރާއްޖޭގެ ފުރަތަމަ ޑިވިޝަނާ ހަމައަށް އައުމަށް ފުރުސަތު ފަހިވެފައި އޮތްގޮތަށް އެކުލަވާލައިފައިވާ، ބީއެމްއެމް އެެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް، ހދ. ކުޅުދުއްފުށްޓާއި ނެއްލައިދޫ ބައްދަލުކުރާ މެޗުން ފަށަން ތައްޔާރުވެއްޖެ އެވެ.
އެފްއޭއެމުން އިއުލާނުކޮށްފައިވާ ގޮތުން، ހަތަރު ޒޯނަކަށް ރާއްޖެ ބަހާލާއިރު، ނޯތު ރީޖަންގައި ހިމެނެނީ، ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި ސިޓީ އެވެ. އަދި، ސެންޓްރަލް ރީޖަންގައި ހިމެނެނީ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިމެނޭއިރު، ދެން އޮންނާނީ، މާލެ ރީޖަން އެވެ. އެއީ، މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތަކެވެ.
އެފްއޭއެމް އިން ވަނީ އެޓޯލް ޗެމްޕިއަންޝިޕްގެ އަތޮޅު ބުރުގެ މެޗުތައް ކުޅޭނެ ގިނަ ރަށްތަކެއް ކަނޑައަޅައިފަ އެވެ. އެ ގޮތުން، ހއ. އާއި ހދ. ގެ މެޗުތައް ކުޅޭނީ ކުޅުދުއްފުށި ސިޓީގަ އެވެ. ކ. އަތޮޅުގެ މެޗުތައް ގުރައިދޫގައި ކުޅޭއިރު، ނ. އަތޮޅުގެ މެޗުތައް ހޯސްޓްކުރާނީ ކެނދިކުޅުދޫގަ އެވެ. އއ. އަތޮޅުގެ މެޗުތައް ތޮއްޑޫގައި ކުޅޭއިރު، އދ.ގެ މެޗުތައް މަހިބަދޫ ޕެލޭ ސްޓޭޑިއަމްގައި ކުޅެން ވަނީ ނިންމައިފަ އެެވެ. އަދި، ގދ.ގެ މެޗުތައް ހޯސްޓްކުރާނީ ގައްދޫގަ އެވެ.
މިހާރު އޮތްގޮތުން، ބައިވެރިވެފައިވާ ޓީމުތަކުގެ ނިސްބަތަށް ބަލައި، ހޯމް އެންޑް އަވޭ އުސޫލުން ކުޅެން ނިންމާފައިވާ އަތޮޅުތަކަކީ، ޅ. ވ، ފ، އަދި ދ، އަތޮޅެވެ. ހޯސްޓްކުރާނެ ރަށެއް ކަނޑަނޭޅި އޮތް އަތޮޅުތަކަކީ، ލ، ގއ، އަދި ސ. އަތޮޅެވެ. އަދި، އެއް ޓީމު ބައިވެރިވެފައިވާތީ، އަތޮޅު ތަމްސީލްކުރުމުގެ ފުރުސަތާ އެކު، އޮޓޮމެޓިކުން އަނެއް ބުރުގެ ޖާގަ ލިބިފައިވަނީ، ތ. ބ. އަތޮޅާއި ޏ. ފުވައްމުލަކު ސިޓީގަ އެވެ.
ހދ. އަތޮޅުގެ މެޗުތައް މިއަދު ކުޅުދުއްފުށީގައި ފަށާއިރު، ކުޅުދުއްފުއްޓާއި ނެއްލައިދޫގެ އިތުރުން ދެން ވާދަކުރަނީ، ނޮޅިވަރަމް އާއި ހަނިމާދޫ އެވެ. ހއ. އަތޮޅުން ކުޅެނީ ދިއްދޫ އާއި އިހަވަންދޫ އެވެ. ޅ. އަތޮޅުން ކުރެންދޫ އާއި ނައިފަރު ކުޅޭއިރު، ނ. އަތޮޅުން ވާދަކުރަނީ ކެނދިކުޅުދޫ އާއި ކުޑަފަރި އާއި މަނަދޫ އެވެ. ލ. އަތޮޅުން ކުޅެނީ، ފޮނަދޫ، ކުނަހަންދޫ، ގަން އަދި މާބައިދޫ އެވެ. ގއ. އިން ދެއްވަދޫ އާއި ވިލިނގިލިން ކުޅޭއިރު، ގދ. އިން ކުޅެނީ، ގައްދޫ، ހޯޑެއްދޫ އަދި ތިނަދޫ އެވެ. އައްޑޫ ސިޓީން ކުޅެނީ ފޭދޫ، މަރަދޫ އަދި ހިތަދޫ އެވެ. ފ. އަތޮޅުން މަގޫދޫ އާއ ނިލަންދޫ ކުޅޭއިރު، ދ. އަތޮޅުން ކުޅެނީ ކުޑަހުވަދޫ އާއި މީދޫ އެވެ.
ކ. އަތޮޅުން ގުރައިދޫ، ހިންމަފުށި، މާފުށި އަދި ހުރާ އިން ވާދަކުރާއިރު، އދ. އަތޮޅުން ހަ ޓީމެއް ވާދަކުރެ އެވެ. އެއީ، ގްރޫޕް އޭގައި މަހިބަދޫ، ހަންޏާމީދޫ، ކުނބުރުދޫ ކުޅޭއިރު، ގްރޫޕް ބީގައި، ފެންފުށި، އޮމަދޫ އަދި ދިގުރަށެވެ. އއ އަތޮޅުން، ތޮއްޑޫ އާއި އުކުޅަސް އަދި ރަސްދޫން ކުޅޭއިރު، ވ އަތޮޅުގައި، މުލަކާއި ވޭވަށް ބައްދަލުކުރާނެ އެވެ.
އެފްއޭއެމް އިން އެޓޯލް ޗެމްޕިއަންޝިޕްގެ ފޯމެޓް ރާވާފައިވާ ގޮތަކީ ފީފާ ފޯވާޑްގެ ރުހުން ލިބިފައިވާ އޮނިގަނޑެކެވެ. އެ ގޮތުން، އަތޮޅު ބުރު ނިމުމަށް ފަހު، 18 ދަނޑެއްގައި، ނޮކައުޓް ބުރުގެ މެޗުތަކެއް ކުޅެވިގެންދާނެ އެވެ.
އެފްއޭއެމުން އިއުލާނުކޮށްފައިވާ ސީޒަން ކަލަންޑަރުގައިވާ ގޮތުން، ހުރިހާ އަތޮޅު މުބާރާތެއްގެ ޗެމްޕިއަން ކަނޑައެޅުމާއި ރީޖަނަލް ލީގުތަކުގެ ޗެމްޕިއަން، އަންނަ އަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގު ނިމުމުގެ ކުރިން، ކަނޑައެޅިގެންދާނެ އެވެ. އަދި، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން އޮންނާނީ އަންނަ އަހަރުގެ މެއި މަހުގަ އެވެ.
މި ސީޒަނުން ފެށިގެން، ދިހަ ޓީމާ އެކު ކުޅޭ ދިވެހި ޕްރިމިއާ ލީގު، ލީގުގެ ގަދަ ހަ ޓީމަކަށް 2026/2027 ގެ ލީގުން ޖާގަ ކަށަވަރުވާއިރު، ފުލަށް ދާ ދެ ޓީމެއް، ރީޖަނަލް ލީގުގެ މާލެ ލީގަށް (މިހާރުގެ ސެކަންޑް ޑިވިޝަނަށް) އޮޓޮމެޓިކުން ރެލިގޭޓްވާނެ އެވެ. އަދި، ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ކުޅޭނީ މާލެ ލީގުގެ ކޮލިފިކޭޝަން ބުރުގަ އެވެ.
ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނީ، ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމާއި، ނޯތު ލީގު، ސެންޓްރަލް ލީގު، ސައުތު ލީގު އަދި މާލެ ލީގު (ދެ ވަނަ ޑިވިޝަން)ގެ ޗެމްޕިއަން، ހިމެނޭ ގޮތަށް ޖުމްލަ ހަ ޓީމުގެ މެދުގަ އެވެ. މީގެ ތެރެއިން، ގަދަ ހަތަރު ޓީމެއް، 2026/2027 ގެ ލީގަށް ކޮލިފައިވާނެ އެވެ.
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕަށް ފީފާ އިން 266،000 ޑޮލަރު (4.1 މިލިއަން ރުފިޔާ)ގެ އެހީއެއް ދޭން ފީފާ އިން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ